ads
ދޫކޮށްފައި ނުދާށޭ.. - ހަތް ވަނަ ބައި
އެޕިސޯޑް 7
Advertisement

ހޯމަ ދުވަހުގެ ބަޔާއި ގުޅޭ

ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. ބަސްމޮށުންތެރިކަމެއް ލިބިފައި ނެތް ކިތަންމެ އިހްސާސަކުން އައިޝާގެ ހިތް ރޮއްވާލައިފި އެވެ. ދުއާއަކީ ސިރިންޖާއި އޭގެ ކަށި އަލީޒީގެ ހަޔާތުގައި ބިރުވެރިކަން އުފައްދާފައިވާ މިންވަރެއް، އަލީޒީގެ ދުލުން މަޖުބޫރުކަމެއް ނެތި ބުނެދިނުމެވެ. އެދުވަހަށްޓަކައި އައިޝާ އިންތިޒާރު ކުރާނެ އެވެ. އިންޖެކްޝަންގެ ބިރު އަލީޒީއަށް ކުރިމަތިވެފައިވަނީ ކިހާވަރަކަށްކަން ނޭގުނަސް، އޭގެ ސަބަބުން އަލީޒީ ޖެހިލުންވެ، އެއިން ސަލާމަތްވުމަށް ޑޮކްޓަރުންގެ ކިބައިން އާދޭސްކުރިތަންވެސް އައިޝާވަނީ ދެކިފަ އެވެ. 

އަލީޒީ ބަލިވެ، އޮތްތަނުން ނުތެދުވެވި ހާލުދެރަވި ކިތަންމެ ދުވަހެއްގައި، ފެންވެރުވުމާއި އެއްޗެހި ބަދަލުކުރުވުމުގައި އައިޝާވަނީ އެހީތެރިވެފަ އެވެ. އަލީޒީގެ ދޮން ހަށިގަނޑުގެ އެތަންމިތަނުގައި ހުރި، ސުވާލު އުފެދޭ ކިތަންމެ ލަކުނަކާއި އެކި ވަރުގެ ކަށި ހަރާފައި ނޫފައިގެންފައި، ލަކުނު ނުފިލާ ހުރި ކިތަންމެ ޒަހަމެއް އެ ހަށިގަނޑުން އައިޝާއަށް ވަނީ ފެނިފަ އެވެ. ސުވާލެއް ނުކުރަނީ ޖަވާބު ބޭނުން ނުވާތީއެއް ނޫނެވެ. 

އަލީޒީގެ ހިތައް އުނދަގުލެއް ލިބޭފަދަ ސުވާލެއް އައިޝާ ނުކުރާނެ އެވެ. އެހެންނޫންނަމަ އެކަމާއިބެހޭގޮތުން ސުވާލުނުކޮށް ނުހުރެވުނީހެވެ. 

"ހާސްނުވޭ.. ދެރަގޮތެއް މެދުވެރި ނުކުރައްވާނެ... ހުރިހާ ކަމެއްވެސް ރަގަޅުވާނެ.. ވެކްސިން ދޭދުވަހު ކުދިން ރުއިމަކީ އާންމުކަމެއް.. އެކަމުގައިވެސް އަހަރެން އަލީޒީއަށް އެހީވާނަން.."

އަލީޒީގެ ނުތަނަވަސްކަމަށް އެހީއެއްވެދެވޭތޯ އައިޝާ ވާހަކަދެއްކި އެވެ. އަލީޒީ ހަމަޖައްސައިލެވޭތޯ ވަގުތުކޮޅެއް ހޭދަކޮށްފައި  އައިޝާ ދިޔައީ ސައިބޯށެވެ. ވެކްސިން ކަންތައް ނުނިމެނީސް އަލީޒީގެ އަނގަޔަށް ކާއެއްޗެއް ނުލާނެކަން އޭނާއަށް އިނގެ އެވެ. 

..............

"މަންމަގެ ކުޑަކުޑަ ދަރިފުޅާ.. މިއަދު ދަރިފުޅަށް ވަރަށް ތަދުވާނެ.. އެކަމަކު ވަރަށް ހިތްވަރު ގަދަކކުރައްޗޭ.. ދަރިފުޅު ބޮޑުވެގެން މަންމައާއި ދަރިފުޅާ ދެކުދިންވެގެން އެ ކަށި ނުހަރައި ފަރުވާކުރެވޭނެ ގޮތެއް ހޯދަންވާނެ.. މަންމަގެ މި ލޯބިލޯބި ދޫންޏަށް އެކުދިން ހަދާ ހުރިހާ ގޮތެއް މަންމަގާތުގައި ބުނަންވާނެ.. ބޮޑުދައިތަގެ ބަސްއަހައިގެން މަންމަ ކައިރިއަށް ނިކަން އއަވަހަށް ދަރިފުޅު އަންނައްޗޭ.. ބޮޑުދައިތައާއެކު ދަރިފުޅު މި ފޮނުވަނީ މަންމަގެ ހިތައް ކެތްވާތީއެއް ނޫން.. މަންމައަށް މިނޫން ގޮތެއް ނެތީ.. މި މަންމަ ދިރި މިހުރީ ހަމައެކަނި ދަރިފުޅަށްޓަކައި.."

ވަރަށް އަސަރާއެކު އަލީޒީ ވާހަކަދައްކަމުން ދިޔައިރު އަޔާން އޮތީ އަލީޒީގެ ލޮލަށް ބަލާށެވެ. ބަސްއަހާ ކުއްޖަކު މަންމަގެ ނަސޭހަތް އަޑުއަހާ ފަދައިން މަންމަގެ ކޮންމެ ލަފްޒެއް ހިތުގައި ރައްކާކުރާން އޮތް ފަދަ އެވެ. 

"ދެން ނެތްތަ މަންމަ ކުރާނެ އިތުރު ވަސިއްޔަތެއް.. ބޮޑުދައިތައާއި ބޮޑުބެ ނިޔާވުމުން މިގެއާއި ގޯއްޗޗާއި އިމާރާތާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިޔަކީ އަޔާން ކަމަށްވެސް އެސޮރަށް ބުނެދޭންވީނުން.. ހަމަގައިމުވެސް މިތަކެއްޗާއި ހަވާލުވާންހުރި ވާރިސަކީ މި ޕްރިންސް..." 

ސަމާސާއަށް ނަމަވެސް އައިޝާ ވާހަކަދެއްކީ ހިތުގައި އޮތް ގޮތަށެވެ. ދުވަހަކުވެސް އެމީހުންގެ ހަޔާތުނން އަޔާން ދުރަށް ދިއުމަކަށް އައިޝާއަށް ގަބޫލެއް ނުވެވޭނެ އެވެ. 

"ސިއްރު ވާހަކަ އަޑުއަހާކަށް ނުވާނެ.. އެންމެ ފުރަތަމަ ބުނެދޭނީ، ބޮޑުދައިތައާއި ބޮޑުބެ ކިޔުއްވަންޖެހުނު ގޮތް.. ބުނާނަން ނިކަން ބޮޑު ޒުވާބަކަށް ގޮސްގެންވެސް މަންމައަށް ކުރި ނުލިބުނީމަ އެހެން ކިޔުއްވަން ޖެހުނީއޭ" އަލީޒީވެސް މޫޑް ރަގަޅުކުރެވޭތޯ މަސައްކަތްކުރި އެވެ. ހިތާއި ދެކޮޅަށް ސިކުނޑި މައިތިރިކުރަމުން ގެންދިޔައީ އައިޝާގެ ކުރިމަތީގައި ހިއްވަރުގަދަކަން ސާބިތުކޮށްދެވޭތޯ އެވެ.

"އެކަމާއި ބެހޭގޮތުން ކޮންމެ އެއްޗެއް ބުނެދިނަސް ފަރުވާލެއް ނެތް.. އަބަދުވެސް ވަރަށް ބޭނުންވޭ ބޮޑުދައިތަ ކިޔާލާފަ ގޮވާލާނެ ކުއްޖަކު.. އަޔާންއަކީ އަހަރުމެންގެ މި އެކަނިވެރި ދިރިއުޅުމަށް ލިބުނު ނިއުމަތެއް.."

އަސަރާއެކު އައިޝާ ވާހަކަދެއްކި އެވެ. ދަރިއެއްގެ އިންތިޒާރުގައި ހޭދަކުރަމުންދާ އެކަނިވެރި ދުވަސްތައް މާޒީވެއްޖެ އެވެ. އެ ޖާގަ އަޔާންއަށް ހާއްސަކުރީ އެވެ. ޝުކުރުވެރިކަމާއެކު އައިޝާގެ އަތުގައި އަލީޒީ ފިރުމާލި އެވެ.

"ނުވައެއް ޖަހާއިރު ވެކްސިން ފަށާނެ.. އަވަހަށް ދިޔާމަ އަވަހަށް ނިމޭނީ.. ލެޓްސް ގޯ މައި ޕްރިންސް" 

އަޔާން  އުރާލަމުން އައިޝާ ލޯބި ކޮށްލި  އެވެ. އަލީޒީއަށް ކޮންމެވެސް ވަރަކަށް ބަދަލު އަންނަމުންދިޔަކަން އައިޝާއަށް ފާހަގަކުރެވުނެވެ. ނަމަވެސް އެކަމަށް އެއްޗެކޭ ނުބުނީ އަޔާންއާއި ވަކިން ވަގުތުކޮޅެއް، ގޭގައި މަޑުކުރަންޖެހޭތީ ވާގޮތެއްކަމަށް ހީކޮށެވެ.

އަޔާންގެ ފައިލްވެސް ދަބަހައް ލައިގެން އައިޝާ ނިކުތެވެ. އައިޝާގެ ފަހަތުން ގޭގެ ދޮރާއްޓާއި ހިސާބަށް އަލީޒީވެސް ނިކުތެވެ. ފަހަތް ބަލައިނުލާ ޓާޓާ ކިޔާލާފަ އައިޝާ ހިނގައިގަތީ އަލީޒީގެ ކަރުނައިން ފުރިފައިވާ ދެލޯ ދުށުމަށް އޭނާއަށް އެވަގުތު ފަސޭހަނުވީތީ އެވެ. 

ލޯމަތީން އައިޝާ ގެއްލެންދެން އަލީޒީ ބެލި އެވެ. ބޮލާއި ކަންފަތައް އަރަމުންދިޔަ ހޫނުގަނޑާއި ހަށިގަނޑަށް އަރަމުންދިޔަ ބާރުގަނޑު އަލީޒީއަށް ހިފެހެއްޓޭނީ ކިހާއިރެއް ވާންދެން ހެއްޔެވެ؟ ދުއާއަކީ އަވަހަށް އައިޝާ ގެއަށް ނައުމމެވެ. އައިޝާގެ ކުރިމަތީގައި ހަގީގަތް ހާމަވެ، އަލީޒީ ބޭޒާރުވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ނުވަތަ ބަލިކަށިވާކަށްވެސް ބޭނުމެއް ނުވެ އެވެ. ދޮރުއަށި ލެއްޕުނީ ކިހައި ބާރަކަށްކަމެއް އަލީޒީއަކަށް ނޭގުނެވެ.  ބާރުގަދަ 'ޕެނިކްއެޓޭކް'ގެ ޝިކާރައަކަށްވުމުގެ ކުރީން ގޭގެދޮރުން އެތެރެވެވޭތޯ އަލީޒީ ބާރަށް ދުއްވައިގަންނާން ހިއްވަރުކުރި އެވެ.

ނަމަވެސް މުޅިގައި ފިނިވެ، ނިއްކުރިއާއި ހަތަރެސްފައިން ދާހިއްލައި ބާރަށް ހިތް ތެޅެން ފަށައިފި އެވެ. ތުންފަތް ހިކި ބަނޑަށް އުނދަގޫވެ މޭނުބައިކުރަން ފަށައިފި އެވެ. 

މޫނު މައްޗަށް އަނދިރިވެ، ވަށައިގެން ދުނިޔެ އެނބުރިގަތީ އަލީޒީގެ ހިމާޔަތަށް ހިނދުކޮޅެއްވެސް ނުދީ  އެވެ. ބޮލުގެ އިސްތަށިގަނޑު އުފުރިގެން އަންނަވަރަށް، ދެއަތުން ބާރަށް ހިފެހެއްޓުނެވެ. ލޯ މަރާލަން ކިތަންމެ ބާރެއްލާފައި އެސްފިޔަތައް ތިރިކުރާން އުޅުނަސް އަލީޒީއަށް އެސްފިޔަތައްވެސް ކިޔަމަނެއް ނުވި އެވެ. އަނގައިން ވާގިދޫވެ ދުލުގެ ބާރުވެސް ކެނޑުނުހެން ހީވި އެވެ. ހަމަ އެންމެ ލަފްޒެއްވެސް ދުލުން ބޭރުވިކަމެއް ނޭގެ އެވެ. 

......................

ސިއްހީ މަރުކަޒަށް ނުވަދެވެނީސް އަޔާން ރޯން ފަށައިފި އެވެ. އެތަނުން ދިމާވި ކޮންމެ މީހަކު އެކަމާ ސުވާލުކޮށް އެސޮރު ލާހިކު ކުރެވޭތޯ ބެލި އެވެ. އަޔާންއަކީ މީހުންނާއި ރައްޓެހި ތުއްތުކުއްޖެކެވެ.  ނަމަވެސް ހަމަ އެކަކަށްވެސް މިއަދދު ހުއްޓުވައި ނުލެއްވުނެވެ. 

......................

އަލީޒީއަށް ނޭގުނީ ބިރުވެރި އަޑެއް އޭނާގެ ކަރުން ނިކުންނަމުން ދިޔަކަމެވެ. ނޭވާ ނުލެވިގެން ތެޅިފޮޅެނީ އެވެ. ހުރިހާ ނާރެއް ފަޅައިގެންގޮސް ސިކުނޑީން ލޭއަންނަކަން އަލީޒީ ޔަގީންކުރީ އަޅަމުންދިޔަ ގަދަވޭނުގެ ސަބަބުން އެއަށްވުރެން ބޮޑުގޮތެއް ދެން އޭނާއަށް ނުވާނެ ކަމަށް ބަލާފަ އެވެ. އެތެރެހަށީގެ ހުރިހާ ގުނަވަނެއްގެ މަސައްކަތް ފެއިލްވެ، އެ ނުރައްކާތެރި ވިހައިގެ އަސަރު އަލީޒީގެ ގައިން އޭނާއަށް މިއަދުވެސް އިހްސާސްވަނީ އެވެ. ބުނެދޭން ނޭގޭ އެތައް ވޭނެއް އަޅަނީ އެވެ. މުޅިގަޔަށް ޕިން ހަރާހެންވެސް ހީވަނީ އެވެ. ތޫނު މޮހޮރު ހަރާފައިހުރި ފިލާގަނޑެއް ރޯހަންގަނޑުގައި ދެމިޔަސް އެވަރުގެ ވިހަ ވޭނެއް ނާޅާނެ އެވެ. ހަތަރެސްފައި އައްސިވެ، ދާހިއްލާ ފޯވެއްޖެ އެވެ.

ހަށިގަނޑު އިރައި ވީދައިގެން، ފުރާނަ ނިކުމެގެން ދަނީހެން ހީވިވަގުތު އަލީޒީގެ ދާދި ގާތުން ގޮވައިލީ އެނާގެ ބައްޕަ އެވެ. ހިނިތުންވުމާއެކު ބައްޕަގެ އަތުގައި ހިފައިލުމަށް އަތް އުފުލާލަން މަސައްކަތްކުރި އެވެ. ބިންމަތީގައި ދެމެމުންގޮސް، އެންމެ އިނގިއްޔެއްގައި ނަމަވެސް ބީހިލެވޭތޯ ހިތްވަރުކުރި އެވެ. އެވަގުތު އޭނާގެ އެސްފިޔަތައް ތިރިކޮށްލެވުނުހެން ހީވި އެވެ. 

................

މަރުކަޒުގެ ގަޑި އައިޝާ ބަލައިލި އެވެ. ނުވަގަޑި ފަންސާސް ފަހެއް ހަމަކުރުމަށް އޭގެ ކަށި ދަތުރުކުރަނީ އެވެ. އަޔާން ހުއްޓުވާލުމަށް އައިޝާއަށް ނުކުރެވެނީ ކީއްހެއްޔެވެ؟ އެދަރިފުޅު ވަރުބަލި ވެއްޖެ އެވެ. އެކަމަށް މަސައްކަތް ކޮށްކޮށް އައިޝާ ހަންވެއްޖެ އެވެ. 

އަލީޒީއަށް ގުޅާން ފޯނު ނަގަންވެގެން ބަލާލިއިރު އައިޝާގެ ދަބަހުގައި ފޯނެއް ނެތެވެ. ބަދިގޭގެ މޭޒުމަތީގައި ފޯނު ބޭއްވުނު ހަނދާންވުމުން އަމިއްލަ ނަފުސައް ކިތަންމެ ވަރަކަށްވެސް ކުދި ކިޔުނެވެ. ދެން ވިސްނީ ގެއަށް އައުމަށެވެ. ތަންކޮޅަކަށް ހިނގާލާފައި ހުއްޓިއްޖެ އެވެ.

ވެކްސިން ނުދީ އައުމަކީ އެނާގެ ވައުދާއި ހިލާފުވުމެއްކަމަށް ވިސްނުމުން، ކިތަންމެ އިރެއްވިޔަސް ވެކްސިން ދީގެން ނޫނީ ގެއަށް ނުދާން އައިޝާ ނިންމި އެވެ. އަޔާން އަށްޓަކައި ހަތަރުދަމު ކޮޅަށް ހުންނާންޖެހުނަސް އައިޝާ ފޫހިކަމެއްނެތި އެކަން ކުރާނެ އެވެ.

ހަނދާނަށްއައީ އަލީޒީ ގުރުއާން ކިޔަވާން ފެށުމުން އަޔާން ހަމަހިމޭންވާކަމެވެ. އެއީ ނިދަން އަޔާންއަށް އެންމެ ފަސޭހަގޮތެވެ. ވެކްސިންދޭން ކުދީން ގޮވައިގެން އައިސްތިބި މީހުންނާއި ދުރައްޖެހިލާފައި އައިޝާ ގުރުއާނުން ކުރު ސޫރަތްތައް ކިޔަވާން ފެށި އެވެ. ހިނދުކޮޅަކަށް ހުއްޓާލިޔަސް މާގިނައިރެއްނުވެ އަނެއްކާވެސް އަޔާން ރޯން ފަށަނީ އެވެ. ރޮއެރޮއެ ވަރުބަލިވެ، ގިސްލެވުމުން އިރުކޮޅަކަށް ހުއްޓާލަ އެވެ. އެވަރަށް ރޮނިކޮށް އަލީޒީގެ ގާތަށް ގެންގޮސްފިނަމަ ދެން ކަންތައް ވާނެގޮތްވެސް އައިޝާއަށް އިނގެ އެވެ. މިއަދުގެ ކުރިއަށް ހުރި ވަގުތުތަކުގައި އަރުތެރެއިން ކާއެއްޗެއް ނުވަތަ ފެންފޮދެއްވެސް އަލީޒީ ދިރުވާނުލާނެކަން އެއީ ކަށަވަރު ކަމެކެވެ. 

އަޔާންގެ ރުއިން ހުއްޓާލާތޯ ކުރެވެންހުރި ހުރިހާކަމެއް ކުރެވޭތޯ  ބެލި އެވެ. އައިޝާ ބިރުން ފިއްކަނޑައިގެން ދާވަރުވި އެވެ. ކުރަންއައި ކަންތަކަށް ނާއުއްމީދުވެ، ގެއަށްގޮސް އަލީޒީ ގެނައުން ނޫންގޮތެއް ނެތްކަމަށް ނިންމާފައި ގެއަށްދާން ހިނގައިގަތްވަގުތު ދިމާވީ އަލީޒީގެ ސިޒޭރިއަންހެދި ޑޮކްޓަރެވެ. 

ވެގެން އުޅޭގޮތް ޑޮކްޓަރަށް އައިޝާ ކިޔައިދިނުމުން، މަޑުކޮށްލުމަށް ބުނެފައި ޑޮކްޓަރވަނީ ބޭސްފިހާރައަށެވެ. އެތަނުން ތުއްތުކުދިންގެ ތުނބެއް ގަނެގެން ނިކުމެ ދައްކާލުމުން އައިޝާވެސް ހިނިއަ އެވެ. އޭނާއަށް އެވަރު ވިސްނުމެއް ނައީތީ މޮޔަހީވި އެވެ. އޭރުހުރީ ދެވަރުން އެއްވަރު ވެފަ އެވެ. ހިނިއައިސްފައި ޑޮކްޓަރާއި ދިމާއަށް އެނބުރެލިވަގުތު، އަދިވެސް މަޑުކޮށްލުމަށް އިޝާރާތްކޮށްލާފައި ޑޮކްޓަރވަނީ މަރުކަޒު ތެރެއަށެވެ. އެ ތުން، ނުދީ ޑޮކްޓަރ އެތެރެއަށް ވަނީތީވެ، އައިޝާ ކުދިކިޔަން ފެށީ ކެތްމަދުވެފައިވާތީ އެވެ. ސްޓެރެލައިޒްޑް ކޮށްގެން ތުން ގެނައުމާދެމެދު މާގިނަ ވަގުތެއް ނުނެގި އެވެ. 

ޑޮކްޓަރ އައިޝާއަށް އިޝާރަތްކުރީ އަވަހަށް ބަރުމިން ބަލާލާފައި ވެކްސިން ޖެހުމަށެވެ. ހަމައެވަގުތު ތުންޖައްސާލުމާއެކު، ރޮއެރޮއެ ވަރުބަލިވެފައިވާ ދަރިފުޅު ތުންދަމަން ފެށި އެވެ. ރުއިން ކެނޑުނު ކަމަށްވިޔަސް ގިސްލުމުގެ އަޑުން ހިތްފަޅައިގެން ދާވަރުވެ އެވެ. ލޯތްބާއެކު އަޔާންގެ ބޮލުގައި އައިޝާ ފިރުމާލި އެވެ. ދެ ލޯ މަރާލައިގެން ތުންދަމާލަން އޮތީ ނުހަނު ލޯބިކޮށެވެ.

"ޑޯންޓް ވޮރީ.. ހުރިހާކަމެއްވެސް ރަގަޅުވާނެ.. ހީ އިޒް ލަކީ" އައިޝާ ހިތްހަމަ ޖައްސައިދިނުމަށް ޑޮކްޓަރ ބުނެލި އެވެ. 

ހިނިތުންވުމަކާއެކު ޑޮކްޓަރއަށް އައިޝާ ޝުކުރުވެރިވި އެވެ. 

ވެކްސިން ދީ ނިމުމާއެކު ވީ އެންމެ އަވަހަކަށް އައިޝާ ބެލީ އަލީޒީގެ ގާތަށް ދެވޭތޯ އެވެ. ތުންޖެއްސިފަހުން އަޔާން ރުއިން ހުއްޓާލައިފި އެވެ. ގެއާއި ހަމައަށް އާދެވުނުއިރު އަޔާންއަށް ހަމަރަގަޅަށް ނިދިއްޖެ އެވެ. އަލީޒީގެ ގާތަށް އަންނަންވީރު އަޔާންއަށް ނިދިފައި އޮތުމުން ލިބުނު ހިތްހަމަޖެހުމާއެކު އައިޝާއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ނުހަނު ލޯބިނން އޭނާގެ ގަޔާއިލައި އަޔާން ބޮނޑިކޮށްލެވުނެވެ. ހިނިތުންވަމުން ދޮރުއަށީގެ ތަޅުގައި ހިފައި އަނބުރާލި އެވެ.

ހުޅުވުނު ދޮރާއެކު ހުރިތަނަށް އައިޝާ ގަނޑުވި އެވެ. ދެފައިތިލަ ދަށުން ބިންގަނޑު ދެމިގަތްފަދަ އެވެ. އަރިއަޅާލި ވަގުތު، އަތުގެ ތެރެއިން ދޫވެދާނެކަމަށްޓަކައި ގަޔާލައި، އަޔާން ބޮނޑިކޮށްލެވުނެވެ.  

ފެންނަމުންދިޔަ މަންޒަރުގެ ކުލަތައް ސިފަވެ، ވާނުވާ އެނގުމާއިދެމެދު ވަގުތުނެގި އެވެ. ކުރިމަތީގައި އެވަނީ ހަގީގަތެއްކަމާމެދު ވިސްނާލަން ހުރެވުނެވެ. ފިލްމުތަކުގައި ފެންނަފަދަ  ބާރުގަދަ ހައެއްކަ ގުންޑާއިން، ބަލިކަށި އިންސާނަކަށށް  ރަހުމުކުޑަ އަނިޔާތަކެއް ދީފައި މުޅިތަން ސުންނާފަތިކޮއްފައި އޮތުމެކޭ އަލީޒީގެ ހާލަތެކޭ ތަފާތެއް ނެތެވެ. 

ނުހަނު ބާރަށް އަޔާން ގައިގަ ބައްދައިލެވުނީ ގަތް ބިރުންނެވެ. ވާނުވާ އެނގުނުއިރު އައިޝާގެ އަނގަ ހުޅުވި ދެ ލޯ ބޮޑުވެއްޖެ އެވެ. ކަރުގެ އެންމެ އަޑިން ހަޅޭއްލަވައިގަންނަން އުޅެވުނުވަގުތު އަޔާން ހަރަކާތްކޮށްލި އެވެ. ހަމަހޭވެރިކަމެއް އައިޝާއަށްއައީ އެވަގުތު އެވެ. ދުއްވައިގަނެވުނީ ގެއާއި ދިމާއަށެވެ. 

ވީއެންމެ އަވަހަކަށް އަޔާންގެ އެނދުގައި ބާއްވާފައި ދުވެފައި އައީ އަލީޒީ ގާތަށެވެ. އެކުވެރިޔާއަށް އެހީވާނެގޮތެއް އައިޝާ ފުރަތަމަ ޖެހުނީ ވިސްނާށެވެ. އަލީޒީއަކީ އައިޝާއާއި ބަލާފައި އިސްކޮޅުން ދިގު ކުއްޖެކެވެ. އައިޝާއަށް ވިސްނާލެވުނީ އަލީޒީ ބިންމަތީން އުފުލާލަން ހަދާނެގޮތެކެވެ. އެއްއަތުން ބާރަށް ނިއްކުރީގައި ހިފަހައްޓާފައި އަނެއް އަތުން ޅިނދުގައި އަތް އަޅުވާލެވުނެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިންނެވެ. ވަށައިގެން ބަލައިލެވުނީ ގޯތިތެރެއަށެވެ. ނިކުމެ ނިކުމެ އޮތް ނޭވާވެސް އެތެރެއަށް ހިފައިލެވުނެވެ. އަތުގެ އިނގިލިތައް ތުރުތުރު އަޅަންފެށި އެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް