ads
ސުކޫލު ދަރިވަރުންތަކެއް
ބެލެނިވެރިންގެ އެދުން ؛ ދިރާސީ އާ އަހަރުގެ ފެށުން ހަފްތާއަކަށް ފަސް ކޮށްދީ
މި ދުވަސްވަރު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ދަތުރުފަތުރުކުރުމަށް ހުރަސް އެޅިފައިވާތީ، އަންނަ އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފެށޭއިރު ދަންފަޅިތައް ކުރުކޮށްލައިގެން ކިޔެވުން ކުރިއަށް ގެންދަން، އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.
Advertisement

ނަމަވެސް އާދިއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ފުރަތަމަ ތިން ދުވަހު ކިޔަވައިދޭ ގަޑިތައް, ކުރުކޮށްލައިގެން ކިޔެވުން ފަށަން ގިނަ ބެލެނިވެރިން ނުރުހޭކަން ސާފު ވެއްޖެ އެވެ. މިކަން ސާފުވީ އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާއި އެކު ބެލެނިވެރިން ފާޅު ކުރަން ފެށި ހިޔާލުތަކުން ނެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ ބެލެނިވެރިން ވަނީ މިނިސްޓްރީގެ ނިންމުމަށް ފާޑުކިޔާފަ އެވެ. 

ގިނަ މީހުން ފާހަގަކޮށްފައިވާ ގޮތުގައި މިފަަހަރުގެ ދިރާސީ އާ އަހަރު ފެށެން ކައިރިވިއިރު މޫސުން ގޯސްވުމުގެ ސަބަބުން ބެލެނިވެރިންނަށް ވަނީ ސްކޫލް ކުދިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެން ކަމުން އަދި ހަފްތާއަކަށް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ފަސްކޮށްފިނަމަ ނުނިމުހުރި ކަންކަން ނިންމާ ވަގުތު ލިބޭނެ އެވެ. 

"އަދިވެސް މިހުރީ ރަށަށް ނުދެވިފައި ޗުއްޓީއަށް އައިގޮތަށް މާލޭގައި، ކަނޑުމައްޗަށް ނާރަން ބުނާތީ، ސުކޫލު ޔުނިފޯމް ފަހަން ދިނީ ރަށު ފަހާތަނަށް އެތަނުން އެބަ ގުޅާ ޔުނިފޯމް ހެޔޮވަރުކުރަން ދަރި ގޮވައިގެން އަންނަން" ފޭސް ބުކުގައި މީހަކު ލިޔުނެވެ.

ތެދެކެވެ، ބޮޑު ޗުއްޓީ ނިމި، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެން އެއް ދުވަހަށް ވީއިރު ވެސް ވިއްސާރަ އަލިވާ ގޮތެއް ނުވެ އެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ވެސް އޮރެންޖު އެލާޓް ނެރެފައިވާ އިރު، ކަނޑުދަތުރުފަތުރު ނުކުރަން ކަމާ ބެހޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ހަތް އޮރެންޖް އެލާޓް ނެރެފައިވެ އެވެ.

"މީ މިސަރުކާރުން ކަންކަން ކުރަން ނޭގޭތީ ވާގޮތް, ހުޅަގު މޫސުން މެދަށް ސްކޫލް ޗުއްޓި ނީމޭގޮތް ހެދީމަ ވާގޮތް, ދެން މަޖިލީސްގެ މެޖޯރިޓީ ބޭނުންކޮށްގެން ހުޅަގު މޫސުން ބަދަލު ކުރަން ވީ" ސަރުކާރަށް ފާޑުކީ މީހަކު ޕޯސްޓުގައި ލިޔެފައިވެ އެވެ.

އަލީ އާރިފް ކިޔާ މީހަކު ފޭސް ބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ދިރާސީ އަހަރުގެ ފެށިގެން ފުރަތަމަ ތިން ދުވަހު ދަންފަޅި ކުރުކޮށްލުމަށްވުރެ، ކިޔެވުން ފެށުން ތިން ދުވަހަށް ނޫނީ ހަފްތާއަކަށް ފަސްކޮށްލުން މާބޮޑަށް ރަނގަޅުވާނެ ކަމަށެވެ. ސަބަބަކީ ސްކޫލު މަދަރުސާތައް ފެށުނަސް ހާޒިރީ ދަށްވާނެތީ އެވެ. އެހެންވެ ދިރާސީ އަހަރު ފެށުން ތަންކޮޅެއް ލަސްކޮށްލެއްވުމަށްފަހު، ގެއްލޭ ދުވަސްތައް ހަފްތާ ބަންދުގައި (ހޮނިހިރު) ދުވަސްތަކެއްގައި ކިޔަވައިދީގެން ހަމަކުރުމުން، ދަރިވަރުންނަށް ވާ ފައިދާ ބޮޑުވާނެ އެވެ. ބެލެނިވެރިންގެ ބޮލުގެ ރިހުންވެސް މިހާރަށްވުރެ ރަނގަޅުވާނެ އެވެ. އަދި މިކަމަށް ތައުލީމާއި ބެހޭ ވުޒާރާއިން ފުންކޮށް ވިސްނާވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ލިޔުން ނިންމާލަމުން ބުނެފައި އޮތެވެ.

"ދިރާސީ އަހަރުގެ ކިޔެވުން ފެށެން ދެ ދުވަހަށް ވީ އެވެ. މާލެއާއި، އަތޮޅު ތެރޭގެ ރަށްރަށުގައި ބަންދުވެފައި ތިބި ދަރިވަރުންނާއި، އާއިލާތައް އެހާމެ ގިނައެވެ. މޫސުން ގޯސްވެ، ކަނޑު ގަދަވެގެން ރަށު ބަންދުވެފައި ތިބެންޖެހުނީ އެވެ. ދަރިވަރުންނަށް ބޭނުންވާ ފޮތް ފަންސުރާއި، އެނޫންވެސް ތަކެތި އެރުވި އުޅަނދުފަހަރުތައް މާލޭގެ ބަނދަރުގައި، ހަތުރު ކަންކައްޓަށް ވާ އަޅައިގެން ތިބެންވަނީ ޖެހިފަ އެވެ. މަޑުކޮށްގެން އެތިބީ މޫސުން އަލިވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ކަމަކުދާކަށް ނެތެވެ. އެކިކުލަކުލައިގެ މޫސުމީ އިންޒާރުތައް ފުލުފުލުގައި ކަމާއިބެހޭ އިދާރާއިން ނެރުއްވަނީ އެވެ." އަލީ ލިޔެފައިވެ އެވެ.

މޫސުން ގޯހަސް ކިޔެވުން ބޭއްވުމަށް ވެސް ބައެއް މީހުން އެދެ އެވެ. އެގޮތުން މުސްލިމާ ކިޔާ މީހަކު އޭނާގެ އަމިއްލަ ހިޔާލު ފާޅުކޮށް ބުނީ އަބަދުވެސް ސްކޫލް ފެށޭ ހަފްތާގަ އޮންނަނީ ކުރު ސެޝަނެއް ކަމަށާއި އެއީ އަލަށް ކުރާ ކަމެެއްނޫން ކަމަށެވެ. އެހެން ކަމުން ސަރކިއުލަރ ނެރެގެން މޫސުން ގޯހަކަސް ސްކޫލް ކިޔެވުން ބޭއްވެން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. 

މުސްލިމާގެ ވާހަކަތަށް ހިޔާ ފާޅުކުރި މީހަކު ބުނީ މިވަގުތުގެ ހާލަތު ތަފާތު ކަމަށެވެ. މޫސުން މާބޮޑަށް ގޯސްވެ ގަދަ ވަޔާއެކު ކަނޑުވެސް އެވަނީ މާގަދަވެފައި ކަމަށް އޭނާ ބުންޏެވެ. އެހެން ކަމުން މޫސުމީ އިންޒާރު ތަކަށް ބަލާއިރު ވާން އޮތްނަމަ ކިޔެވުން އަދި ފެށުން ކުޑަކޮށް ލަސްކޮށްލުންވެސް ކުދިވެރިންގެ ރައްކާތެރިކަމަށް ޓަކައި ރަނގަޅުވެދާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. 

"އަޅެ މީހަކު އަޖައިބެއްނުވާނެތަ! ވިއްސާރަވީމާ، ކުދިން ގެންގޮސް ގެންނަން ދޯ އުނދަގޫވާނީ، ކުލާހުގަ ކިޔަވައިދޭން އެކަމުން ކޮން އުނދަގުލެއް ވާނީ. އޮފީސްތަކަށް ދާމީހުން، ވިއްސާރައިގަ އިރުއިރުކޮޅާ ބޭރަށް ނުކުންނަންތަ ފަސޭހަވާނީ. މޫސުމޭ ނުކިޔާ ކިޔަންވީނު ނުފޯރާފޮތިން ފޫގަޅަން އުޅެގެން ދިމާވިދަތިތަކާ ހެދިޔޭ.. " ސަރުކާރުގެ ނިންމުމަށް ފާނޑުކިޔާ ބެލެނިވެރިޔަކު ލިޔުނެވެ.

މިފަހަރު މާލޭގެ ސްކޫލްތަކުގެ އެކި ގްރޭޑްތަކަށް ރަށްރަށުން 800 އަށްވުރެ ގިނަ ކުދިން ބަދަލުވިއިރު، މާލޭ ސްކޫލްތަކަށް ގްރޭޑް އެކަކަށް ވަތް ކުދިން ވެސް ވަރަށް ގިނަ އެވެ. ދަންފަޅިތައް ކުރުކޮށްލައިގެން ކިޔެވުން ކުރިއަށް ގެންދަން، ނިންމުން ބައެއް ބެލެނިވެރިިން ނެގީ އަދި މުޅިން އެހެން ގޮތަކަށެވެ.

"އަސްލު ވީގޮަކީ ދަރިވަރުންގެ ޓެކްސްފޮތްތައް ހަމަޔައް ނުދެވޭތީ ވަގުތު ކުޑަކުރީ.. ނޫންނަމަ ވިއްސާރަ ވެގެން ނާދެވިފައިތިބި ކަމައްޓަކައި ސްކޫލް ހުޅުވުން ތަންކޮޅެއްލަސް ކޮށްލަދިނީސް... މިޔަށްވުރެންވެސް ވިއްސާރަކޮށް ދުވަސްތައް ދެކުނިން.. ނަމަވެސް އެންމެ މިނެޓެއްވެސް އަވަސް ކޮށް ނުދޭ.." ޓެކްސް ފޮތްތައް ރަށްތަކަށް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން މީހަކު ލިޔެފައި ވެއެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ބޭނުންވާ ފޮތްތައް ސުކޫލު ތަކަށް ފޮނުވުމުގައި ދަތި ހުރި ކަމަށް މިނިސްޓްރީން މިފަހުން ވަނީ ބުނެފަ އެވެ އަދި މިނިސްޓްރީއިން ރަށްރަށަށް ފޮތްތައް ފޯރުކޮށްދިނުުމުގައި ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދުމުން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިއްޔެ އެ މަސައްކަތް ފަށާފަ އެވެ.

ކިޔެވުން ހަފްތާއަކަށް ފަސްކުރަން އެދޭ އެހެން ބެލެނިވެރިއަކު ބުނީ މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ކޮޅެއް މެދެއް އަދި ފެންނަން ނެތް އިރު ކިޔަވައިދޭ ވަގުތު މަދުކުރުމުން އުދަގުލަށް ލުޔެއް ނުލިބޭ ކަމަށެވެ. ދަތުރު ފަތުރުކުރުން މަދުކޮށް ބްރިޖް ތަކާއި ހައިވޭތައް ބޭނުން ނުކުރަން އިލްތިމާސް ކޮށް ފެރީތަކާއި ބޯޓުތައް ދަތުރަށް ނުފަށަން އިލްތިމާސްކޮށްފައި ކިޔަވައިދޭން ފެށުމުން ދެކޮޅު ދިމާނުވާ ކަމަށެވެ. އަދި މިނިސްޓްރީގެ ސާކިއުލާއިން އަސްލު މައްސަލައަށް ހައްލު ނުލިބޭ ކަމަށެވެ.

"ކުލާސް ތެރެއަށްވެސް ވިއްސާރައީތޯ. ސިނަމާލެ ބުރިޖުން ސްކޫލަށްގެންދާ ދަރިވަރުންނަށްވެސް މިކަމުން ލުޔެއް ލިބޭނެތޯ. ވިއްސާރަވުމުގެ ސަބަބުން ދަތިވަނީ ދަރިވަރުން ސްކޫލަށް ގެންދަން، އެކަމަށް ލުޔެއް ނުލިބޭ. މިނިސްޓްރީއިން ބޭނުންނަމަ ހަފްތާ އަކަށް ބަންދުކޮށްލާ.." މިހާކު ލިޔެފައި އޮތެވެ. "ޗުއްޓީއަށް މާލެ އައި ގޮތަށް ދެން ރަށަށް ދެވޭނެ ގޮތެއް ނެތިފައި މިހިރީ. ހިޔެއް ނުވޭ ކިޔެވުން ފެށެންވާއިރަށް ދެން ދެވޭނެހެނެއް ވެސް، ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނާޅުއްވާ.. "

ރާއްޖޭ ސަރަހައްދަށް މޫސުން ގޯސްވެ ގަދަވައި ހުރުމުގެ ސަބަބުން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ވީހާވެސް ބޮޑަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެ އެވެ. އެގޮތުން އެވަރޭޖް ގޮތެއްގައި، 30 މޭލަށް މިހާރު ވައި ބާރުމިން ހިފަހައްޓަމުންދާއިރު ކަނޑުތައް ގަދަވާނެ ކަމަށް އެއިދާރާއިން ހާމަކުރެއެވެ.

މެޓުން ބުނާގޮތުގައި އޮރެންޖު އެލާޓް ނެރޭ ވަރަށް މިފަހަރު ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވަނީ ބޭ އޮފް ބެންގޯލްގައި ވަރުގަދަ ކޮޅިގަނޑެއް އުފެދިފައިވާތީ އެވެ. މިހާރު ރާއްޖެއަށް މި ކުރަނީ އެ ކޮޅިގަނޑުގެ އަސަރެވެ. 

މޫސުން ގޯސްވެ، ގިނަ ބަޔަކު އެނބުރި ރަށަށް ދެވޭ ގޮތް ނުވުމުން، ދަތުރުކުރެވޭ ވަރަށް މޫސުން އަލިވަންދެން ސްކޫލުތަކުގެ ކިޔެވުން ފަސްކޮށްލަން ގިނަ ބަޔަކު އެ ދަނީ އެދެމުންނެވެ. އަދި ގިނަ ބެލެނިވެރިންގެ އެދުން ސާފެވެ، އެއީ މޫސުމީ ވިއްސާރަ މި އުޅޭ ގޮތުން ދިރާސީ އާ އަހަރުގެ ފެށުން ހަފްތާއަކަށް ފަސް ކޮށްދިނުމެވެ.

މިވަގުތަށް ސަރުކާރުން ތިބީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ތާރީހު ފަސްކުރުމުގެ ވިސްނުމެއް ގައެއް ނޫނެވެ. ނަމަވެސް ސަރުކާރެއްގެ ވިސްނުން ދެއިރަށް ބަދަލުވުން އެއީ އާއްމު ކަމެކެވެ. ވަގުތު ޖެހުމުން އެކަން ވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް