ހަބީބާ މަގާމަށް އައްޔަންކޮށް މެންބަރުކަމުގެ ލިޔުން ހަވާލުކޮށްދެވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވިި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުހައްމަދު އިބްރާހީމެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހުސްވެފައިވާ ގޮނޑިއަށް ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ހަބީބާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުން ފާސްކުރީ މިދިޔަ މަހުގެ 29 ގައެވެ.
ސީއެސްސީން ގޮނޑިއެއް ހުސްވެފައި ވަނީ ކުރިން އެ ކޮމިޝަނުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އާމިރާގެ ފަސް އަހަރުގެ ދައުރު ހަމަވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. ސީއެސްސީއަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ނަމެއް ފޮނުއްވިއެވެ.
ހަބީބާއަކީ ޔުނިވާސިޓީ ޓެކްނޮލޮޖީ މެލޭޝިއާއިން މާސްޓާސް އޮފް ސައިންސް ހާސިލު ކުރައްވާފައިވާ ބޭކަނބަލެކެވެ. ސީއެސްސީގައި އޭނާ ހިދުމަތް ކުރައްވާތާ 14 އަހަރު ވަނީ ވެފައެވެ.
އޭނާ ވަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިއުޓުގެ ލެކްޗަރާގެ މަގާމާ އަދި އެކްޓިން ސީއީއޯގެ ގޮތުން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އޭނާ އެ ތަނުގެ ޑިރެކްޓާ ޖެނެރަލަކަށް އައްޔަންކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ.