ads
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ
ބީއެމްއެލް އިން ހިއްސާއަކަށް 50ރ. ބަހަން ނިންމައިފި
ބީއެމްއެލް އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

ބީއެމްއެލް އިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

ޖެން ހޮޓެލްގައި މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދަަރުން އެކަމާ ހަވާލުކޮށްގެންނެެވެ.

ބީއެމްއެލްއިން ބުނެފައިވަނީ ފާއިތުވި 2023 ވަނަ އަހަރަކީ އެބޭންކުން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރު ކަމަށެވެ. މި ގޮތުން ޓެކުހަށް ކެނޑުމަށްފަހު ލިބުނު ފައިދާގެ ގޮތުގައި 2.07 ބިލިއަން ހޯދައިފައިވެ އެވެ.

މި ނަތީޖާއާއެކު ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ ބީއެމްއެލް އަށް މިހާތަނަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ މިދިޔަ އަހަރު ހޯދުމުގެ ސަބަބުން ކަމަށެވެ. ކަސްޓަމަރުން މެދުކެނޑުމެއްނެތި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި އަދި ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ހިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެންނާއެކު މަސައްކަތްކުރާނަން." ސީއީއޯ ވިދާޅުވި އެވެ.

މި ޖަލްސާގައި ވަނީ އެ ކުންފުނީގެ ބޯޑުގައި ސަރުކާރުގެ ފަރާތުން ކަނޑައަޅާ މެންބަރުންނާއި އާންމު ހިއްސަަދާރުންގެ ފަރާތުން ކަނޑައަޅާ ދެ މެންބަރުން ވެސް ހޮވާފަ އެވެ. އަދި ބީއެމްއެލްގެ މިއަހަރުގެ އޮޑިޓަރަކަށް އާނަސްޓް އެންޑް ޔަންގް ވަނީ ކަނޑައަޅާފަ އެވެ.

ބީއެމްއެލް ބޯޑަށް ސަރުކާރުގެ ފަރަަތުން ހޮވުނު މެންބަރުން

- ކާލް ސްޓުމްކަ

- އައިޝަތު ނޫރައްދީން

- އައިޝަތު ސަޖްނީ

- އަލީ ފާރިޝް މުހައްމަދު

- އާދިލް މޫސާ

- ޑރ މަރިޔަމް ސުޒީ އާދަމް

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަަށް ހޮވުނީ އަހުމަދު މުހައްމަދާއި އިބްރާހިމް މުހައްމަދާއި އަބްދުﷲ ނަސީމެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކް، ބީއެމްއެލްގެ ރައުސުލްމާލުގެ އަގު 45 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެ ބޭންކުން 340،000 ކަސްޓަމަރުން ހިދުމަތް ހޯދާ އިރު 85 މިލިއަންގެ އިންޓަނެޓް ޓްރާންސެކްޝަން ހިންގާފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް