އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބުކުރަން، ހަތް ފިޔަވައްސަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ ވޯޓުލުމުގެ އެންމެ ފަހު މަރުހަލާގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ޖޫން 1 ވަނަ ދުވަހު އެވެ. އަދި, ޖޫން 4 ވަނަ ދުވަހު ވޯޓު ގުނަން ފަށާނެ އެވެ. އަދި އެ ދުވަހު ނަތީޖާ އިއުލާން ކުރާނެ އެވެ.
ބީޖޭޕީ އާއި އިދިކޮޅު މައި ޕާޓީ ކޮންގްރެސް ޕާޓީ އަދި ސަރަހައްދީ ވާދަވެރިން ވަނީ ހަތް މަރުހަލާގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ވަރުގަދަ ކެމްޕޭންތަކަކާއެކު ވާދަ ކޮށްފަ އެވެ.
އިންޑިއާ އަދި ބައެއް ބޭރުގެ މީޑިއާ އެޖެންސީތަކުން ނެރެފައިވާ މި ޕޯލްތަކަކީ އެންމެ ސައްހަ ޕޯލްތަކެއް ކަމަށް ނުވާނެކަމަށް ތަޖުރިބާ ކާރުން ވިދާޅުވެ އެވެ. ނަމަވެސް އާންމު އިންތިހާބުގައި އެންމެ ކުރީގައި އޮތީ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކަމަށް ހުރިހާ ޕޯލްތަކުން ވެސް ދައްކަ އެވެ.
ގިނަ އެގްޒިޓް ޕޯލްތަކުގެ ނަތީޖާއާ އެކު، މޯދީ ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރެކޯޑް އަދަދަކަށް ރައްޔިތުން ނުކުމެ ވޯޓުލައިގެން، ބީޖޭޕީގެ ވެރިކަން ދަމަހައްޓާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ވޯޓު ލާފައިވާ މީހުންގެ ސާވޭއިން ދައްކާ ގޮތުގައި މޯދީގެ ކޯލިޝަން، އެންޑީއޭ ނިސްބަތްވާ 355 އާއި 380 އާ ދެމެދުގެ އަދަދެއްގެ ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރައްވާނެ އެވެ. ނަމަވެސް އިދިކޮޅުން ވަނީ އެ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައިފަ އެވެ.
އިންޑިއާގެ ބޮޑެތި ހުރިހާ ނޫސްތަކުން ވަނީ މޯދީ ޕްރޮމޯޓު ކުރަން އިސް ދައުރެއް އަދާކޮށްފައިވާ ކަމަށާއި، އިންތިހާބަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވާފައި ކަމަށް އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރެ އެވެ.
969 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނަސް މި އިންތިހާބުގައި ވޯޓުލާން ދިޔަ މީހުންގެ އަދަދު މީގެ ކުރިއާ އަޅާ ބަލާއިރު މަދު ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.