
މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މި އެޑްމިނިސްޓްރޭޝަނުން މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މިހާރު މަސްވެރިންނަށް ދޫނޫކުރެވި ހުރީ 62 މިލިއަން ރުފިޔާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވެފައި ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަދި ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އަލި މަގެއް ފެނިއްޖެނަމަ އެކަމުން މިފްކޯއަށް ލުއިވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫކުރުމަށް އެ ކުންފުންޏަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިޔާމް ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ހަރަދު ކުޑަކޮށް، ކުރަން ޖެހޭ ހަރަދުތަކުގެ ތެރެއިން ދައްކަން ޖެހޭ ބިލުތައް ދެއްކުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ފިނޭންސް މިނިސްޓަރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގަ އެވެ.