ރައީސް މުއިއްޒު މިއަދު ވަނީ ޕީއެންސީގެ އިންތިހާބީ މަޖިލިސް މެންބަރުންނާ މުލިއާގޭގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި އޮތީ، ޕީއެންސީގެ ފަރާތުން މަޖިލީހުގެ ރައީސް އަދި ނާއިބު ރައިސް ކަމަށް ކުރިމަތިލައްވާނެ ބޭފުޅުންނާއި ޕާލިމަންޓްރީ ގްރޫޕުގެ މަގާމުތަކަށް އައްޔަން ކުރާ މެންބަރުން ކަނޑައެޅުމެވެ.
އެގޮތުން ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް، ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ހުށަހަޅުއްވައިފަ އެވެ.
އެ ދެ ބޭފުޅުންގެ ނަން މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ހުށަހަޅަން، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
މުލިއާގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކަތަކަށް އިސްކަމެއް ނުދެއްވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ފަދަ ލީޑަރަކު މިހާތަނަށް އައިއިރު ފެނިވަޑައިގެންފައި ނުވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި 93 މެމްބަރުން ހުވާ ކުރުން އަންނަ މިމަހު 28 ގައި ބާއްވަން މަޖިލިހުގެ އިދާރާ އިން ވަނީ ނިންމައިފަ އެވެ.
މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރިއިރު ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރި ހަ މިނިވަން ކެންޑިޑޭޓަކު ވެސް އިންތިހާބު ކާމިޔާބުކުރެއްވި އެވެ. ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ގުނަނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގަ އެވެ. އެހެންވެ ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު 76 އަށް އަރަ އެވެ.
އިދިކޮޅު އެމްޑީޕީ އަށް އާ މަޖިލިހުން ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.