ads
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އިޒްރޭލު ޕާސްޕޯޓް މަނާކުރަން މަޖިލީހަށް ބިލެއް ހުށަހަޅައިފި
އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުުރަން ނިންމަން، އިދިކޮޅު އެމްޑީޕީން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބިލު އެ ޕާޓީން މިއަދު ހުށަހަޅައިފި އެވެ.
Advertisement

މި ހަފްތާގައި ފެށި މަޖިލީހުގެ 20 ވަނަ ދައުރަށް ހުށަހެޅި ފުރަތަމަ ބިލުގެ ގޮތުގައި އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު) ގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.

"މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ އެކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތީތީ، ސީދާ ގާނޫނަށް ގެންނަ ބަދަލުން ފިޔަވަޅު އަވަސްކުރުމަށް،" މީކާއިލް ވިދާޅުވި އެވެ

އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު އެދިވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެ މައްސަލަ ހާރިޖީ ކޮމިޓީން ބަލަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލިސް ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރުމުން، އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވުމުގެ ނިންމުން ނިންމަވައި ދެއްވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ވަނީ ހުށަހަޅައިފަ އެވެ.

އެކަމަކު، އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވުމަށް ފަހު ވެސް މަޖިލީހުގެ އެ އެދުމަށް މިހާތަނަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ.

އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ސާފު ޖަވާބެއް ދީފައެއް ނުވެ އެވެ. ސަރުކާރުން ވަނީ ފަލަސްތީނުގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަނާމު ހީނާ ވަލީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ރާއްޖެއިން އަޅާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް