ހިޔާ ޓަވަރެއްގެ ފުރަތަމަ ފަންގިފިލާގެ ކުޑަ ދޮރުން ކުޑަ އަންހެން ކުއްޖަކު ޝީޓް މައްޗަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާ 16 ވަނަ ޓަވަރުގައި ގާތްގަނޑަކަށް 10 ފޫޓަށް ހުންނަ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ފައިބައިގެން ހިނގާފައި ގޮސް އެ ކުއްޖާ ސިޑިގޮޅި އަށް އަރައި އެތަނަށް ފައިބާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
މިކަން ހައްލު ކުރުމަށް އެޗްޑީސީން މަސައްކަތް ފަށާފައިވާއިރު، އެ ކުޑަދޮރުތަކުގައި މިހާރު ވަނީ ސެކްއާ ގްރިލްސް ޖަހާފަ އެވެ.
އެޗްޑީސީން ބުނީ، ހިޔާގެ 16 ޓަވަރުގައިވެސް މި މަސައްކަތް މިހާރު ނިމިފަ ވާކަމަށެވެ. އަދި ބުނީ، ސެކްއާ ގްރިލްސް ހަރުކުރީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ވެފައިވާ ވައުދުގެ ދަށުން ކަމަށެވެ.