ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއުއަށް ހާއްސަކޮށް ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށާއި އެކަމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނީ މިދިުަ ޖެނުއަރީ މަހުގެ 28 ވަނަދުވަހުއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ 6 މަސްދުވަހު ކުރި މަސައްކަތްތަކުގެ ތަފްސީލުތައް ކިޔާދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަމުންދާ ވަރަށް ބަލާއިރު ހެލިކޮޕްޓަރުގެ ހިދުމަތް މުހިއްމުކަމަށެވެ. ސަބަބަކީ ރޭގަނޑުވެސް ފަތުރުވެރިން އުފުލަން ޖެހޭއިރު މިހާރު ދަތުރުކުރާ ސީ ޕްލޭންތައް ދަތުރުކުރެވޭނީ ހަމައެކަނި ދުވާލު ވަގުތުތަކުގައި އެކަނިކަމަށްވުމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ހެލިކޮޮޕްޓަރު ހިދުމަތް ފަށާނީ އިނގިރޭސިވިލާތުގެ (ސީއޭއޭ) އިން ހަދާފައިވާ ސްޓަޑީގައި ކަނޑައަޅާފައިވާ މިންގަޑުތަކުގެ ތެރެއިންކަމަށެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރުން ލަސްވެފައިވަނީ ފިނޭންސް މިނިސްޓްރީން ގާނޫނީ ގޮތުން ނިންމަންޖެހޭ ބައެއް ކަންކަން ހުރުމުންކަމަށާއި އެކަންކަން ބަންޑާރަ ނައިބުގެ އިރުޝާދާއެކު ކުރިޔަށް ދާކަމަށެވެ. އަދި އެ މަސައްކަތް ނިންމާ އަންނަ ހަފްތާގައި ހެލިކޮޕްޓަރު ހިދުމަތް ދޭނެ ބަޔަކު ހޯދަން ރާއްޖެއާއި ރާއްޖެއިން ބޭރަށްް ހުޅުވާލާނެކަމަށްވެސް އަމީން ވިދާޅުވިއެވެ.
ރާއްޖޭގައި މީގެކުރިން ހެލިކޮޕްޓަރ ވަނީ ދުއްވާފައެވެ. ހަމިންބާޑްގެ ނަމުގައި އޭރު ދުއްވި ހެލިކޮޕްޓަރުތައް ދުއްވުން ހުއްޓާލީ ހެލިކޮޕްޓަރު ވެއްޓުމުގެ ނުރައްކާތެރި ހާދިސާތަކެއް ހިންގާ ފަތުރުވެރިންގެ ބަޔަކާއި ދިވެހިންތަކެއް މަރުވި ހިސާބުންނެވެ.