އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މި އިސްލާހު ހުށަހެޅި ފަހުން، ސަރުކާރުންވެސްވަނީ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަންކޮށް، އިޒްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމަށް ނިންމާފައެވެ. އަދި އެކަމާ ގުޅޭ ކެބިނެޓްގެ ކޮމިޓީއެއްވެސް ސަރުކާރުންވަނީ އެކުލަވާލާފަ އެވެ.
މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ގާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު) ގެ އަށް ވަނަ މާއްދާގެ ހ. ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ. މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.
"މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ އެކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތީތީ، ސީދާ ގާނޫނަށް ގެންނަ ބަދަލުން ފިޔަވަޅު އަވަސްކުރުމަށް،" މީކާއިލް ވިދާޅުވި އެވެ
އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު އެދިވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
އެ މައްސަލަ ހާރިޖީ ކޮމިޓީން ބަލަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލިސް ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރުމުން، އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވުމުގެ ނިންމުން ނިންމަވައި ދެއްވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ވަނީ ހުށަހަޅައިފަ އެވެ.