ads
ދޫކޮށްފައި ނުދާށޭ.. - ފަސް ވަނަ ބައި
އެޕިސޯޑް 5

ހޯމަ ދުބަހުގެ ބަޔާއި ގުޅޭ

ކޮލުގައި މަޑުމަޑުން ދެތިން ފަހަރަކު ޖަހައިލުމަށްފަހު ނަރުސްކުއްޖާ އަލީޒީއަށް ގޮވައިލި އެވެ. ނަމަވެސް ކުޑަވެސް ހަރަކާތެއް ނުގެނަ އެވެ. ރޮމުންދިޔަ ދަރިފުޅުގެ ގިސްލުމުގެ އަޑުން ހިތްތައް ފަޅައިގެންދާވަރުވެ އެވެ. އައިޝާގެ ދެލޮލުގެ އެސްފިޔަތަކަށް ކެތްނުވުމުން ނަރުސްކުއްޖާގެ އަތުން ބޭބީ ނެގި އެވެ. އަދި ވަރަށް ހިތްވަރުކޮށްފައި ބޭބީ، އަލީޒީއާ ގާތްކޮށްލި އެވެ. އަލީޒީގެ މޫނުގައި ބޭބީގެ 'ފުށްކޮޅެއް'ފަދަ ލޯބި މޫނު، ޖެހޭނުޖެހޭވަރު ގާތްކޮށްލެވުނު ވަގުތު އެތަނުގައި ތިބި އެންމެންނަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ އަޖައިބުވެ އަންތަރީސްވެގެންނެވެ.

ބާރަށް ދުއްވާފައި އަންނަ ޓްރަކެއް ކުއްލިޔަކަށް ބުރަކިޖައްސާ ފަދައިން، ބޭބީގެ ރުއިން ކެނޑިއްޖެ އެވެ. ހަމަ ކުއްލިޔަކަށެވެ. މަންޒަރު ބަލަންތިބި ލޯތައް ހަރަކާތް ހުއްޓުވާލާފަ އެވެ. އައިޝާގެ ލޮލުންވެއްޓުނު ކަރުނަ ބޭބީގެ މޫނުގައި ޖެހުނުވަގުތު އެ ކަރުނަ ފޮހެ ސާފުކޮއްލައިދިނީ މުންޝިރެވެ. ނަރުސްވެސް އިޝާރާތްކޮށްލީ އަލީޒީގެ މޫނުގައި ބޭބީ ބީއްސާލުމަށެވެ.

ދެމައިންގެ ތުނި ހަންފަށަލަ ބީހިލުމާއެކު އަލީޒީގެ ހަށިގަނޑުން އޭނާގެ ކޮންޓްރޯލް ގެއްލުނެވެ. ހަށިގަނޑުގެ ހުރިހައި ހިމަލޯލިތައް ކޮޅަށްޖެހުނެވެ. ދުނިޔޭގެ ހުރިހާ ވޭނެއް ހަނދާން ނެތިއްޖެ އެވެ. ހިތުގައި އޮތް ހުރިހާ ޝަކުވާއެއް ހަނދާން ނެތިއްޖެ އެވެ. ހިތުގައި އޮތް ބަރުކަން ލުއިވެއްޖެ އެވެ. ސިކުނޑީގައި އޮތް ބޮޑު ހިލަ ދިޔަތަނެއް ނުވެސްއެގެ އެވެ. ނާރުތަކުގައި ނަގަމުންދިޔަ ތޫނުދިލަ ފިލައި ހިނގައްޖެ އެވެ. ހަމަކުއްލިޔަކަށް ހަށިގަނޑަށް އެވަރުގެ ބޮޑު ލުޔެއް ލިބުނީ ކީއްވެހެއްޔެވެ؟ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވީ ކޮންކަމެއް ހެއްޔެވެ؟ މައިވަންތަ ކުލުނުގެ ބާރަކީ މިއީ ކަމަށްވަންޏާއި އަލީޒީގެ މަންމަގެ ހިތުގައި މި އިހްސާސް ނެތުނީ ކީއްވެ ހެއްޔެވެ؟ ތަކުރާރުކޮށް އެ ސުވާލު އުފެއްދުނީ އަދިވެސް އެ ލޯތްބަށް ހިތް އެދޭތީ އެވެ.  

ބަރަކާތުން ފުރިގެންވާ މާތް ފެނަކުން މުޅި ހަށިގަނޑު ދޮވެވުނުފަދަ އިހްސާސެއް އޭނާއަށް ކުރެވިއްޖެ އެވެ. ބަޔާންކުރަން ނޭގޭފަދަ ތަފާތު އިހްސާސެކެވެ. މުޅި ދުނިޔެ އަލީޒީއަށްޓަކައި ބަދަލުވީ ހެއްޔެވެ؟ ނުވަތަ މައުސޫމް އެދަރިފުޅަށްޓަކައި މާތްﷲ،  ދެމައިންގެ ދުނިޔެ އަމާންކުރެއްވީ ހެއްޔެވެ؟ އަލްހަމްދު ލިއްލާހި އެވެ!

ކުއްލިޔަކަށް މީރުވަހެއް ނޭފަތުގައި ހަރުލައިފި އެވެ. މަޑުމަޑު ހިތްގައިމު ވަހެކެވެ. އެވަރުގެ އަރާމެއް އަލީޒީގެ މުޅި ހަޔާތުގައިވެސް އިހްސާސްނުކުރެ އެވެ. ހަށިފުރައި ނޭވާއެއް ދޫކޮށްލެވުނެވެ. ދެ ލޯ މަރައިލެވުނެވެ. ފުއްޕާމޭގައި ދަތިކަމެއް ނެތެވެ. ކޮންފަދަ ރައްކާތެރިކަމެއް ތޯ އެވެ. އެފަދަ ލުއިކަމެއް އިހުސާސްކުރި ދުވަހެއް އަލީޒީ މިހާރަކު ހަނދާނެއް ނެތެވެ. ދެލޯ މަރައިލެވުނީ އިހްތިޔާރަކު ނޫނެވެ. އަނދިރީގެ ތެރެއިން އަމާންކަން ނޫނީ ނުފެނުނެވެ. ދެލޯ ހުޅުވުނީ  ތުއްތުތުއްތު ދަރިފުޅުގެ ތުންފަތް އެ މޫނުގައި ބީހިލުމާއެކު އެވެ. އަލީޒީއަށް ބަލައިލެވުނީ އައިޝާގެ އަތުގައި ހުދު ބްލޭންކެޓްގައި އޮޅާލާފައި އޮތް ބޭބީއަށެވެ.

އަލީޒީއަށް ރީތިކޮށް ފެންނާނޭހެން ބްލޭންކެޓް ނިއުޅުވާލާފައި ބޭބީ ދައްކާލި އެވެ. އެވަގުތު ދަރިފުޅު މޯޅިއަކަށް ދެމިލި އެވެ. އަތާއި ފައިވެސް ހަރަކާތްކުރެވެޔޭ މަންމަގާތު ބުނެލުމަށް ކަމަށްވެދާނެ އެވެ. ބަނޑުގައި އޮތް ނުވަމަސްދުވަހު ދަރިފުޅާއި މުހާތަބުކޮށް ހަމައެންމެ ލަފުޒެއްވެސް އަލީޒީ ބުނެނުލާކަން އެދަރިފުޅަށް އެނގޭ ހެއްޔެވެ؟ މާބަނޑުވުމާބެހޭގޮތުން ހެޔޮއެދޭމީހަކު އެއްޗެއް ބުނުމަށްވެސް އަލީޒީ ބޭނުންނުވެ އެވެ. ސުބުހާނަﷲއެވެ. މަންމައަށް މައާފުކުރުމަށް ދަރިފުޅުގެ ކިބައިން އެދެންވެސް އަލީޒީ ބޭނުމެވެ.  މައުސޫމް ދަރިފުޅުގެ ކިބައިން އޭނާ މައާފު އެދޭނެ އެވެ!

ހަތަރެސްފައިން ހީނބިހި ނުފިލައެވެ. ﷲގެ އުފެއްދެވުންތެރިކަމުގެ ފުރިހަމަ ކަމާ އެވެ. އެވަރުގެ ފުރިހަމަ ރީތިކަމެއް ޓީވީއަކުންވެސް ނުވަތަ ތަސްވީރަކުންވެސް އަލީޒީ ދުވަހަކުވެސް ދެކެފައި ނުވެ އެވެ. އަލީޒީއަށް ބޭބީއާއި ދިމާއަށް ބަލައިލެވުނުއިރު ދެލޮލުގެ ހިމަކަނުން ކަރުނައިގެ ކޯރު ދެމިގެންފި އެވެ. އަލީޒީގެ ނޭވާ އިހްސާސްވާހައި ގާތަށް އައިޝާ، ބޭބީ ދިއްކޮށްލި އެވެ. ދެމައިންގެ މޫނު ދިމާވި ވަގުތު އެދަރިފުޅު  ދެލޯބޮޑުކޮއްލީ ހުވަފެނީ ގޮތަކަށް ހިނިތުންވެލާފަ އެވެ. މަންމައަށްޓަކައި އެދަރިފުޅުގެ ހިތް ލޯބިން ފުރިފައިވާ ފަދަ އެވެ.

"ބަލާބަލަ..! ބަލާބަލަ..! ލޮލުގެ ކަޅިވެސް ދެމީހުންގެ ހަމަ އެއްކުލަ.. ހީވަނީ ބިއްލޫރިކޮޅެއްހެން.. މަޑުމަޑު ނޫކުލައިގެ ސާފު ކަޅިއެއް...  ދޮންކަމުން ހީވަނީ ހުދު ފުށްކޮޅެއްހެން...  އަލީޒީގެ ކާބަން ކޮޕީއެއްތަ މިއީ؟" އައިޝާއަށް ކޮއްލެވު ސުވާލުން މުންޝިރާއި ނަރުސްކުއްޖާއަށްވެސް ބަލައިލެވުނީ އަލީޒީގެ މޫނަށެވެ.

އަލީޒީގެ ހިނިތުންވުން އޭނާގެ ލޮލާއި ހަމައަށް ފޯރާފައިވެ އެވެ. ދެއަތް އުފުލާލާފައި އިޝާރާތްކޮށްލީ އެއަތުގެ ތެރެއަށް ދަރިފުޅު ލައިދިނުމަށެވެ. ރުއިމުގެ އަޑެއް ބޭރުނުކުރިޔަސް ތުންފަތް ތުރުތުރު އަޅުވާލިއިރު ކޯތާފަތުން ކަރުނައިގެ ހޫނުތިކިތައް ދެމިގަތްފި އެވެ.

މޭގައި ދަރިފުޅު ބޮނޑިކޮށްލެވުނު ވަގުތު ސިކުނޑީގެ ސުވާލުތަކެއް ކުރިމަތިވި އެވެ. އަލީޒީގެ ހިތްދަތި މާޒީގެ ޒިންމާ އެދަރިފުޅު އުފުލަން ނުޖެހޭ ހެއްޔެވެ؟ އެދަރިފުޅަށް އަލީޒީ މަޢާފުކުރީހެއްޔެވެ؟ ދަރިފުޅުގެ ކުށެއް މިކަމުގައި އެބައޮތް ހެއްޔެވެ؟

އަނިޔާކުރީ އެހެން ބައެކެވެ. އަނިޔާވެރިވީވެސް، ބޭއިންސާފުވީވެސް އެމީހުންނެވެ. އަލީޒީގެ ހައްގުތައް ފޭރިގަތީވެސް އެ ބައެކެވެ. ފުރާނަ ވީދައިގެން ހަށިގަނޑުގެ ތެރެއިން ނެރެން މަސައްކަތްކުރީވެސް އެބައެކެވެ. ހަސަދަވެރިވީ ގާތް ބައެކެވެ. ބަދަލުހިފީވެސް ދަންނަ ބަޔަކު ޝާމިލުވެގެންނެވެ. މުޅިދުނިޔޭގައި ލަދުގެންނެވީވެސް އެމީހުންނެވެ.  އެންމެ ލޯބިވާ ބައްޕަގެ ފުރާނަދިޔަ ވަގުތު މޫނުދެކިލަންވެސް އަލީޒީއަށް ނުލިބުނީ އެ ނުބައި ފާހިޝް ބައެއްގެ ސަބަބުންނެވެ. އަލީޒީގެ މަންމައާއި މުޅި އުމުރަށް ވަކިވުމަށް، މަންމަ މަޖުބޫރުކުރީވެސް އެބައެއްގެ ސަބަބުންނެވެ. ސުވާލަކީ މައެއްގެ ލޯބީން އަލީޒީ މަހްރޫމްކުރުމުގައި އޭނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ހަމައެފަދައިން މިދަރިފުޅު...!!؟؟

"ދެކިބަލަ.. މިއޮއްލޯބި ލޯބި ފުއްގަނޑެއް... މިއީ ހަމައެކަނި އަލީޒީގެ ދަރިއެއް.. ހަމައެކަނި އަލީޒީގެ" އައިޝާ ބުނެލިއެވެ.

އޭނާއަށް ވިސްނިފައި އޮތް އެއްޗެއްގެ މައްޗަށް ބަރޯސާވެފަ އެވެ. އަލީޒީގެ ސިކުނޑީގައި ހިނދުކޮޅެއްކުރީން ވެރިވަމުންދިޔަ ޚިޔާލުތައް އެއްފަރާތް ވެއްޖެ އެވެ.

ފުރިހަމަ ސިއްހަތެއްގައި މިވަރުގެ ލޯބިލޯބި ފުއްކޮޅެއްފަދަ މައުސޫމް ކުއްޖަކު ﷲގެ ހަޒްރަތުން އަލީޒީއަށް މިންވަރު ކުރައްވާފާނެކަމަށް އެއިން އެއްވެސް އަނިޔާވެރިޔަކު ހީކޮށްފާނެ ހެއްޔެވެ؟ ނޫނެކެވެ!  އަލީޒީވެސް ހީކުރީ އޭނާގެ ދަރިފުޅު އުފަންވާނީ އެތައް ބައިވަރު އުނިސިފަތަކާއެކު ކަމަށެވެ. ﷲގެ ކުޅަދުންވަންތަކަން ދެކިބަލާށެވެ! މިއީ މާތް މައުސޫމް ދަރިފުޅެކެވެ. ނުބައި ދޫ ތަކާއި މުޖުތަމައުގެ ފުރައްސާރައިން މިންޖުކޮށްދެއްވުން އެދި ރެއާއި ދުވާލު ﷲގެ ހަޒްރަތުގައި އަލީޒީ ދުއާ ދަންނަވާނެ އެވެ. ލޯބިލޯބި މި އަމާނާތައް އަލީޒީގެ ފަހުނޭވާ އަށްވެސް ރައްކާތެރިވާނެ އެވެ.

މަންމައާއި ބައްޕައާއި ނުލައި ދިރިއުޅެން ޖެހުމުގެ ވޭން އެންމެ ރަގަޅަށް އެނގޭނީ އަލީޒީއަށެވެ. ސުވާލެއް ކުރަންނުޖެހޭ މިންވަރަށް ހުރިހާ އެއްޗެއް ފުރިހަމައަށް ލިބިލިބި ހުރި ދިރިއުޅުމަކުން ބޭރުކޮށް، އެއް ގޭ އަސްކަނިދަށުން، އަނެއް ގޭ އަސްކަނިދަށުން އުޅެން ޖެހުމުގެ އިހްސާސަކީ ދުލަކުން ބަޔާންކުރަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެއީ ވޭންހުރި ރިހުމެކެވެ!  އެންމެ ނުވަ މަސް އެމީހުންނާއި ވަކީން ހޭދަކުރާންޖެހުމުގެ ތަކުލީފް އަލީޒީއަށް ތަފްސީލްކޮށްދޭނެ މީހަކު ބޭނުމެއް ނުވެ އެވެ؟  ދުވަހަކުވެސް  ބައްޕަ އެނބުރި ނާންނާނެ އެވެ. އެނޫން އެހެން ރައްކާތެރިކަމެއް ދުނިޔޭން ލިބޭނެކަމަށް އުއްމީދުކުރެވިފައެއްވެސް ނެތެވެ.

ދާއިމާށް ސުވަރުގޭގައި ބައްޕަ ލައްވާންދޭވެ! އާމީން!!

މަންމައަކު ހުރެ، ބައްޕަގެ ހިތުގެ ވިންދުގެ ގޮތުގައި އަލީޒީ ބޮޑުވެގެންއައީ ބައްޕަގެ ހުރިހާ ހުނަރެއް އަލީޒީއަށް ދަސްކޮށްދެމުންނެވެ. ކިޔެވުމުގެ އިތުރުން ދުނިޔަވީ އެތައް މަސައްކަތެއް ބައްޕަވަނީ ދަސްކޮށްދީފަ އެވެ. ފެހުމާއި މާޖެހުމާއި އަތްތެރި މަސައްކަތަކީ ވިޔަފާރީގެ އިތުރުން، އަލީޒީ ބައްޕަގެ މަޝްހޫރު ހުނަރުތަކެވެ. މިއަދު އަލީޒީ ދިރި އެހުރީ ބައްޕަގެ އެ ހުނަރު އޭނާއަށް ދަސްކޮށްދީފައި އޮތީތީ އެވެ. ދަންނަ މީހުންގެ ލޯތަކަށް ފޮރުވިގެން، އުފަން މާލެ ދޫކޮށް، ރާއްޖެތެރޭގައި ދިރިއުޅުން މިއީ އަލީޒީ ދުވަހަކުވެސް އުއްމީދުކުރި ދުވަހެއް ނޫނެވެ. ނަމަވެސް އުޅެމަރުވާން ކޮންމެތަނެއްވެސް ހަމައެންމެ ރަގަޅުކަމުގައި އަލީޒީ ގަބޫލުކޮށް، ނިންމި ނިންމުން ފަހުރެއް ކަމުގައި މިއަދު ފުދިއްޖެ އެވެ.

"މި ދަރިފުޅުގެ ތަރުބިއްޔަތާއިމެދުގައި މާބޮޑަށް ނުވިސްނާ...! މިދަރިފުޅު ބަލައި ބޮޑުކުރުމުގައި އަހަރުމެން ދެމަފިރީންނަށް ވެވުނު ކޮންމެ އެހީތެރިކަމެއް ދޭނަން.. ދަތިވެގެންދާ ކޮންމެ ވަގުތަކު ހެޔޮއެދޭ އެހީތެރިންގެ ގޮތުގައި ވެދޭނަން.. އުއްމީދަކީ ހިނިތުންވުމާއެކު ދިރިއުޅުމައިގެން އަލީޒީ ކުރިއަށްދިއުން.. އަލީޒީ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ބޭބެއެއްގެ ދައުރު އަދާކުރުމަށް މިއަދުން ފެށިގެން އަހަރެން ވައުދުވަން.. އުފަން ބޭބެއެއްގެ ގޮތުގައި ދެކޭނެކަމަށް އުއްމީދުކުރަން"

މުންޝިރުގެ ޖުމުލައާއެކު އަލީޒީގެ ހިޔާލީ ދުނިޔެއިން ހަމައެކަނި އޭނާއަށް ނިކުމެވުނީއެއް ނޫނެވެ. ބޮލުގައި ފިރުމާލި ފިރުމާލުމުގެ އޯގާތެރިކަން ދުވަހަކުވެސް ހަނދާން ނުނެތޭނެ އެވެ. ދިރިހުރުމަށް ފަރުވާއެއްގެ ގޮތުގައިވެސް އެފިރުމާލުން ފުދިއްޖެ އެވެ. ހިތްފުރިއްޖެ އެވެ. އެތައް އުއްމީދެއް ކުރިމަތީން ސިފަވެއްޖެ އެވެ.

"މިދަރިފުޅުގެ ނަން ކިއުމުގެ ހުރިހާ ޒިންމާއެއް އުފުލުމަށް މިބޭބެއަށް ފުރުސަތު ދޭނެކަމަށް އުއްމީދުކުރަން"

މުންޝިރުގެ ނިންމުން އެތައް ހިތެއްގެ ހަމަޖެހުމަކަށްވި އެވެ. ފަހުރުވެރިކަމާއެކު މުންޝިރާއި ދިމާއަށް އައިޝާ ބަލައިލީ ލޯބިން ފުރިގެންވާ ޖަޒުބާތަކާއި އެކު އެވެ. އުނދަގޫ ހާލަތެއްގެ ތެރެއިން ނަމަވެސް އައިޝާއަށް ނިންމިފައިވާ ނިންމުމާއިމެދު މިއަދު ފަހުރުވެރިވެ، ކަނދުރާ ސީދާކޮށްލެވުނެވެ.

ހަގީގަތުގައިވެސް އެދަރިފުޅު އުފަންވުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަންކަންނޫނީ އަލީޒީ ނުކުރެ އެވެ. އެއީވެސް އައިޝާގެ ނިންމުމާއި ދެކޮޅަށް ކުރި  ކަންކަމެވެ.

މުޅިދުނިޔެ އޭނާއަށް މަރުހަބާކީކަމުގެ އިހްސާސުން މާބޮޑަށް ހިތް ރޮއްވާލައިފި  އެވެ. ޝުކުރުން ފުރިގެންވާ ބެލުމަކުން ބަލައިލެވުނީ ދަރިފުޅު އޭނާގެ ހަށިގަނޑާއި ލައި ފިއްތާލަމުންނެވެ. ހަމައެކަކުވެސް އެމީހަކަށްޓަކައި މިދުނިޔޭގައި ނެތްކަމުގެ އިހްސާސްކުރެވިފައިވާ އިންސާނަކަށް، އަލީޒީގެ މިވަގުތުގެ ހާލަތު ވަޒަންކުރެވިދާނެ އެވެ. އެނޫން މީހަކަށް އެއަސަރު އަންދާޒާވެސް ނުކުރެވޭނެ އެވެ.

ނުކުރާ ކުށެއްގެ މައްޗަށް އަމިއްލަ އާއިލާއާއި، މުޖުތަމައު ދިން އަދަބުން މުޅި ދިރިއުޅުން ފުނޑުފުނޑުވި އެވެ.

އެދުވަހު އަލީޒީގެ ނިކަމެތި ހާލަތުގައި ރައްކާތެރިކަމެއް ދިނުމަށް، އަތުތެރޭގައި ބޮނޑިކޮށްލުމުގެ ބަދަލުގައި ބައްޕަގެ މޫނުން ފެނުނު ލަދުވެތިކަމާއި މާޔޫސްކަން މިއަދުވެސް ތާޒާކޮށް، ހިތުގައި ޒަހަމު އެބަހުއްޓެވެ. ދުވަހަކުވެސް ދެކެފައިނުވާ، ނުވެސް ދަންނަ ބައެއްގެ ފަރާތުން މިފަދަ ރައްކާތެރިކަމަކާއި އޯގާތެރިކަމެއް މިންވަރު ކުރެއްވިކަމަށްޓަކައި ﷲއަށް ހަމްދު ހުއްޓެވެ! އަލީޒީގެ ދެ ލޯ ރަތްވެ، ތުންފަތް ތުރުތުރު އެޅިވަގުތުގައި ލޮލުގެ ހިމަކޮޅުން ވެއްޓެމުންދިޔަ ކަރުނަ ފޮހެލައިދިނީ މުންޝިރެވެ.

ފިރިމީހާއަށްޓަކައި ފަހުރުވެރި އަންބަކު، މި ލޯބި މަންޒަރު ދެކެން ހުރީ ﷲގެ ހަޒްރަތަށް ޝުކުރުވެރިވާ ހާލުގަ އެވެ. ލޮލުން ވެއްޓުނު އެންމެ ކަރުނައެއްވެސް ފޮހެލަން އައިޝާ ބޭނުމެއް ނުވި އެވެ. ދުވެލާފައިގޮސް މުންޝިރުގެ މޭގައި ބޮނޑިވެލި އެވެ.

.................

ވިއްސާރައިގެ ސަބަބުން ދުނިޔެ ދޮވެސާފުވެ، މޫސުން އަލިވެއްޖެ އެވެ. ނާއުއްމީދުގެ ހިތްތައް އުއްމީދުގެ އަލިކަމުގެތެރެއިން މުސްތަގުބަލް ހޯދަން ގަދައަޅައި މަސައްކަތް ފަށައިފި އެވެ. ރެއާއި ދުވާލުގެ ނިދީން މަހުރޫމްވެގެންވެސް އަލީޒީ ބޭނުންވީ ދަރިފުޅަށްޓަކައި ކޮޅަށް ހުންނާށެވެ. މުޅިއުމުރަށް ލިބުނީ ލަދުވެތިކަމާއި ބޭޒާރު ކަމަށްބުނެ ގެއިން ނެރެލި މަންމަގެ ހަނދާންތައް އަލީޒީގެ ހިތުން ފިލައިގެން ދިޔައީއެއް ނޫނެވެ. އެދުވަހުގެ ހިތްދަތި ބަސްތަކުން މިއަދު އޭނާގެ ދަރިފުޅަށްޓަކައި ހިތްވަރު ގަދަކުރާނެ އެވެ. ދިރިހުރި ކޮންމެ ސިކުންތެއް އެދަރިފުޅުގެ މުސްތަގްބަލަށްޓަކައި ގުރުބާންވުމަކީ އަލީޒީގެ ދިރިއުޅުމުގެ ހަމައެކަނި ވައުދެވެ.

ކޮންމެ ހާލެއްގައި ނަމަވެސް ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއެކު އެދަރިފުޅު އަލީޒީ ބަލައި ބޮޑުކޮށް މީހަކަށް ހަދާނެ އެވެ. އަމިއްލަ ނަފުސައް އޮތް ހަމައެކަނި އެދުމަކީ އެއީ އެވެ. ސިޒޭރިއަން ހަދައިގެން މަހެއް ނުވެ އެވެ. އަލީޒީގެ މަސައްކަތް ފަށައިފި އެވެ. ދަރިޔަކު ބަލައި ބޮޑުކުރުމަށް ނުހަނު ގިނަ ފައިސާ ބޭނުންވެ އެވެ. އައިޝާގެ ދެމަފިރިން ކިތަންމެހާވެސް އޯގާތެރި އެވެ. އެމީހުންގެ އެހީތެރިކަން ނުލިބޭ އެންމެ ކަމެއްވެސް ނެތެވެ. އަލީޒީގެ އެދުމަކީ އެމީހުންގެ އަތުން ހަމަ އެންމެ ކަމަކަށްވެސް ފައިސާއަށް އެދެން، ދުވަހަކުވެސް ނުޖެހުމެވެ. އެވަރަށް އޭނާ މަސައްކަތް ކުރާނެ އެވެ. ދަރިފުޅު ފަހުރުވެރިވާނެފަދަ ހިތްވަރުގަދަ މަންމައަކަށް އޭނާ ވާނެ އެވެ.

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް