ads
ރެސްކިއު ޑައިވާ ފެންވަރަށް ތަމްރީނުކުރި މަސްވެރިންނާ އެކު މިނިސްޓަރު ޝިޔާމް
އޮގަސްޓު މަހު ފިޝަރީޒް ކޮލެޖުގެ ކިޔެވުން ފަށަނީ
ފިޝަރީޒް ކޮލެޖުގެ ޕްރޮގްރާމުތަކާ އެކު މަސައްކަތްތައް އަންނަ އޮގަސްޓު މަހު ފަށާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމާ ގުޅޭ ތަމްރީނު ދޭނެ އިންސްޓިޓިއުޓެއް ގާއިމުކުރުމަކީ އެ މިނިސްޓްރީގެ ގާނޫނީ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީން ގައުމީ ޔުނިވާސިޓީ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ގާއިމުކުރާ މަސްވެރިކަމުގެ ކޮލެޖުގެ ޕްރޮގްރާމުތައް އަންނަ އޮގަސްޓު މަހު ފެށޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވާނީ އެމްއެންޔޫ އާއެކު މި މަސައްކަތްތައް ފަށާފައި. އުންމީދު މި ކުރަނީ އަދި ޔަގީން ކުރަނީ އޮގަސްޓު މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ފިޝަރީޒް ކޮލެޖުގެ ޕްރޮގްރާމްތަކާ އެކު މަސައްކަތްތައް ފެށޭނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގެ ހަފުތާ 14 ގެ ތެރޭގައި ހިމެނޭ ފިޝަރީޒް ކޮލެޖު ގާއިމުކުރުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީ އާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި ކޮލެޖު މާލޭގައި ގާއިމުކުރާތީ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މާލޭގައި ގާއިމުކުރާ މި ކޮލެޖުގެ ކިޔެވުން ފަށާއިރު، މަސްވެރިކަމާ ބެހޭ ކުދި ކޯސްތައް ކިޔަވައިދިނުމުގެ އިތުރުން ޔުނިވާސިޓީގައި މިހާރު ވެސް ކިޔަވައިދޭ މަސްވެރިކަމުގެ ކޯސްތައް ހިމެނޭނެ ކަމަށް އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ވަނީ ވިދާޅުވެފަ އެވެ.

ޝެހެނާޒް އިތުރަށް ވިދާޅުވި ގޮތުގައި މިހާރު އަންނަނީ މި ކޮލެޖުގެ ކޯސްތައް އެކްރެޑިޓް ކުރުމުގެ މަސައްކަތް ކަމަށާއި ކޯސްތައް ހިންގުމަށް ޔުނިވާސިޓީގެ ކޮމިޓީ އޮން ކޯސަސްއިން ހުއްދަ ދިނުމާ އެކީގައި އެމްކިޔުއޭގެ ހުއްދައަށް އެދޭނެ ކަމުގަ އެވެ.

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވެފައި ވަނީ ޗައިނާ ސަރުކާރާ އެކު ސޮއިކޮށްފައިވާ އެމްއޯޔޫތަކުގެ ދަށުން މި ދާއިރާގައި ހުރި ވަސީލަތްތައް ކަމަށްވާ މިފްކޯ މަސް ފެކްޓްރީ ފަދަ ތަންތަނުގެ މެއިންޓެނެންސް މަސައްކަތް ކުރާނެ މެކޭނިކުންނާއި އިންޖިނިއަރުން އަދި ޓެކްނީޝަނުން އުފައްދަވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް