ads
ސުޕްރީމް ކޯޓު
ސައްމާހް މައްސަލައިގަ ސުޕްރީމް ކޯޓުގެ ވާނުވާ ނޭނގޭ އަމުރެއް
މީގެ ހަތް އަހަރު ކުރިން، މާފަންނު އައިޓަމްސް ފިހާރަ ކައިރީ މޫސާ އަހުމަދުގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ ބަންދު މައްސަލައިގައި ސުޕްރީމް ކޯޓުގެ ވާނުވާ ނޭނގޭ އަމުރެއްގެ މައްސަލަ ފެންމަތިވެއްޖެ އެވެ.
Advertisement

ސައްމާހްގެ ބަންދާ މެދު ސުޕްރީމް ކޯޓުގެ ވާނުވާ ނޭނގޭ އަމުރެއްގެ މައްސަލަ ފެންމަތިވީ، ސައްމާހުގެ ބަންދު މައްސަލައިގައި ހައިކޯޓުގައި މިއަދު އޮތް ދިގުލައިގެން ދިޔަ ޝަރީއަތުގަ އެވެ. ހައިކޯޓުގައި މިއަދު އޮތް ދިގުލައިގެން ދިޔަ އަޑު އެހުމުގައި އެނގުނު ގޮތުގައި ސައްމާހްގެ ބަންދާ ގުޅިގެން ސުޕްރީމް ކޯޓުން އެއް ނަންބަރެއްގެ ދެ އަމުރެއް ނެރެފައިވެ އެވެ. އޭގެން އެއް އަމުރުގައި ހައިކޯޓުން ހަތް ދުވަހުގެ ތެރޭގައި ސައްމާހުގެ ބަންދާ މެދު ގޮތެއް ނިންމަން އޮތް ނަމަވެސް އަނެއް އަމުރުގައި އެ ފަދަ މުއްދަތެއް ބަޔާންކޮށްފައި ނެތްކަން ހައިކޯޓުގެ ފަނޑިޔާރުން ފާހަގަ ކުރެއްވި އެވެ.

ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވީ ހައި ކޯޓަށް ލިބުނު ފުރަތަމަ އަމުރުގައި އޮތީ ހައިކޯޓުން ގޮތެއް ނިންމަން ދެން ބަންދުގައި ސައްމާހު ބަހައްޓަން ޖެހޭ ކަމަށެވެ. އެކަމަކު ފަހުން ކަރެކްޝަނުން ސާފުކުރި އިރު ސައްމާހު ދޫކޮށްލީ ހަތް ދުވަހެއް އޮތް އަމުރެއްގެ ދަށުން ކަމަށް ވިދާޅުވި އެވެ. ދެ އަމުރަށް ބަލާއިރު އޮތީ ސުޕްރީމް ކޯޓުގެ ހަމަ އެއް ނަންބަރެއް ކަމަށާއި، އެއް ނަންބަރަކުން ދެ އަމުރެއް ނެރޭނެ ކަމަށް ގަބޫލު ކުރަން ދަތިވާ ކަމަށް ފަނޑިޔާރު މިއަދުގެ ޝަރީއަތުގައި ވިދާޅުވި އެވެ.

"ތި ބޭފުޅުން (ޕްރޮސެކިއުޝަނުން) މި ކޯޓަށް ފޮނުވި އަމުރުގައި ހަތް ދުވަހުގެ މުއްދަތެއް ޖައްސަވައިފައެއް ނެތް، ޝަރުއީ ނިޒާމުގެ މި އޮތް ލިޔެކިޔުންތަކާ މެދު އަޅުގަނޑުމެންނަށް މިހާރު ހަމަ ސުވާލު އުފެދޭ،" މިއަދުގެ އަޑުއެހުމުގައި ފަރުހީޒާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ އެއް ނަންބަރެއްގެ ދެ އަމުރެއް އޮތް ކަމަށް ޕީޖީ އޮފީހުންވެސް އެއްބަސްވިއެވެ. ޕީޖީ އޮފީހުގެ ވަކީލުން ވިދާޅުވި ގޮތުގައި އެ ފަރަގު އޮތް ކަން ސާފުވީ ހައިކޯޓުން ފަހުން އެ ގޮތަށް ފާހަގަކޮށްދިނުމުން، ކަރެކްޝަންސް އިން އެ ކަން ޕީޖީ އޮފީހަށް އެންގުމުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ އޮޅުން ބޮޅުން އަރައިގެން އުޅޭ ދެ އަމުރަކީ ކޮން ފަނޑިޔާރުންނެއް ނެރުއްވި އަމުރެއް ކަމެއް ސާފެއް ނުވެ އެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، މަހާޒް އަލީ ޒާހިރު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް