ads
ދޫކޮށްފައި ނުދާށޭ.. - އަށް ވަނަ ބައި
އެޕިސޯޑް 8
Advertisement

ބުރާސްފަތި ދުވަހުގެ ބަޔާއި ގުޅޭ

އައިޝާގެ ގޯތިތެރެއަކީ ހިމުން، ހުދު ދޮންވެލި ލައި، އޮމާން ކޮށްލާފައި އޮންނަ ތަނެކެވެ. އެކަމަކު މިއަދު އެއީ ދޮންވެލި ނުވަތަ ކަޅުވެލި ލާފައި އޮތްތަނެއްކަން ވަކިކުރެވޭނެ އެއްގޮތެއްވެސް ނެތެވެ. އަލީޒީ އޮތީ ވެއްޔާއި ތަތްތެޅިފަ އެވެ.  މުޅިގޯތިތެރެ އޮތީ އެފުށް މިފުށަށް ޖެހިފަ އެވެ. ފަށުވިކޮޅެއްފަދަ އިސްތަށިގަނޑު ހީވަނީ ވީދާފައި އޮތް ސުތުލިގަނޑެންހެނެވެ. ހަގީގަތުގައިވެސް ބަޔަކު އައިސް އަލީޒީއަށް މިފަދަ ގޮތެއް ހެދީތޯ ނޫންތޯ ސުވާލު އުފެއްދި ދާނެ އެވެ. 

އައިޝާއަށް  ބަލައިލެވުނީ އަލީޒީ އޮތްގޮތެވެ. އެއް އަތުގެ ތެރެއަށް ދިގު އިސްތަށިގަނޑުން ބައެއް އޮޅާލައި މުއްކަވާލާފައި އޮތީ ނުހަނު ބާރަށެވެ. އަނެއް އަތް ރީތިކޮށް ދަމާލާފައި އޮތީ، އެއަތުގައި ހިފާލުމަށް މީހެއްގެ ކިބައިން އާދޭސްކުރާފަދަ ގޮތަކަށެވެ. 

އައިޝާގެ ދެކޯތާފަތުން ކަރުނައިގެ ކޯރު ދެމިގެންފި އެވެ. އަޔާން ގޮވައިގެން ދާން އަލީޒީ ބޭނުން ނުވީ ބޮޑު ސަބަބެއް އޮތީމާކަން އައިޝާއަށް އެގެ އެވެ. އެކަމަކު މިވަރުގެ ބިރުވެރިކަމެއް ކުރިމަތިވެދާނެކަން ޝައްކެއްވެސް ވެފައި އޮތްނަމަ މިއަދަށްޓަކައި މުންޝިރުވެސް ރަށަށް ގެނައީހެވެ.

އައިޝާގެ ހަޔާތުގައިވެސް މިފަދަ ނުރައްކާތެރި ވަގުތެއް ކުރިމަތި ނުވެ އެވެ. އަލީޒީ ލައިގެން އޮތް ހެދުން މޭމައްޗާއި ހަމައަށް ހިއްލިފައި އެއޮތީ ވަޔާއިއެކު ނޫންކަން އައިޝާއަށް ޔަގީނެވެ. ނޭވާ ނުލެވިގެން ހެދުންވެސް ބޮލުން އެއްލައިލާން އުޅެފައިވާކަމަށް އައިޝާއަށް ހީކުރެވުނެވެ. ލައިގެން އޮތީ ފުޅާ ހަރުވާޅެއް ކަމަށްވާތީ އެވެސް އޮތީ އެއްފައި ކަކުލާ ހަމަޔަށް އަނެއްފައި ފަލަމަސްގަނޑާއި ހިސާބަށް އޮޅިފަ އެވެ. އެކަން އެހެން ވެފައި އެވަނީ ވެލިގަނޑުގައި ދެފައި ކޭއްތިލެއް ބާރުކަމުންނެވެ. އަތާއި ފައިގެ އެކިތަންތަނުން ތެޔޮހަން ގޮސްފައި ހުއްޓެވެ. މުޅި ލޮލާއި އަނގަޔާއި ނޭފަތުގައިވެސް ވެއްޔެވެ. ސާފުކކުރަން ހަދާނެ ގޮތެއް އައިޝާއަކަށް ނުވިސްނުނެވެ. އަލީޒީ އޮތް ހާލަތުން އެހެން މީހެއްގެ އެހީއެއް ހޯދޭކަށްވެސް ނެތެވެ. މަރުކަޒަށް އަންގަން ކަނޑައެޅިގެން އަލީޒީ ބޭނުންނުވާނެތީ، އެކަން ކުރާންވެސް އައިޝާއަށް ލާހިކެއް ނޫނެވެ. 

އަލީޒީގެ ހަޔާތުގައި ފޮރުވިފައިވާ މިވަރުގެ ހަގީގަތްތަކެއް ވާކަން، އެހެންމީހަކަށް ނުވަތަ ބަޔަކަށް ޝައްކުވެދާނެފަދަ ކަމެއް ކުރާކަށްވެސް އައިޝާ ބޭނުމެއް ނޫނެވެ. ހަޔާތުގައި އެކިމީހުންނަށް އެކިވަރުގެ އިމްތިހާނު ﷲ ޖައްސަވާނެކަން އައިޝާވެސް ގަބޫލުކުރެ އެވެ. މިއީ އައިޝާއަށް މިހާތަނަށް ދިމާވި އެންމެ އުނދަގޫ އެއްދުވަހެވެ. މިއަދުގެ މި އިމްތިހާނނުން ފާސްވުން ނުވަތަ ފެއިލްވުން އޮތީ އޭނާގެ އަތްމަތީގަ އެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އަލީޒީ ގާތަށް ތިރިވި އެވެ.  މަޑުމަޑުން މަސައްކަތްކުރީ އަތައް އޮޅާލާފައި އޮތް އިސްތަށިގަނޑު ސަލާމަތް ކުރެވޭތޯ އެވެ. 

................

ގޮނޑީގައި ބައިންދައިގެން ހޫނުފެނުން އަލީޒީ ފެންވަރުވަމުންދާތާ ވިއްސަކަށް މިނެޓް ވެދާނެ އެވެ. ދެމީހުންކުރެ އެކަކުވެސް އަނގަޔަކުން ނުބުނެ އެވެ. ބޮލުން ވެލި ފިލުވޭނެ އިރެއް އަދިވެސް ނޭގެ އެވެ. ދަތްކުދި ފުނަލަކުންވެސް ކުރެވުނީ ވަކިވަރެކެވެ. ވެލި ހިމުންކަމުން ބޯއިސްތަށިގަނޑުގެ ތެރެއިން ވެލި ފިލުވާން  އުނދަގުލީ އެވެ.

އަޔާން އަލީޒީއަށް ބޭނުންވެގެން ހޭލާނީ ކޮންވަގުތަކުކަމެއް ނޭގެ އެވެ. އެދަރިފުޅު މިހާރު އޮންނާނީ ބަނޑުހައިވެފައިކަން އައިޝާއަށް ޔަގީނެވެ. ވީއެންމެ ރަގަޅަކަށް އަލީޒީ ސާފުކޮށްލާފައި ފެންވަރުވައިގެން ނެރި، ބޯހިއްކާލާފައި، އަތްފައިގެ މަށައިގެން ގޮސްފައިވާ ތަންތަން ޑިޓޯލުން ސާފުކޮއްފައި ރަތްބޭސް ޖަހައިދިނީވެސް އައިޝާ އެވެ. ހުރިހާ ކަމެއް ނިމުމުންވެސް އިށީންދެ އިން ގޮނޑީން އަލީޒީ ނުތެދުވި އެވެ. މުޅީން ހަމަޔަކަށް އަދިވެސް ނޭޅެނީކަން އެނގި އައިޝާ، އަލީޒީ ކޮނޑުލަފިކޮށްގެން ގެންގޮސް އެނދުގައި ނުބޭއްވެނީސް އަޔާން ރޯން ފަށައިފި އެވެ. 

"ބަސްއަހާ ލޯބިލޯބި ޕްރިންސްގެ ގާތަށް މަންމަ މިއޮއް އައީ.. ދެން ނުރޮއި ދަރިފުޅު ހުއްޓާލާ.. މަންމައަށް ހަމަ ކުޑަކުޑަ ވަގުތުކޮޅެއް ދެއްވާ.. ބޮޑުދައިތަގެ ދަރިފުޅު މާބޮޑަށް ބަނޑުހައިވެއްޖެދޯ" ލޯބިލޯބިކޮށް އައިޝާ ބުނެލި އެވެ.

ބޮޑު ހާދިސާއެއް ހިނގައިގެން އެތައް އިރެއްވަންދެން އަނގައިން ނުބުނެ، ހިތުން ރޮމުންދިޔަ މީހެއްގެ އަޑުކަމެއް، އެއަޑުއިވުނު މީހަކަށް ފާހަގަ ކުރާކަށް ނޭގޭނެ އެވެ. އިންސާނަކަށް ހިތްވަރުކުރެވޭނެ އެންމެ މަތީން މިއަދު އައިޝާ ހިތްވަރު ކޮށްފި އެވެ. އޭނާގެ އެންމެ ރިހުމެއްވެސް އެހެން މީހަކަށް އިހްސާސްވިޔަނުދެ އެވެ. 

އެނދު ހަމަޔަކަށް އަޅުވާލުމަށްފަހު އެންމެ ފަސޭހަވާނެ ގޮތްކަމަށް ބަލާފައި އަރާމުކޮށް ބާލީސްތައް ހަމަޖައްސާލާފައި ދެމައިންނަށް އެކަނިވެރި ވަގުތުކޮޅެއް ދީފައި އައިޝާ ކޮޓަރީން ނިކުތީ ދޮރުވެސް ލައްޕާލާފަ އެވެ. 

އަލީޒީގެ ލޯކުރިމަތީން ގެއްލެންދެން އޭނާ ކެތްކުރި އެވެ. ދޮރު ލެއްޕުމާއެކު އެންމެ ހިނދުކޮޅަކަށްވެސް ހިފަހައްޓައި ނުލެވުނެވެ. ދުވެފައިގޮސްވަނީ ފާހާނާއަށެވެ. ފާހާނާތައްޓަށް ގުދުވެއޮވެ، ގޮހޮރު އެއްކޮށް ހުސްވަންދެން އައިޝާ ހޮޑުލި އެވެ. ބޮލުގައި ރިހެމުން ދިޔަދިޔުން އިހްސާސްކުރެވުނީ ފާހާނާގެ މުށިގަނޑުމައްޗަށް ހަށިގަނޑުން ވަރު ދޫވެގެން ދެމުނުފަހުންނެވެ.

ހިރިލާނެ ވަރެއްވެސް އަތެއް ފަޔެއްގައި ނެތެވެ. އަލީޒީގެ މާޒީއާއިމެދު ސުވާލުކުރެވޭކަށް ނެތެވެ. އެކަމާމެދު ސުވާލުނުކޮށް އެކަމުގައި އެހީތެރިވެދެވޭކަށްވެސް ނެތެވެ. މިއަދު ހިނގާދިޔަ ހާދިސާއަކީ އާދައިގެ ކަމެއް ނޫނެވެ. އަލީޒީގެ ހަޔާތުން އައިޝާއަށް އިނގެނީ ދާދި ކުޑަމިންވަރެކެވެ. އެތަށް ފަހަރަކު އެތައް ގޮތަކަށް އުޅެގެންވެސް ލިބިފައިވާ މައުލޫމާތު މިއަދު އައިޝާއަކަށް ނުފުދުނެވެ. އެވަރުން އައިޝާގެ ހިތްހަމައެއް ނުޖެހެ އެވެ.

އެނގިފައިވާ މައުލޫމާތަކީ، އަލީޒީއަކީ މާލެއަށް އުފަން މާލޭ ކުއްޖެއްކަމެވެ. މުއްސަނދި ވިޔަފާރިވެރި އާއިލެއްގައި ހުރި ހަމައެކަނި ދަރިފުޅުކަމެވެ. ބައްޕަވަނީ ނިޔާވެފަ އެވެ. މަންމައާއި އަލީޒީއާއި ދެމެދުގައި ހިމަރޮދިފަށެއްގެ މިންވަރަށްވެސް ގުޅުމެއް ނެތެވެ. 

ފިރިމީހާގެ ވާހަކައަކީ އަލީޒީ ރައްޓެހި ވާހަކައަކަށް ނުވާތީ އެވާހަކަ އެކަކުވެސް އޭނާގާތު ނުދައްކަ އެވެ. މަންމަ ދިރިހުއްޓަސް، މަންމަގެ އެއްވެސް މައުލޫމާތެއް އަލީޒީ ނުދެ އެވެ. އޭލެވެލްގެ ފުރަތަމަ އަހަރު ނިމެންދެން ކިޔެވި ނަމަވެސް އެއަހަރުގެ ފަހު އިމްތިހާނުގައި ބައިވެރިނުވެވުމުގެ ސަބަބުން އަލީޒީއަށްވަނީ ކިޔެވުން ފުރިހަމަ ނުކުރެވިފަ އެވެ.

އ.ދ ފެންފުއްޓަށް އަލީޒީ އައީ ޔޫތުމިނިސްޓްރީން ބޭއްވި ފެހުމާއި އަތްތެރި މަސައްކަތުގެ ވޯކްޝޮޕެއް ހިންގުމަށް އެރަށަށް އައި ޓީމެއްގެ މެމްބަރެއްގެ ގޮތުގަ އެވެ. ރަށުގެ ހިތްގައިމުކަމުގެ ސަބަބުން ރަށުގައި މަޑުކުރާހިތްވެ، މާހައުލު ބަދަލުކޮއްލާން ދުވަސްކޮޅަކަށް އެރަށަށް ދިރިއުޅުން ބަދަލުކޮށްލާން ނިންމީކަމަށް އައިޝާގާތު އަލީޒީ ވަނީ ބުނެފަ އެވެ. އެކުގައި ހޭދަކުރެވުނު ގިނަވަގުތުތަކަށް ބަލާފައި އައިޝާއަށް އެނގުނީ، އަލީޒީގެ ހާލު ބަލާލަންވެސް އާއިލާގެ އެއްވެސް މީހަކު އޭނާއަށް ނުގުޅާކަމެވެ. ހެދުމެއް ފަހަން ނުވަތަ މަސައްކަތާއި ގުޅުންހުރި ކަމެއްގައި މަދުފަހަރަކު ފޯނު ބޭނުން ކޮށްލަފާނެ އެވެ. އެހެންނޫންކަމަށްވަންޏާ، އަލީޒީގެ ފޯނަކީ ޗުއްޓީގައި އޮންނަ އެއްޗެކެވެ. ސޯޝަލް މީޑިއާއާއި އަލީޒީއާ ކުޑަވެސް ގުޅުމެއް ނެތެވެ.  

މިއޮއްފަދަ ޒަމާނުގައި ނުފެންނާނެފަދަ ތަފާތު ދިރިއުޅުމެއް އަލީޒީ އުޅެން ބޭނުންވުމުގައި ސަބަބުތަކެއް ހުންނާނެ އެވެ. މާޒީއަކީ މުހިއްމު އެއްޗެއް ނޫނެވެ. އެކަމަކު ފަރުވާކުރެވޭނީ ބަލި އެނގިގެންނެވެ. ބަލި ހޯދުމަށްޓަކައި އެކިޓެސްޓްތައް ހަދަން ޖެހެ އެވެ. އެކިވަރުގެ ވޭންތައް ތަހައްމަލު ކޮށްގެން ނޫނީ ބޮޑެތި ޓެސްޓްތައް ނިންމާލުމަކީ ނާދިރުކަމެކެވެ. އައިޝާއަށް އެނގޭ އެއްޗަކީ ވޭން އަޅަމުންދާ ގުނަވަނެއް ހަށިގަނޑުން ކަނޑާލާފައި އެއްލައިލާން އެއްވެސް ހާލެއްގައި އޭނާ ދޫކޮށްނުލާނެކަމެވެ. 

ފޯނުގެ ރިންގު އަޑާއެކު އައިޝާގެ ހިޔާލީބޮކި ފަޅައިގެން ދިޔަ އެވެ. ގޯތިތެރެ ހަމަޔަކަށް އަޅުވާލަން އިލޮށިފަތި ބަލައި ގުދަނަށް އައިމީހާ، އެތަނުގައި ހޭދަވި ވަގުތާއިމެދު މާބޮޑު ފިކުރެއް ނެތި ހުރެވުނީ އެވެ. ޖީބުން ނަގާފައި ފޯނަށް ބަލައިލުމާއެކު ހަށިގަނޑު ސީދާ ކޮއްލެވުނެވެ. 

"ހާދަ ނުގަޑިއެއްގައި..؟ އެހެންޏާވެސް ގުޅަނީ ހަވީރު ސައިގަޑިއާއި ކައިރިކޮށްފަ ދޯ.." ފޯނު ކަންފަތުގައި ޖައްސާލުމާއެކު އައިޝާގެ މަސައްކަތަކަށްވީ މޫޑް ބަދަލުކޮށްލާނެ މާހައުލެއް އުފެއްދުމެވެ. ނަމަވެސް ކަންކަން ދިމާވީ އައިޝާ ހީކުރި ގޮތަކަށް ނޫނެވެ. 

"އެހެންވީމާ އަހަރެންގެ ލޮލާއި ބޮލާއި އަތާއި އުޅަނބޮއްޓާއި ނޭފަތުކުރި މިތޮޅެނީ ސަބަބެއް ނެތިއެއް ނޫންދޯ!"

ސަމާސާ ރާގުގައިވެސް މުންޝިރުގެ ނުތަނަވަސްކަން އޭނާގެ އަނބިމީހާއަށް ވިސްނުނެވެ. ޝަހާދަތް އިނގިލީގގައި އައިޝާ ދަތްއެޅީ ދެން ސަލާމަތްވުމެއް ނެތްކަން އެނގުނީމަ އެވެ. 

"ކޮންމެވެސް ކަމެއް ވެއްޖެ! އަހަރެން އެހުމުގެ ކުރީން ބުނާނީތަ؟ ނުވަތަ ޗުއްޓީ ދުވަސް ބަދަލުކޮށްގެން މާދަން ރަށަށް ދާންވީތަ؟" މުންޝިރްގެ ވާހަކައިގައި ފޮރުވުމެއް ނެތެވެ. އައިޝާގެ ދޫ ބަންދުކުރާން މަޖުބޫރެވެ. ހެދޭނެ އެންމެ ރަގަޅުގޮތަކީ ކޮބައި ހެއްޔެވެ؟ 

އަލީޒީ ހަމަޔަކަށް ނޭޅެނީސް މުންޝިރު ރަށަށް އަތުވެއްޖެނަމަ، އެއްވެސް ކަމެއް އައިޝާގެ ރޭވުމާއި އެއްގޮތަށް ނުގެންދެވޭނެކަން އޭނާއަށް ޔަގީންވެ އެވެ. ވާހަކަ އޮޅުވާލުން ނޫންގޮތެއް މިވަގުތައް ނެތްކަން އައިޝާއަށް ވިސްނުނެވެ. ފަސޭހަކަމެއް ނޫނަސް އެކަންވޭތޯ އައިޝާ އުޅުނެވެ. 

"އޮއ ހޯއ... ލޯބިވާ ހޭންޑްސަމް ފިރިމީހާ.. ހަމަޖެހިލާ ހަމަޖެހިލާ.. ބުރާސްފަތި އަންނަން އަދި ދެ ދުވަސް އެބައޮތް.. އެހާތަނަށްވެސް ކެތް ނުކުރެވޭނެތަ؟ ތިހާ ލޯބިވަންޏާ އަނބިމީހާ ގޮވައިގެން ރިސޯޓަށް ދިޔަނަމަ..! ނޫނީ މިސްވާ ވާހަކަވެސް ހަމަ މެސެޖްކޮށްލެވިދާނެ.. އެ ގޮތްވެސް ހަމަ އޯ... ކޭ...!" ސަމާސާ މިޒާޖުން މުންސިރުގެ މޫޑް ބަދަލުކުރެވޭތޯ އެކި މަގުމަގުން އައިޝާގެ ވާހަކަ ގެންދެވޭތޯ ބެލި އެވެ. 

"މާދަމާގެ އެންމެ ހެނދުނުގެ ފެރީން އަހަރެން ރަށަށް އެބަދަން.. އަލީޒީއާއި އައިޝާ އަހަރެންގެ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރަށް ތިބޭތި!" މުންޝިރުގެ ފޯނު ބާއްވައިފި އެވެ.

އައިޝާއަށް ގޮތް ހުސްވެއްޖެ އެވެ. ސިކުނޑި ސުމަކަށް ހިނގައްޖެ އެވެ. މިފަދަ ގޮތަކަށް މުންސިރު އައިޝާއާއިމެދު ދުވަހަކުވެސް ކަންތައް ކޮއްފައެއް ނެތެވެ. އައިޝާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި މިއަދު ފޯނުކަނޑާލުމުން، ވަގުތާއި ހާލަތުގެ ސީރިއަސްކަން ވިސްނުނެވެ. 

އައިޝާއަށް އަންނަ ކޮންމެ ބަދަލެއް ދެނެގަތުމުގައި މުންޝިރަކީ މާހިރެކެވެ. ކޮންމެ ފަހަރަކު އައިޝާ ބަލިވިޔަސް މުންޝިރު ރަށަށް އަންނަނީ އޭނާގެ ބަދަލުވާ މިޒާޖު ދެނެގަނެގެންނެވެ. ދުވަހަކުވެސް ފިރިމީހާއަށް ކަމެއް ފޮރުވާފައި ނުވަތަ އޮޅުވާލާފައި ނެތްއިރު މިޖެހުނު ކަންތަކާއި އައިޝާ ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ މިއަދު އަޔާންގެ ހަރަކާތްތައް ހުރިގޮތުންވެސް އައިޝާ އަންތަރީސްވެ ބަސް ހުސްވި އެވެ. އަމިއްލައަށް މިފަދަ ކަމެއް ހައްލުކުރުމަށް އެވަރުގެ ތަޖުރިބާއެއް އައިޝާގެ ނެތެވެ. ހިތަށް ވަރަށް ތަދުވެއްޖެ އެވެ. ސިކުނޑިއަށް ބަރުވެއްޖެ އެވެ.

................

ކުރިއެކޭ އެއްގޮތައް ގޯތިތެރެ މުޅިން ބަދަލުކޮށްލައިފި އެވެ. ގޭގައި ދެތިން ދޮންވެލިބަސްތާހުރުން އެއީ އައިޝާގެ ނަސީބެވެ. ކުޑަމިނުން ގޭތެރެއަށް ވަދެވެންދެން މުންޝިރުގެ މޫޑް ރަގަޅުވާނެތާއޭ ހިތައް އެރި އެވެ.

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް