ads
ވިނަރެސް ފްލެޓުތައް: ފްލެޓުތަކުގެ އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ތަކެތި ނަގަން އެޗްޑީސީން ވަނީ އަންގާފައި - ފޮޓޯ:އަވަސް
ވިނަރެސް ފްލެޓުގެ އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސާމާނު ނަގަން އެދިއްޖެ
ވިނަރެސް ފްލެޓުތަކުގެ އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސާމާނު ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
Advertisement

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ދެވަނަ ފިޔަވަހި ގައި ގާއިމުކުރެވިފައިވާ ވިނަރެސް ޓަވަރުތަކުގައި ވަކިވަކި ޔުނިޓުތަކުން ގަސްމުށި، ފައިވާން، ބޫޓު، ފަރުނީޗަރު އަދި މި ނޫންވެސް މިފަދަ ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ކުނީގެ ބާވަތްތައް ޔުނިޓުން ބޭރު އާންމު ސަރަހައްދުތަކުގައި ބަހައްޓާފައި ހުރުމުގެ ސަބަބުން އިމާރާތުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށާއި އިމާރާތުގެ އާންމު ބައިތައް ސާފުކުރުމާ އަދި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެ ކޯޕަރޭޝަނަށް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

ވިނަރެސްއަކީ ވަކިވަކި ޔުނިޓުތަކެއްގައި ތަފާތު ގޭބީސީތަކެއް ދިރިއުޅެމުންދާ އިމާރާތެއްކަމުން އެއް ފްލެޓުން ކުރާ ކަމެއްގެ ސަބަބުން އަނެއް އަވަށްޓެރި ފްލެޓަށް އުދަނގޫވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނެފައި ވަނީ އިމާރާތުގެ އާންމު ބައިތައް ހަމަހަމަ އުސޫލެއްގެ ދަށުން ބޭނުން ކުރެވުމަކީ އިމާރާތުގައި ހިތްގައިމު އަދި ރައްކާތެރި މާހައުލެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އެހެންކަމުން އިމާރާތުގެ އާންމު ބައިތަކާއި ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުން ޝާއިއުކުރެވިފައިވާ ވިނަރެސް މަޝްރޫއުގެ އެއްމެދު އިމާރާތްތަކުގެ އާންމު ތަންތަނާއި ވަސީލަތްތައް ބޭނުންކުރުމާ ބެހޭ އުސޫލާ އެއްގޮތަށް ވިނަރެސް އިމާރާތް ބޭނުން ކުރައްވާ ހުރިހާ ފަރާތްތަކުން އަމަލު ކުރުމަށް އިލްތިމާސް ކުރަމެވެ. އަދި ވިނަރެސްގައި ރަނގަޅު ފެންވަރެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ލިބެމުންދާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،" އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ވަނީ ވިނަރެސް ފްލެޓުތަކުގެ އާންމު ސަރަހައްދުތަކުގައި އެއްވެސް ފަރާތެއްގެ އެއްޗެއް ބަހައްޓާފައި ހުރި ނަމަ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެއެއްޗެއް ނެގުމަށް އަންގާފަ އެވެ. އެ ތާރީހުގެ ފަހުން އެފަދަ ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ތަކެއްޗާ މެދު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އެޗްޑީސީން ބުނި ގޮތުގައި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުނަގާނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް