ads
އަހުމަދު ހާފިޒް
ސަރުކާރަށް ގިނަދުވަހު ހިދުމަތްކުރެއްވި ހާފިޒު އަވަހާރަވެއްޖެ
ސަރުކާރަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަދި ކުޅިވަރާއި ތައުލީމަށާއި މަސްވެރި ކަމަށް ވެސް ވަރަށް ގިނަ ހިދުމަތް ކުރައްވާފައިވާ އަހުމަދު ހާފިޒް މިއަދު އަވަހާރަވެއްޖެއެވެ.

އުމުރުން 62 އަހަރުގައި ހާފިޒް އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އައިޖީއެމް ހޮސްޕިޓަލްގައެވެ. ހާފިޒު ކެންސަރަށް ފަރުވާ ހޯއްދަވާތާ ގާތްގަޑަކަށްް ވަނީ ނުވަ އަހަރުވެފައެވެ. 

ހާފިޒްގެ އަވަހާރަވިއިރު ދެ ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. 

މަސްވެރިކަމުގެ ދާއިރާއިން  ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންފައިވާ ހާފިޒަކީ މަސްވެރިކަމުގެ ޕޮލިސީތައް ރޭއްވެވުމުގައާއި މަސްވެރިކަމުގެ ދައިރާއިން މީހުން ހޭލުންތެރިކުރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ހާފިޒަކީ މަސްވެރިކަމާއި ގުޅޭގޮތުން ނެރެމުންދިޔަ މަޝްހޫރު މަޖައްލާ "ރަސްއައިން"ގެ އެޑިޓަރުކަން ވަރަށް ގިނަ ދުވަހު ކުރެއްވި ބޭފުޅެކެވެ. 

މެރިން ރިސާޗްގައި ވެސް ހާފިޒަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ހާފިޒު ވަރަށް ލޯތްބާއި އެކު ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އަލަށް ފެންނަ މަހަށް ނަން ދެއްވުމުގައި ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މި މަސައްކަތުގެ ތެރެއިން  ހާފިޒުގެ ނަމާ ގުޅުވައިގެން ސައިންޓިސްޓުން ވަނީ މަހަކަށް ހާފިޒުގެ ނަންވެސް ދީފައެވެ. އެ މަސް ހޯދެއްވި ބޭފުޅަކީވެސް ހާފިޒެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތު އެނގިވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި ހާފިޒު ހިމެނިވަޑައިގަންނަވައެވެ. 

ހާފިޒު ވަނީ އަހްމަދިއްޔާ ސްކޫލްގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމުވެސް ފުރުއްވާފައެވެ. އަދި އެ މަދަރުސާގައި ގިނަ އަހަރުތަކެއް ވަންދެން ވަނީ ހިދުމަތްކުރައްވާފައެވެ.

ހާފިޒަކީ ކުޅިވަރުގެ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސްކަން ކުރައްވާ އެ އެސޯސިއޭޝަންގައި ގިނަ ދުވަސްތަކެއްހިދުމަތް ކުރައްވާފައެވެ. އަދި ކުލަބް ވެލެންސިޔާގެ ވެސް ވަރަށް އިސް ރޯލެއް ހާފިޒު ވަނީ އަދާކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް