ރާއްޖޭގެ ބަރުލަމާނީގެ ހަޔާތުގައި މިއަދަކީ ބޮޑު ދުވަހެކެވެ. ބޮޑު ދުވަހެއްގެ ގޮތުގައި މި ދުވަސް ބަލާނީ ތަހުޒީބު މުޖުތަމައުތަކާއި އެ ފަދަ މީހުން އުޅެމުންދާ މުޖުތަމައުތަކުގަ އެވެ. މިއަދަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ރައްޔިތުންގެ ހާދިމުން، ހާދިމް (މެމްބަރު) ކަމުގެ ހުވާ ކުރި ދުވަހެވެ. އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާނު ހުވާލައި ދެއްވި ހާދިމް ހިމެނޭ ރައްޔިތުންގެ މަޖިލީހާ މެދު ރައްޔިތުންގެ ތަސައްވަރެއް އޮވެދާނެ އެވެ. އެ ތަސައްވަރަކަށް ވެގެންދާނީ ގާނޫނު އަސާސީން މަޖިލީހާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި ވާޖިބުކުގެ ތެރެއިން ދުސްތޫރީ އިމުގެ ތެރެއިން އަދުލުވެރި މުޖުތަމައެއް ލިއްބައިދިނުމެވެ. އެ ތަސައްވަރު ކުރާ ނުވަތަ މަޖިލީހާ މަތިވެފައިވާ މަސްއޫލިއްޔަތުތަކުގެ ތެރެއިން ނުވަތަ ތިން ބާރު ވަކި ކުރި ހަގީގީ ބޭނުން ހިފޭނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެންދާނެ ބާއްވަ އެވެ.
Advertisement
އިސްލާހީ މަސައްކަތުގައި ވެސް އުޅުއްވި އަދި ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު، ކުރީގެ މެމްބަރު އަލީ ވަހީދު، ދެއްވަނީ ކުރު ސާފު ޖަވާބެކެވެ. އޭނާ ވިދާޅުވީ ތަސައްވަރެއްކޮށްގެން މަޖިލީހަށް މެމްބަރުން އިންތިހާބު ކުރި ނަމަވެސް 20 ވަނަ މަޖިލިހަށް އެ ތަސައްވަރު ހަގީގަތަކަށް ހަދައިނުދެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އިންތިހާބުގެ ކަންކަން ހިނގާދިޔަގޮތުންނާއި އަދި އިންތިހާބަށް ފަހު ވެސް ކަންކަން ހިނގަމުން އަންނަ ގޮތަށް ބަލާއިރު އެކަން ނުވާނެ ކަމަށެވެ.
"މީހާ ތަހުޒީބުވާންޖެހޭނެ. ގާނޫނުން ހުރިހާ ހައްލެއް ނުލިބޭނެ. އިންސާނުންނަށްވީތީ ރީތި އުސޫލާއި ސިފަތައް ހިފަހައްޓަންޖެހޭނެ. އިންތިހާބަށް ވާދަކޮށް އިންތިހާބުވީމާ ދެންވީގޮތް ވެސް ބަލާ. އިންތިހާބުވި މެމްބަރުނާއި މެމްބަރުން އިންތިހާބުވި ގޮތްގޮތަށް ބަލާލިޔަސް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހާސިލް ކުރަން އަސްލު ބޭނުންވާނެ ކަންކަން ނުވާނެ ކަމަށް ފެންނަނީ. މެމްބަރުން އިންތިހާބުވި ފަހުން، މި ކަހަލަ ތަހުޒީބު ޒަމާނެއްގައި ތަހުޒީބު ގައުމުތަކުން ނުފެންނަ މަންޒަރުތައް ވެސް ފެނިއްޖެ. އެހާ ހާމަކަން ބޮޑުކޮށް އެކަންކަން ހިނގުމުން ހަމަ ވި ވާހަކަ މި ދެއްކެނީ. މިވާހަކަ މިހެން ދަންނަވަން ވެސް ވަރަށް އުނދަގޫ،" ސިޔާސީ ކަންކަމާ ވަރަށް ދުރުގައި މިހާރު އުޅުއްވާ ކުރީގެ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ރައީސްކަން ކުރައްވާ ބޭފުޅަކު އާ ގާނޫނު އަސާސީއާ އެކު މަޖިލީހުގެ ވީހާ ވެސް ގިނަ ގޮނޑި، ގައުމުގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންވެގެން އުޅުއްވާ ކަމަށާއި އެކަން މިހާރު ގޯހުން ގޯހަށް ގޮސްފައިވާކަމަށެވެ. ތިން ބާރު ވަކިވެފައިވާ ކަމަށް ބުނާ ނިޒާމެއްގައި ވެރިކަމުގެ ބާރު ލިބިފައިވާ މީހަކަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބުމަކީ ދައުލަތުގެ ތިން ބާރު އެމީހެއްގެ އަތްމައްޗަށް އެއްކޮށް ލިބުން ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުކަން މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ވެސް ފެނިފައިވާ ކަމަށެވެ.
"އެހެން ވީމާ މަޖިލިހަށް މިހާރު މެމްބަރުން އިންތިހާބުވަމުންދާގޮތުން މި ދަނީ ތިން ބާރު ވަކިވެ އެއްބާރު އަނެއް ބާރަށް ފާރަވެރިވެ ގައުމު ހިންގުމުގެ ސިފަތައް ގެއްލެމުން. މިކަމުން ލިބޭނެ ފައިދާއަށްވުރެ ބޮޑަށް ލިބޭނީ ގެއްލުން ކަމަށް މިހާރު ފެންނަނީ. އަނެއްކާ އެކަކު އަތުގައި ބާރުތައް އޮވެގެން އެ ގޮތް ގޯސްވެގެން އާ ގާނޫނު އަސާސީއެއް ހަދައި ތިން ބާރު ވަކި ކުރުމަށް ފަހު، ހިންގުމުގެ އާ ނިޒާމެއް އެކަށައަޅައިގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ. "ނަމަވެސް ވެރިކަން ލިބޭ މީހާ އެބަ ބުނޭ ތިމަން މަނިކުފާނަށް މަޖިލިސް ނުލިބޭ ނަމަ ތަރައްގީ ހޯދައިނުދެވޭނެކަމަށް. މި ކަހަލަ ވާހަކަތައް ދައްކައިގެން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެބަ ހޯދާ ވެރިޔަކަށް ހުންނަ މީހާ. ނަމަވެސް މަޖިލިސް ލިބިގެން ހިންގާފައިވާކަން ކަމަށް ބަލާއިރު މި ފެންނަނީ މުޅި ގައުމުގެ މަސްލަހަތަށްވުރެ ބޮޑަށް އެހެން ދިމަދިމާލަންކަންކަން ދާ ތަން. މިއީ ގާނޫނު އަސާސީ އިސްލާހު ކުރި ބޭނުން ފުދޭ ކަމެއް ނޫން،"
އަލީ ވަހީދު ވިދާޅުވީ އާ ގާނޫނު އަސާސީ އާ އެކު ރައްޔިތުންގެ މަޖިލީހާ މެދު އުއްމީދުތައް އާވި ކަމަށާއި ނަމަވެސް މިދިޔަ 15 އަހަރަށް ބަލާއިރު މަޖިލީހުގެ މަސައްކަތްތައް ދިޔައީ އޭރު އުއްމީދު ކުރިގޮތާ މުޅިން ހިލާފަށް ކަމަށެވެ. އެހެންވުމުގައި ހަވާލުވާ މީހުންގެ ވިސްނުމާއި ގަބޫލު ކުރުން ހުންނަގޮތުން މަޖިލިސް މިނިވަންކަމާއެކު މަޖިލީހުގެ ހަގީގީ ދައުރު އަދާ ކުރުމަށް ހުރަސް އަޅަނީ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
ތިން ބާރު ވަކިވެފައި އޮތް ނިޒާމެއް ގެނެސް އެއްބާރު އަނެއް ބާރަށް ފާރަވެރިވެ އަދުލުވެރި މުޖުތަމައެއް ބިނާކޮށް، އެކަމުގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު ގުނަވަނެއް ކަމަށް ވިޔަސް މިއަދު މި ފެންނަނީ އެ ހަގީގަތާ ދުރަށް މަޖިލިސް ދާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ 20 ވަނަ ދައުރުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:މަޖިލިސް)
"މިދުވަސް އަތުވެދާނެކަމަކަން ހިތައް ވެސް ނާރާ،" ވެރިކަން ހިންގާ ފަރާތުން މަޖިލީހުގެ ކޮންޓްރޯލް ނަގާ މިންވަރު ފަހަރަކަށްވުރެ ފަހަރެއް ބޮޑުވަމުންދާ ދިއުމާ ގުޅިގެން ކުރީގެ މެމްބަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެވަރު ބޮޑު ކޮންޓްރޯލެއް ނަގަންޖެހޭ ސަބަބެއް ވެސް ނޭނގޭ ކަމަށާއި ތިން ބާރު ވަކިކޮށްފައި އޮތް ނިޒާމެއްގައި އެވަރުގެ ބޮޑު ކޮންޓްރޯލެއް ވެރިކަން ހިންގާ ފަރާތަށް ދެމުން އަންނަ ސަބަބާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"ގާނޫނު އަސާސީގައި ތިން ބާރު އެކެއްގެ އަތްމަތީގައި އޮވެގެން ގޯސްވެގެން ތިން ބާރު ވަކިކޮށްފައި ގާނޫނު އަސަސީ ހަދާ ފާސްކޮށް އަމަލު ކުރަން ފެށީ. ނަމަވެސް އޭގެ ދަށުން ވެރިކަން ކުރަން އަންނަ ކޮންމެ ބޭފުޅަކު މި ވިދާޅުވީ މަޖިލިސް ނުލިބިއްޖެ ނަމަ ތަރައްގީ ނުގެނެވޭނެޔޭ. ދެން އެބަ ދޭން މަޖިލީހުގެ ވަރަށް ގިނަ ގޮނޑި ވެރިކަން ހިންގާ ފަރާތަށް. އެކަން އެގޮތަށް ރައްޔިތުން އެ ކުރާ ސަބަބާ މެދު ހަމަ ސުވާލު އެބަ އުފެދޭ. މީހުން ގޯސްވަނީތޯ ނޫން ނަމަ މިހާރު ރައްޔިތުން މި ތިބީ ކޮން ހިސާބެއްގައިތޯ ވެސް ބަލަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ނަންޖަހަން ބޭނުންނުވާ ކުރީގެ މެމްބަރަކު ވިދާޅުވީ މަޖިލީހުގެ ކޮންޓްރޯލް ހޯދަން ވެރިކަން ހިންގާ ފަރާތްތަކުން އުޅުއްވަނީ އެ ބޭފުޅަކު ކުރައްވާ ކަންކަން، އެއީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރިގޮތަށް ހިންގާ މަސައްކަތްތަކެއްކަން ސާބިތުކޮށް ދޭން ދަތިވާތީ ކަމަށެވެ.
" ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ފައިދާވާ ކަންކަން ހުއްޓުވާނެތަ. މަޖިލީހުން މި ޒަމާނުގައި ހުއްޓުވާނީ ފައިދާނުވާނެކަމަށް މެމްބަރުންނަށް ފެންނަކަންކަން. އެ ގޮތަށް މެމްބަރުންނަށް ފެންނަ ނަމަ ރައީސުލްޖުމްހޫރިއްޔާ ކީއްވެ އެމަނިކުފާނު ކުރައްވަން އެ އުޅުއްވާ ފައިދާ ހުރި ބޮޑު މަސައްކަތާބެހޭ ގޮތުން މެމްބަރުން ސުވާލުތަކަށް ހާމަކަން ބޮޑުގޮތެއްގައި ޖަވާބުދާރީނުވާންވީ. އެގޮތައް އެ ޑިބޭޓް ނުކޮށް މަޖިލިސް ކޮންޓްރޯލް ނަގައިގެން ކަންކަން ފާސް ކުރަން އުޅެނީ ހަގީގަތުގައި އެކަންކަމުގައި އެހެން ފަރާތެއް އުވެގެން ކަމަށް ފެންނަނީ،" އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ އިންތިހާބު ކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރަކު ވިދާޅުވި އެވެ.
މަޖިލީހާ މެދު ކުރާ އުއްމީދުތައް ގިނަ ނަމަވެސް މަޖިލީހާ މެދު ރަށުތެރޭގައި ދައްކާ ވާހަކަތައް ވެސް ގިނަ އެވެ. އަދި ޝައްކުގެ ނަޒަރުން ބަލައިގެން މަޖިލީހާ މެދު ސުވާލު އުފައްދަ އެވެ. އެ ހުރިހާކަމެއް އެގޮތަށް އޮތް އިރު އުފެދޭ ސުވާލަކީ 20 ވަނަ މަޖިލިސް ވެގެންދާނީ ގާނޫނު އަސާސީގައި ބުނާ ޒިންމާދާރު ވެރިކަމެއް ހިންގާކަން ކަށަވަރުކޮށް ޖަވާބުދާރީ ކުރުވާ އަދި އަދުލުވެރި މުޖުތަމައަކަށް ފައި ހަމަވާ ދުސްތޫރީ މަގެއް ކޮށައިއަލިކޮށްދޭނެ މަޖިލީހަކަށްތޯ އެވެ.