ads
ދޫކޮށްފައި ނުދާށޭ.. - ހަ ވަނަ ބައި
އެޕިސޯޑް 6
Advertisement

ބުރާސްފަތި ދުވަހުގެ ބަޔާއި ގުޅޭ

ހެނދުނު ސައިގެ ކަންތައް ނިންމާލާފައި ފަހާފޮށިދޮށަށް އަލީޒީ ގާތްވެލީ މާދަމާއަށް ނިންމާންޖެހޭ ހެދުމެއް އޮތީމަ އެވެ. މީހަކު ދޮރުގައި ޓަކި ޖަހާލިއަޑު އިވުމުން ފަހަތް ބަލައިވެސްނުލައި އަލީޒީ ގޮވާލި އެވެ. 

"ދޮރު ހުރީ ހުޅުވާފަ.. އައިޝާ އެތެރެއަށް ވަދޭ.." ތިނޯހުގެ ފަގައިގެ ތެރެއަށް ރޮދިވައްދާލަމުން އަލީޒީ ބުނެލި އެވެ.

"އަހަރެންކަމެއް ކިހިނެއް އެނގުނީ؟" 

އައިޝާގެ ސުވާލުގައި އެހެންޏާއި ނުހުންނަ ނުތަނަވަސްކަމެއް އަލީޒީއަށް ފާހަގަކުރެވުނެވެ. އެހައި ހެނދުނާ އެގެއަށް އަންނާނެ އެހެން މީހަކު ނުހުންނާނެކަންވެސް އައިޝާ މިއަދު ހަނދާން ނެތެވެ. 

"ހާދަ ޖެހިލުންވެހުރެ ސުވާލެއް ތިކުރީ ކީއްވެ؟ ކޮންމެވެސް ބޮޑުކަމަކާއިގެން އައިދުވަހަކާއި ހާދަހައިވައްތަރޭ.... ބުނެބަލަ!" 

ދުރުދުރުން ވާހަކަ ގެންދިއުމަކީ އަލީޒީއަށް ފަސޭހަކަމެއް ނޫނެވެ. ލައިގެން ހުރި ހެދުމުގެ ފަސްބައި އައިޝާގެ އިނގިލީގައި އޮޅަން ފެށި އެވެ. އަތުގައި އޮތް ފޯނުގައިވެސް ތަންކޮޅެއް ބާރަށް ހިފަހައްޓާލިހެން ހީވި އެވެ. މޫނުމަތިން ދާތިކިތައްވެސް ފެންނާން ފެށި އެވެ. 

"މުންޝިރުބެ ދެއަންބަށް މީހަކާ އިނީތަ؟" ސީރިއަސްކަން ދައްކާލަމުން އަލީޒީ ބުނެލި އެވެ. 

"ވަޓް.. ހައު.. ނޫން! ދުވަހަކުވެސް ނުކެރޭނެ މަ ދިރިހުއްޓަ ތިކަންކުރާކަށް.. ގޭގައި ހުރި ރުއްގަހާއއި ޓިނުކޮޅުވެސް ހިފައިގެން މަ ނައްޓާލާނަން.." ދެލޯ ބޮޑުކޮށްލާފައި އައިޝާ ވަރަށް ސީރިއަސްވި އެވެ.

ބުނަން އައިވާހަކަޔާގެން ކުރިއަށްދާންވެއްޖެކަން އައިޝާއަށް ވިސްނުނީ ހަށަމަށް އަތްލައިގެން އަލީޒޒީ އެއްބުމަ ހިއްލާލައިގެން ބަލަން އިންގޮތުންނެވެ. 

"އަޔާން އެއޮތީ ފެންވަރުވާފަ ދޯ...!" 

މުޅި ކޮޓަރިއަށް ލޯހިންގާފައިވެސް އަހާލާނެ ސުވާލެއް ދުލަށް ނައުމުން އައިޝާ އަހާލި އެވެ. އަނެއްކާވެސް އަލީޒީ އެއްބުމަ އަރުވާލި އެވެ. އައިޝާއަށް ވަގުތު ދިނުމުގެ ގޮތުން ފަހާފޮއްޓާއި ދިމާއަށް އެނބުރި މަސައްކަތް ފެށި އެވެ. 

"މުންޝިރްބެ ބުނީ އަލީޒީއާ އަޔާންމާދަމާގެ އިރުއޮއްސުމުގެކުރިން އަހަރުމެންގެ ގެއަށް ބަދަލުކޮށްފައި މި ކުލީކޮޓަރި ދޫކޮށްލަން އަލީޒީ ގާތުބުނާށޯ" 

އެންމެ ނޭވާއެއްގެ ތެރެއަށް ހުރިހާ އަކުރަކާއި ފިއްޔެއް އައިޝާ އަމުނާލި އެވެ. ކިޔުނު އެއްޗެއް އަމިއްލަ ކަންފަތައް އިވުނުގޮތެއްވެސް ނޭގެ އެވެ. މުޅި ހަށިފުރައި ފުން ނޭވާއެއް ދޫކޮށްލި އެވެ. 

އަލީޒީ ގާތަށް ހަގީގަތުގައިވެސް މިފަހަރު ހިނިއަ އެވެ. 

"ދިވެހި، އިނގިރޭސި، ހިންދީ، އުރުދޫ، އަދި ކޮރެއާ މީހުން ވާހަކަދައްކާއުޅޭ ބަސް އަހަރެން ދަންނަން.. ތިޔަކީ އެއްޗެއް  ތިޔަ އަމުނާލީ އެއިން ބަހުރުވަޔަކުން ނޫން.." ގަސްތުގައި އައިޝާ ނުތަނަވަސްކޮށްލަން އަލީޒީވެސް މިފަހަރު ސަމާސާ ކޮށްލި އެވެ. 

"ހެނދުނު ފިހުނު ރޮއްޓާއި ކެއްކި މުގުރިހަކޮޅެއް ހުންނާނެ.. ރޮށި މޮޑެގެން އިށީންދޭ! އޭގެފަހުން ކިޔާއެއްޗެއް ކިޔަންވީނުން.. ގޮހޮރުބުޑަށް ބަރުކޮއްލީމަ ތަންކޮޅެއް ފަރިތަކޮށް، ފަހަރެއްގައި ވާހަކަ ދެއްކިދާނެ" މަދުންނޫނީ ނުފެންނަ، އަލީޒީގެ ސަމާސާ މިޒާޖަކީ އައިޝާއަށް އެންމެ ކަމުދާ ސިފަ އެވެ. އެކަމަކު މިވަގުތު އައިޝާހުރީ އެ މޫޑަކު ނޫނެވެ. 

"މުންޝިރްބެ ބުނީ އަލީޒީއާ އަޔާން މާދަމާގެ އިރުއޮއްސުމުގެކުރިން އަހަރުމެންގެ ގެއަށް ބަދަލުކޮށްފައި މި ކުލީކޮޓަރި ދޫކޮށްލަން އަލީޒީގާތު ބުނާށޯ" 

މިބުނެވުނީ ކިހައި ވަރެއްގެ އެއްޗެއްކަން އިނގޭތީ އައިޝާ އިސްޖަހައިލި އެވެ. އަދި ކަނާއަތުގެ މެދުއިނގިއްޔާއި ޝަހާދަތް އިނގިލި ތަގުޅިކޮށްލި އެވެ. ހަމަ އެ ސިކުންތުގައި ދެ ކަންފަތުގައި އަތް އަޅައި ދެ ލޯވެސް މަރައި ތަގުޅި ކޮށްލި އެވެ. 

"މުންޝިރްބެ ގާތު ބުނެދޭތި އަހަރެންނާއި އަޔާން މިގޭގައި މިއުޅެނީ ވަރަށް އުފަލުގައޭ.. ވަރަށް ހިތްހަމަޖެހިގެންނޭ.. އަޔާންގެ ބޮޑުދައިތަ، އައިޝާގެ އެހީވެސް ބަރާބަރަށް ލިބެޔޭ... މިތަނުގައި ކިތަންމެ ދުވަހަކު އުޅުނަސް ހަސަނުބެގެ އުނދަގުލެއް ފޯރާނެހެން ހިޔެއްނުވޭ.. ދެން ކުލި ދޯ! މަހަކު ފަނަރަސަތޭކަ ރުފިޔާ ދެއްކުން އަހަންނަކަށް އަދި އުނދަގުލެއް ނޫން.. އެކަންވެސް ނުވާ ދުވަހެއް އައިސްފިއްޔާ އެހީއަށް އެދޭނަން.." އަލީޒީގެ ވާހަކައިގައި ޔަގީންކަންވި އެވެ. 

"ހެލޯ މުންޝިރް! އަޑުއިވިއްޖެތަ؟ މަ ބުނިންދޯ އެނޫން ޖަވާބެއް ނުލިބޭނެޔޭ!" ކުއްލިޔަކަށް އައިޝާ ފޯނުން ވާހަކަދެއްކުމުން އަލީޒީ ހައިރާންވި އެވެ.

ކޮޓަރިއަށް ވަނީވެސް މުންޝިރްއަށް ގުޅައިގެން ހުރެކަން އެނގުމުން ލަދުވެސްގަތެވެ. އަދި މިކަން ދެން ފަސޭހަނުވާނެ ކަންވެސް އޭނާއަށް ޔަގީންވި އެވެ. ހަމަ އެވަގުތު އައިޝާ ސްޕީކަރަށްލާފައި ފޯނު ދިއްކޮއްލީ އަލީޒީއަށެވެ. އަނގަޔާއި ލޮލަށް ވައްތަރެއް ޖައްސާލާފައި ފޯނުގައި ހިފީ އެނޫން ގޮތެއް ނެތީމަ އެވެ. 

އަލީޒީއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މުންޝިރް ވާހަކަދެއްކި އެވެ.

"މިއީ ބޭބޭކަމަށް ދެކެންޏާއި މިބުނިގޮތަށް އަލީޒީ ކަންތައްކުރާނެ... އެހެންނޫނީ އަހަރެން ބަލާނީ އަލީޒީގެ ހިތް މިބޭބެގެ މައްޗަށް ހެޔޮ ނޫނީކަމަށް.. އަލީޒީގެ އަމިއްލަ ވަޒަނެއް ލިބުނު ދުވަހަކުން އަހަރެންގެ ހިޔާވަހީން ނިކުމެގެން ދެވިދދާނެ.. އޭގެ ކުރީން އެގެއިން ނިކުތުމުގެ ހުއްދައެއް އަހަރެންގެ ކޮއްކޮއަށް ދެވޭކަށް ނެތް...!!! މިވަގުތު ބާއްވާލަނީ.... މާދަންނޫން އަނެއްދުވަހު ރަށަށް ދާނަން.. އެހައި ތަނަށް ހުރިހާކަމެއް ހަމަޖެހޭނެކަމަށް ހީކުރަން.. ތަކެތި ބަދަލުކުރުމުގައި ހާސްވާކަށް ނުޖެހޭނެ.. ހަސަނުބެގާތު ބުނެގެން އަހަރެން އެކަން އޮންނާނީ ހަމަޖައްސާފަ" 

މުންޝިރް ބުނަން ބޭނުން އެއްޗެއް ބުނެފައި ފޯނު ބޭއްވީވެސް އަލީޒީއަށް ފުރުސަތެއް ނުދީ އެވެ. ދިފާއުގައި އަލީޒީއަށް ބުނެވޭނެ އެއްޗެއް ނެތެވެ. ކުރެވޭނެ ކަމެއްވެސް ނެތެވެ. ހަތިޔާރު ބަހައްޓާފައި އަމާން ދިނުން ނޫން ގޮތެއް ނެތުނީ  އެވެ. އައިޝާއާއި ދިމާއަށް ދެބުމަ ގާތްކޮށްލާފައި ލޯއަޅާލި އެވެ. ހިނިގަނޑު ފަޅައިގެން ދިޔަނުދިނުމަށް އައިޝާގެ އަނގަމަތީގައި އޭނާ ބާރަށް އަތްއެޅި އެވެ. 

"އަޔާން ހޭލަންވާއިރަށް މި ބާލީހު އުރަތައް ނިންމާލެވޭތޯ މިއުޅެނީ.. މިއަދު ހަވީރަށް ފަރިއްތައަށް މީއްޗެހި ނިންމައިދޭން އެބަޖެހޭ.." އައިޝާގެ ހިނިގަނޑުން ސަލާމަތްވާނެ ގޮތެއް އަލީޒީ ހޯދި އެވެ. 

................

މުންޝިރްގެ ގެއަށް ބަދަލުވުމުން އައިޝާއާއި އަލީޒީގެ ގުޅުން އިހުނަށްވުރެން އެތައް ގުނައެއް ގާތް ވެއްޖެ އެވެ. ދިރިއުޅުމުގައި ކުރެވެމުންދިޔަ އެކަނިވެރި އިހްސާސްތަކަށް އުފާވެރިކަން ވެރިވެއްޖެކަން އެނގެނީ އައިޝާ އަބަދުވެސް ހެވިލާފައި ހުންނާތީ އެވެ. ކައިވެންޏަށް ފަސްއަހަރުވެގެން ދިޔައިރުވެސް ދަރިއެއްގެ ނަސީބު އެދެމަފިރީންނަށް މިހާތަނަށް ލިބިފައެއް ނުވެ އެވެ. އަޔާންއާއެކު ގިނަވަގުތު ހޭދަކުރެވުމަކީ އައިޝާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުންފަދަ ބޮޑު އުފަލަކާއި ނިއުމަތެކެވެ. 

އިރުއޮއްސި އަނދިރިވީންސުރެން އަލީޒީގެ ގަޔާއި އަޔާން ދުރުނުކުރެ އެވެ. އިރުއިރުކޮޅުން ބައްދާލާފައި ލޯބިކޮއްލަ އެވެ. ދަރިފުޅާއި ވާހަކަދެއްކުމަކީ އަލީޒީގެ ހުސްވަގުތުތަކުގައި އެންމެ މުހިއްމު ކަންތަކެވެ. އެކަމަކު، އެހެން ހުރިހައި ދުވަހަކާއި ރެއެއް، މިރެއާއި ތަފާތެވެ. މަރުކަޒުން ދޫކޮށްލިފަހުން އަލީޒީގެ ހަރަކާތް މިގޮތަށް ބަދަލުވިތަނެއް އައިޝާއަށްވެސް ފެނިފައެއް ނުވެ އެވެ. ދަރިފުޅު ނިދާފަ އޮތަސް އިރުއިރުކޮޅުން އެބަ ބަލާލަ އެވެ. ހިނިތުންވުމާއި، އެހެން މީހަކާ ވާހަކަދެއްކުމަކީ މިރޭ އަލީޒީއާ ރުޅިކަންތަކެވެ. ހަވީރުންސުރެން ކާއެއްޗެއް އަނގަޔަށް ނުވެސްލި އެވެ. ބަދަލު ފާހަގަކުރެވުނަސް ބަދަލު އަންނާންޖެހޭ ސަބަބެއް އައިޝާއަށްވެސް ނުވިސްނުނެވެ. 

ދިހައެއް ޖެހުމާއި ހަމައަށް ގަޑީގެ ކަށި ދަތުރުކުރީ އަލީޒީގެ ނޭވާ ހުއްޓުވާފަ އެވެ. އައިޝާ ނިދަން ފޮނުވީވެސް ގަދަކަމުންނެވެ. އަލީޒީ ކިތަންމެ ނުތަނަވަސްވިޔަސް ހިތުގެ އުދާސްތައް ނުވަތަ ސިކުނޑީގެ ބިރުވެރިކަން އައިޝާގެ ކުރިމަތީގައި ހުޅުވާލުމަށް އޭނާއަށް އަދިވެސް ފަސޭހައެއް ނޫނެވެ. ހަގީގަތް ނުބުނެ ސަލާމަތްވާނެ ކޮންމެވެސް ގޮތެއް އޭނާ ހޯދަންޖެހެ އެވެ. މާދަމާއަށް އިރުއަރާނެ ވަގުތަކަށް އިންތިޒާރުކުރާނެ ހިތްވަރެއް ނެތެވެ. ހިތް ހީވަނީ މޭފަޅާފައި ނިކުމެދާނެހެނެވެ. 

ދެތިން ފަހަރަކު އައިޝާގެ ކޮޓަރީގެ ދޮރާއި ހަމައަށް ދިޔަ އެވެ. ޓަކިޖަހާލަން އަތް އުފުލާލާފައިވެސް އެނބުރި އަންނަނީ އެވެ. ފަތިސްވަންދެން އަލީޒީ އުޅުނީ އެފަދަ ހާލެއްގަ އެވެ. 

ފަތިސްނަމާދުގެ ސަލާމްދިނުމާއެކު އަވަސްވެގަތީ އައިޝާއާއި ބައްދަލުކުރުމަށެވެ. ދެކޮޓަރި ހުންނަނީ ދާދިގާތްގާތުގައި ކަމަށްވިޔަސް އެދެމެދު ހުރަސްކުރުމުގައި މިރޭ ވަގުތު ނަގައިފި އެވެ. ދޮރުގައި ޓަކި ނުޖެހެނީސް ދޮރު ހުޅުވާލާފައި އައިޝާ ނިކުމެއްޖެ އެވެ. 

"ރޭގައި ކިތައް ފަހަރު މިދޮރު ކައިރިއަށް ކަމަނާ ޒިޔާރަތްކުރިން..؟ އެވަރަށް މިސްވަންޏާއި މެސެޖެއް ނަމަވެސް ކޮށްލިނަމަ..!" ދެބުމަ ހިއްލާލާފައި އައިޝާ ސުވާލުކޮށްލި އެވެ.  އިސްޖަހައިލުމުގެ ބަދަލުގައި އަލީޒީ ހިފީ އައިޝާގެ އަތުގަ އެވެ. 

"އަޔާން ވިހައިގެން، މަރުކަޒުން އައީއްސުރެން އަހަރެން ވިސްނަމުން މިދިޔައީ މިވަގުތާއި މެދުގަ.. ހަގީގަތުގައި އަހަންނާއި ވަކީން ނުވަތަ ލޯކުރިމަތީން އަޔާން އެންމެ ވަގުތުކޮޅަކަށްވެސް ދުރަށްލާން  ބޭނުމެއް ނޫން.. އެކަމަކު މިއަދު އަހަނންނަށް މިނޫންގޮތެއް ނެތް...!  ބޮޑުކަމަކު އައިޝާގާތުން ކިޔަންޖެހިއްޖެ.." 

އައިޝާގެ ދެއަތްތިލަ އަލީޒީގެ އަތުގެ ތެރޭގައި ބޮނޑިކޮށްލި އެވެ. އަލީޒީގެ އަތްތިލައެކޭ ގަނޑުފެންފޮދެކޭ އެއްފަދަޔަސް، ހައިރާންވީ ހަމަ އެ އަތްތިލަ ހުރީ ދާހިއްލާފަ އެވެ. އައިޝާ ލޮލުން އަންގާލީ ވާހަކަ ކުރިއަށް ގެންދިއުމަށެވެ. 

"މާދަމާއަކީ އަޔާންގެ ވެކްސިން ދުވަސް.. އަހަރެންގެ އަތުގައި އެދަރިފުޅު ބާއްވައިގެން އެކަންކުރާން އަހަންނަކަށް ކުޅަދާނައެއް ނުވާނެ.. އުނދަގޫކަމަކަށް ނުވަންޏާ އެކަން ކޮއްލަދީފާނަން..؟ ޕްލީޒް!" 

އަލީޒީގެ ލޮލަށް ބަލަން އައިޝާއަށް ހުރެވުނީ ކީއްވެކަން އައިޝާ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ ދަރިޔަކަށް ވެކްސިންދޭ މަންޒަރު ބަލަން ކެތްނުވާވަރަށްވުރެން އަލީޒީއަކީ މާ ހިތްވަރުގަދަ އަންހެނެކެވެ. މިފަދަގޮތަކަށް މިކަމަށް ހުށަހެޅުމުގައި ކޮންމެވެސް ބޮޑު ސިއްރެއް ވެ އެވެ. އެކަން އެ ރީތި ދެލޮލުން ފާޅުކޮށް އައިޝާއަށް ފެނިއްޖެ އެވެ. ނުތަނަވަސްކަމާއި ބިރުވެރިކަމުން އަލީޒީގެ ސިކުނޑިއާއި ހިތް އެވަނީ ނުރައްކަލެއްގަ އެވެ. އެކަން ޔަގީނެވެ.

"އަހަރުމެންގެ ޕްރިންސްގެ އެއްވެސް ކަމަކަށް މީގެ ފަހުން ދުވަހަކުވެސް 'ޕްލީޒް' ނުބުނާތި..! އަޔާންއަށް އަހަރެންގެ ދަރިއެއްގެ މަގާމުދިނީ، އަހަރެންގެ ހިތުގެ އެންމެ އަޑިން އެދަރިފުޅުދެކެ ލޯބިވާތީ.. އަހަރުމެން މިއީ އާއިލާއެއް.. ފުރިހަމަ އާއިލާއެއް! މި އާއިލާގައި އާދޭސްކޮށް، އެކަކު އަނެކެއްގެ އެހީއަށް އެދެންޖެހޭ ހާލަތްތަކުގައި ނާއުއްމީދުވުމަކަށް ޖާގައެއް ނެތް.. އަލީޒީ ހާސްނުވޭ.. ތިއީ އެއްވެސް ކަމެއް ނޫން!! ހިތްހަމަ ޖައްސާލާ..!! އިން ޝާ ﷲ... ހުރިހާ ކަމެއްވެސް ރަގަޅުވާނެ.." 

އަލީޒީގެ ބޮލުގައި ފިރުމާލާފައި އައިޝާ އިށީނީ އެނދުގަ އެވެ. ނިދިފައި އޮތް އަޔާންއަށް ބަލާލާފައި އަނެއްކާވެސް ވާހަކަދެއްކީ އައިޝާ އެވެ.

"އެހީ އަށް އެދޭނީ ހަމައެކަނި މާދަމާއަށްތަ؟ ނުވަތަ މިދަރިފުޅުގެ އުމުރުން ވެކްސިންދޭ ކޮންމެ ދުވަހަކައްތަ؟ އެހެންކަމަށްވަންޏާ އެ ޒިންމާ އުފުލުމަށްވެސް އަހަރެން މިއަދު ވައުދުވަން..! އިން ޝާ ﷲ ހަނދާންކޮށްލައިދޭންވެސް ޖެހުނަ ނުދޭނަން.. މިއީ ވައުދެއް!!" އައިޝާގެ އަޑު ކުރެހިއްޖެ އެވެ. 

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް