ބީސީސީން ބުނީ ބައިނަލްއަގުވާމީ މައިދާނުގައި ކުދި ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ހޯދުމަށް ބީސީސީން ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ އެކު މުހިންމު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
ރާއްޖޭން ލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު މަސްއޫދު އިމާދާ އެކު ބީސީސީގެ އިސްވެރިން ބޭއްވި ބައްދަލުވުމުގައި އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންތައްތަކުގެ ތެރޭގައި ދިވެހި އުފެއްދުންތަކަށް ހާއްސަ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ލަންކާގައި ހުޅުވުމާއި ދެ ގައުމުގައި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާއި ލަންކާގައި ބާއްވާ ޓްރޭޑް ފެއާތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުދި ވިޔަފާރިތަކަށް ހޯދައިދިނުމާ އަދި ކުދި ވިޔަފާރިތަކަށް ފަހި ފުރުސަތުތައް ހޯދައި ދިނުމަށްޓަކައި އެކްސްޕޯ ނުވަތަ ޓްރޭޑް ފެއާއެއް ބޭއްވުން ހިމެނޭ ކަމަށް ބީސީސީން ބުނެ އެވެ.
އެ ކޯޕަރޭޝަނުން ބުނެފައި ވަނީ މި ކަންކަމުގެ އިތުރުން ކަލްޗަރަލް އެކްސްޖޭންޖް ޕްރޮގްރާމެއް ފަށައި، އެކި ދާއިރާތަކުން ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖެ އާއި ރާއްޖޭން ބޭރުން ލިބެންހުރި ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރިތަކާ ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ބީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. ބީސީސީއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.