އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖެއަށް އައިސްފައިވާ ތައި ޗެމްބާ އޮފް ކޮމާސްގެ މެންބަރުންނަށް ބިޒްނަސް ބްރީފިންއެއް ބާއްވާފައި ވަނީ އެ މިނިސްޓްރީ އާއި ތައި ޗެމްބާސް އާ ގުޅިގެން ކަމަށެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ކުރިއަށް ދިޔަ މި ސެޝަނުގައި 170 ޑެލިގޭޓުން ބައިވެރިވިއިރު އޭގެ ތެރޭގައި ތައިލެންޑްގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުތަކުގެ އެގްޒެކެޓިވުންނާއި ޓްރޭޑަރުންނާއި ފައިނޭންސަރުންނާ އަދި ސީއީއޯއިން ހިމެނެ އެވެ.
މި ސެޝަންގެ މަގުސަދަކީ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ މި ސެޝަނުގައި ބައިވެރިވި ޑެލިގޭޓުންނަކީ ޔުނިވާސިޓީ އޮފް ތައި ޗެމްބާސް އޮފް ކޮމާސްއިން ކުރިއަށް ގެންދިޔަ ޓޮޕް އެގްޒެކެޓިވް ޕްރޮގްރާމް އިން ކޮމާސް އެންޑް ޓްރޭޑްގެ ބައިވެރިން ކަމަށެވެ.
މި ސެޝަންގައި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވެ، ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން ޑެލިގޭޓުންނާ އެކު ވަނީ މަޝްވަރާކޮށްފަ އެވެ.