ads
ވިޝްކާ ގެ ޕޯސްޓަރެއްގައި ފިލްމީ ތަރި ސައީދު.
އާ މަޖިލިސް ހުވާކޮށްފި، އެދެނީ ވިޝްކާގައި ސައީދު އުޅުނުހެން ނޫޅުމަށް!
ސުޕަ މެޖޯރިޓީ ދިނުމާ މެދު ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާން ނުޖެހޭނެކަން ވިދާޅުވުމަކުން އަދި ނުފުދެ އެވެ. ސުޕަ މެޖޯރިޓީ އެއް ޕާޓީއަކަށް ދިނުމުން މެމްބަރުންގެ "އުޅުން" ހުރި ގޮތުން ދިވެހިން ބުއި ސިޔާސީ ހިތި ބޭހުގެ ރަހަ އަދިވެސް އަރު ތެރެއިން ނުފިލަ އެވެ. ތަފްސީލަކަށް ދެން ނުދިޔަސް މި ނިނުމު 19 ވަނަ މަޖިލީހުގެ ގިނަ މެމްބަރުންނާއި މަޖިލިސް ތަޅުން ވީ އިއްޒަތް ގެއްލިފާއިވާ ތާހިރު ތަނަކަށް ނޫން ކަމަށް ވިދާޅުވީ ހުދު ނިމުނު މަޖިލީހުގެ މެމްބަރުން ނެވެ.

ރައްޔިތުން ސުޕަ މެޖޯރިޓީއެއް ދިނީމަ، ރައްޔިތުންގެ ހައްގުން އެއް ފަރާތްވެ މަޖިލީސް މެމްބަރުންނަށް މަސައްކަތް ކުރާން ޖެހުނީ "ސަރުކާރު ޕިއޯނު" ހެދިގެން ނެވެ. ސިޔާސީ ހަމަނުޖެހުމުގައި ޖެހި އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ނުކުރާކަށް ތުހުމަތެއް ނެތެވެ. ނުގޮވާކަށް "އވގރނ" އެއް ނެތެވެ. ނުވީދާ ގަމީހެއް އަނިޔާއެއް ނުވާ މެމްބަރެއް ނެތެވެ. ޖިސްމާނީ އަނިޔާ ގެ އިތުރުން މާލީ އެތަށް ބުރައެއް މެމްބަރުން އުފުލަން ޖެހުނެވެ. ސުޕަ މެޖޯރިޓީން ޔަގީން ކުރި މުޅި އެޖެންޑާ ނިމުނުއިރު ސުޕަ މެޖޯރިޓީގެ ފައިދާ ރައްޔިތުންނަށް ނުލިބުނުތާ ބައިބައިވެ ވިއްސި ވިހާލިވީ ސުޕަ މެޖޯރިޓީގައި އޮތް ޕާޓީ އެވެ. ސުޕަ މެޖޯރިޓީ ލިބުނު ނަމަވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި އެވެރިންނަށް ހިފުނީ އެވެ. ނަތީޖާއަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރު ސުޕަ މެޖޯރިޓީގައި އޮވެ "އރޔނ" ވީ އެވެ. އެމީހުން އަލުން މެމްބަރުންގެ ގޮތުގައި ނޮހުވުނީ އެހެންވެ އެވެ. ރައްޔިތުންގެ އިތުބާރު ގެއްލުނީ އެވެ.

19 ވަނަ މަޖިލީހުގެ ދައުރު ހަމަވެ، މަޖިލިސް އުވިގެން ދިޔައިރު، ދެން އެ މަޖިލީހުގައި މެމްބަރުންގެ ދުލުގައި ހިފާ ދަމާނި ކަމެއް ނެތެވެ. އެ މަޖިލީހާ މެދު ރައްޔިތުން ހިތްހަމަނުޖެހޭކަން ނިމުނު ރިޔާސީ އިންތިހާބުގެ ނަތީޖާއިން ހީވީ ނަމަ، ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެކަން ކަށަވަރުވެއްޖެ އެވެ. އެއީ މާޒީއެވެ. މާޒީން ފިލާވަޅު ނަގައި ދެން ދައްކަން އޮތީ މިއަދު ހުވާ ކުރެއްވި 20 ވަނަ މަޖިލީހުގެ މަސައްކަތުގެ ތަރުތީބުގެ ވާހަކަ އެވެ. 

މި އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ޕީއެންސީއިން 66 ގޮނޑި ކާމިޔާބު ކުރި އިރު، އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބު ކާމިޔާބު ކުރި އަށް މެންބަރަކު ވަނީ ޕީއެންސީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތާއީދު އޮވެގެން ވާދަކުރި މީހުން ވެސް ހިމެނެ އެވެ. މި މެންބަރުންނާއެކު އެކު ޖުމްލަ މިވަގުތު ޕީއެންސީގެ 75 މެންބަރަކު މަޖިލީހުގައި އެބަތިއްބެވެ.

ހަމައެހެންމެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެ ޕާޓީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވަނީ ސަރުކާރާ އެކީގަ އެވެ.

ފެންނަ މަންޒަރުން 20 ވަނަ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދޭން މަޖިލީހުގައި ތިބޭނެ މެމްބަރުންގެ އަދަދު ވަނީ 79 އަށް އަރަ އެވެ. މިއީ މިދިޔަ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ވަރަށް ވުރެ ވެސް ބޮޑު އަގުލަބިއްޔަތެކެވެ.

މަޖާޒީ ގޮތުން ސުރުހީ ލިޔާނަމަ "ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލިސް ހިފައިފި" އެވެ. މިހެން މިއަދު ލިޔެވިދާނެ އެވެ. ނުވަތަ "ދިވެހި ރައްޔިތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ސަރުކާރުގެ ބާރުގެ ދަށަށް ދޫކޮށްލައިފި" މި ވެސް ސުރުހީ އެކެވެ. ގާނޫނު އަސާސީ އާއީ ގާނޫނުތައް ބަދަލުކުރާން ޖެހުނަސް ރައްޔިތުން އެއޮތީ އެ ފުރުސަތު ތައްމިނަށް ދީފަ އެވެ. ޒިންމާ ބޮޑީ މިހެންވެ އެވެ. 

ކޮންމެ އަކަސް 20 ވަނަ މަޖިލީހަށް ހޮވުނު ޖުމްލަ 93 މެމްބަރުން، ކުރިއަށް އޮތް ފަސް އަހަރަށް މަޖިލިސް މެމްބަރުކަމުގެ ހުވާކުރެއްވިއިރު، ރައްޔިތުން ތަމްސީލު ކުރުމުގެ އެންމެ ބޮޑު ބާރު ކަމަށްވާ މަޖިލީސް އަދި މެމްބަރުން ތިބީ "އިސްލާހުވާން" ޖެހިފައި އެވެ. ރައްޔިތުންނާ ގުޅުން ހުރި މުހިންމު ކަންކަމުގައި މަޖިލީހުން ސީރިއަސް ނަޒަރަކުން ނުވިސްނާ ކަމުގެ "ތުހުމަތު" އެޅިފަ އެވެ. ރައްޔިތުންގެ އެދެނީ ރައްޔިތުންގެ މަޖިލިސް "ހަމައިން ނެއްޓިފައިވާ" ތަނަކަށް ނުވުމަށެވެ. ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކަށް ވިޕްލައިންތަކާއި "އެންގުންތަކަށް" ދީއްލާ ނުލުމެވެ. ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލްތަކާއި މަސައްކަތްތަކުގައި މެމްބަރުން ފަހަތު ފަޔަށް ބުރަ ނުވުމަށެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން މަޖިލީހުގެ މެމްބަރުން އަމަލުކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެމްބަރަކު އޭނާގެ އަމިއްލަ ނުވަތަ އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ނުކުރުމުގެ އިތުރުން އަދި މެމްބަރުން އިންތިހާބުވި ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ރިއާޔަތް ކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

މެމްބަރުންނާއި ގުޅޭ ގޮތުން ރަށުތެރޭ އިވެނީ.. ކުއްލިޔަކަށް "މެމްބަރު" މުއްސަދިވި އަޑެވެ. މެމްބަރުގެ ބާރު ގަދަ ވާހަކަ އެވެ. ފޯނަށް ނާރާ ވާހަކަ އެވެ. ރިލެކްސް ގަޑި އަތަށް ހެޔޮވަރުކޮށްލާ، އަގު ބޮޑު ލަގްޒަރީ ދިރިއުޅުން އުޅޭން ފެށި ވާހަކަ އެވެ. މުޅި އާއިލާގެ ދިރިއުޅުން ވެރިރަށް މާލެއަށް ބަދަލުކޮށް، ދާއިރާގެ ރައްޔިތުންގެ ބޭނުން ކެޑުނު ވާހަކަ އެވެ. ބޮޑު ވިޔާފާރި ވެރިޔަކަށް ވީ ވާހަކަ އެވެ. މި ފަދަ އެތަށް ވާހަކަ އެކެެކެވެ. 

ގާނޫނު އަސާސީން ތަސައްވުރު ކުރާ ރައްޔިތުންގެ މެމްބަރު ގެއްލި ހޯދަން އިއުލާން ކުރާ ވާހަކަ އެވެ. ނަމަވެސް ކޮންމެ މަޖިލިސް އިންތިހާބެއްގައި ވެސް ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން އިވެނީ ތަފާތު އަޑުތަކެވެ. ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރާނެ ވާހަކަ އެވެ. އެކަމަކު އާ ގާނޫނު އަސާސީގެ ދަށުން ވޭތުވެދިޔަ 15 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މި ނިމުނު މަޖިލީހާއި އޭގެ ކުރިން އޮތް މަޖިލީސްތަކުގައި ވެސް ކަންކަން ހިނގީ އެގޮތަކަށް ނޫނެވެ.

ރައްޔިތުންގެ މަޖިލީހަކީ މެމްބަރުން ވިޔަފާރި ކުރާ ތަނަކަށް ވެގެން ނުވާނެ އެވެ. އެއީ ރައްޔިތުންގެ އިހްސާސްތައް ދަންނަ ބަޔަކު އިންތިހާބުވެފައި ތިބެން ޖެހޭ ތަނެކެވެ. އެހެންކަމުން 20 ވަނަ މަޖިލީހަށް ހުވާ ކުރެއްވި 93 މެމްބަރުންނަކީ ތެޔޮ ވިއްކަން އުޅޭ ބަޔަކަށް ނުވުމަށް ވަރަށް އެދެމެވެ. ތެލުގެ ވިޔަފާރި ރާއްޖޭގައި ފުޅާވެގެން ގޮސްފައިވާ ހިސާބަކީ މިއަދު ދިވެހިން "ތެޔޮ ބޯން" ވެސް ފެށުމެވެ. 

"މަޖިލީހަށް ހޮވުމާއެކީގައި މަޖިލީހަކީ އޭނާ ވިޔަފާރި ކުރަން އޮތް ފިހާރައިގެ ވަތްގަނޑަކަށް ވެގެން ނުވާނެ، ވިޔަފާރި ކުރަން އޮތް މުދަލަކަށް ވެސް ވެގެން ނުވާނެ"
  • ވިޝްކާގައި ސައީދަކީ އަޑި ނޭނގޭ މަޖިލިސް މެންބަރެއް..!

ޔާރާ ޕްރޮޑަކްޝަންގެ ފިލްމް "ވިޝްކާ" އަކީ 2017 އަހަރުގެ އެންމެ ސަޅި އެއް ފިލްމެވެ. މި ފިލްމު ބެލި މީހުންނަށް ފިލްމުގެ މައި ތިން ކެރެކްޓާއަކީ ވަރަށް ޝައުގުވެރި ކެރެކްޓާތަކަކަށް ވާނެކަން ޔަގީންނެވެ. "ވިޝްކާ" ފިލްމުން ވެސް މިއީ ސަސްޕެންސުން ފުރިގެންވާ ކެރެކްޓާތަކެއްކަން ސާބިތުކޮށްދެ އެވެ.

"ވިޝްކާ" އަކީ ކްރައިމް ތުރިލާއެކެވެ. އެހެންވެ ފިލްމުގެ ވާހަކަ ބޮޑަށް ބިނާވެފައި ވަނީ މިހާރު މުޖުތައު ތެރޭގައި ހުރި އިޖުތިމާއި މައްސަލަތަކަށެވެ. އެކަންކަމުގެ މަޖިލިސް މެމްބަރުންގެ އަނދިރި ފަރާތަށެވެ. "ވިޝްކާ" ކެރެކްޓާތަކުގެ ތައާރަފު ޕޯސްޓަރުގައި ވެސް ސައީދު ސިފަކޮށްފައި ވަނީ "ދި އީވިލް" ގެ ގޮތުގަ އެވެ. މާނައަކީ އޭނާ ފެނިގެން ދާނީ އަޑި ނުބައި ރޯލަކުންނެވެ. ވަރަށް ނުފޫދު ގަދަ ކެރެކްޓާއަކުންނެވެ. 

"ވިޝްކާ" އިން ސައީދު ކުޅުނު ރޯލުން ފެނިގެން ދަނީ ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ ގޮތުގަ އެވެ. ރައްޔިތުންތަކެއް ތަމްސީލް ކުރާ ޒިންމާދާރު މަގާމަކުން އޭނާ ފެނިގެން ދިޔަ ނަމަވެސް ސައީދު ކުޅޭ މަނިކުގެ ކެރެކްޓާ އަކީ ސިއްރުތަކުން ފުރިގެންވާ، ހަގީގަތް ނޭނގޭ ކެރެކްޓާއެކެވެ.

މި ކެރެކްޓާގެ ބެކްގްރައުންޑަށް ބަލާއިރު، މިއީ ބޭނުންވާ ކޮންމެ ކަމެއް، ކޮންމެ ގޮތެއް ހަދާފައި ވެސް ހާސިލް ކުރަން ބޭނުންވާ މީހެެއްގެ ކެރެކްޓާ އެވެ. މަނިކަކީ ކޮރަޕްޓްވެފައިވާ "އެމްޕީ" އެކެވެ. އޭނާ ބޭނުންހާ ކަމެއް، ބޭނުންވާ ގޮތަކަށް ފައިސާގެ އެހީގައި ކުރެ އެވެ. ފައިސާ ދީގެން ގޭންގެއް ވެސް ގެންގުޅެ އެވެ. 

މިއަދު މި ވަނީ 20 ވަނަ މަޖިލީހަށް ހޮވުނު ޖުމްލަ 93 މެމްބަރުން، ކުރިއަށް އޮތް ފަސް އަހަރަށް މަޖިލިސް މެމްބަރުކަމުގެ ހުވާކޮށްފަ އެވެ. އަޅުގަނޑުގެ އިހްލާސްތެރި އިލްތިމާސް އަކީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު ސަރުކާރުގައި އޮވެ 20 ވަނަ މަޖިލީހުގެ މެމްބަރުން ދިވެހި ފިލްމު "ވިޝްކާ" ގައި ސައީދު އުޅުނުހެން ނޫޅުމެވެ..!

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް