ޕީސީބީން މި އެވޯޑު ދިނުމަށް ނިންމާފައި ވަނީ ދައުލަތުގެ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކަކަށް ވުމަށް ބާރުއަޅައި، ހިތްވަރު ދިނުމާއި ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސްއަށް އަމަލުކުރާ ކުންފުނިތަކާއި ކުންފުނިތަކުގެ ގުޅުންހުރި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- އެކްސްސެލެންސް އިން ގަވަނެންސް
- އައުޓްސްޓޭންޑިން ޕްރޮގްރެސް
- އައުޓްސްޓޭންޑިން ބޯޑު ޗެއާމަން
- އައުޓްސްޓޭންޑިން މެނޭޖިން ޑިރެކްޓަރު
- އައުޓްސްޓޭންޑިން ކޮމްޕެނީ ސެކްރެޓަރީ
ޕީސީބީން ބުނެފައި ވަނީ މި އެވޯޑުތަކުގެ ތެރެއިން އައުޓްސްޓޭންޑިން ބޯޑު ޗެއާމަން، އައުޓްސްޓޭންޑިން މެނޭޖިން ޑިރެކްޓަރު އަދި އައުޓްސްޓޭންޑިން ކޮމްޕެނީ ސެކްރެޓަރީގެ އެވޯޑު ދޭން ފަށާނީ އެ ބޯޑުން ދައުލަތުގެ ކުންފުނިތަކަށް ކޯޕަރޭޓް ގަވަނެންސް އެވޯޑު ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަސް ފަހުން ކަމަށެވެ.
މި އެވޯޑަށް ނޮމިނޭޓް ވާނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "ކޯޑް އޮފް ކޯޕަރޭޓް ގަވަނެންސް ފޮ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް" އަށް އަމަލުކުރަން ޖެހޭ ސީއެމްޑީއޭގައި ލިސްޓުކޮށްފައި ނުވާ ދައުލަތުގެ ހިއްސާވާ ކުންފުނިތައް ކަމަށް ޕީސީބީން ބުނެ އެވެ.
ޕީސީބީން ބުނެފައި ވަނީ ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށްފައި ނުވާ ކުންފުނިތަކަށާއި ކުންފުނީގެ އަހަރީ ޖަލްސާ ބާއްވާފައި ނުވާ ކުންފުނިތަކާ އަދި އެ ބޯޑުން އިސްލާހީ ފިޔަވަޅު އަޅާފައިވާ ފަރާތްތަކަށް މި އެވޯޑު ނުދެވޭނެ ކަމަށެވެ.
މި އެވޯޑު ދޭނެ ފަރާތްތައް ކަނޑައެޅުމުގެ އެންމެހާ ކަންކަން ކުރާނީ ކޯޕަރޭޓް ގަވަނެންސް އެވޯޑު ކޮމިޓީންނެވެ.