
ހައިކޯޓުން، މިއަދު މި އަމުރު ނެރުނީ އަޑު އެހުމެއް ނުބާއްވަ އެވެ. މި މައްސަލައިގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންވަނީ، ބޭންކުން އެދުނު އަމުރު ޔާމީނާ އޭސީސީއާ ދެކޮޅަށް ނެރެފަ އެވެ. މި މައްސަލަ ބައްލަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު، ފަނޑިޔާރު ފާތިމަރު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހު ބޭންކުންނެވެ.
ރައީސް ޔާމީން އަދި އޭސީސީއަށް ރައްދުވާ ގޮތަށް ބޭންކުން ބޭންކުން ހައިކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ، އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލައެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭތޯ އުފެފުނު ސުވާލު ހިފައިފެން ބޭންކުން އައީ ހައިކޯޓަށެވެ. ހައިކޯޓުން މިއަދު އަމުރު ކުރީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން، ސިވިލް ކޯޓުގައި އެއްވެސް ކަމެއް އެ މައްސަލައާ ގުޅިގެން ނުކުރުމަށެވެ.
ޔާމީނާ ދެކޮޅަށް ހައިކޯޓުން މިއަދު މި އަމުރު އައިއިރު، މީގެ ދުވަސްކޮޅެއް ކުރިން ހައިކޯޓުންވަނީ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމެއް ބާތިލުކޮށް، އަލުން އެ މައްސަލަ ބަލަން އަމުރުކޮށްފަ އެވެ.