ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހެން ވިދާޅުވީ މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ލަންކާގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
މިބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ އަދި އެކި ބޭނުތަކުގައި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެކަންކަމަށް އަވަސް އަދި ދާއިމީ ހައްލުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ ވެސް އެއީ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރުގެ ވާހަކައިގައި، އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި އުޅޭއިރު ކިޔަވާ ކުދިންނަށް ވިސާގެ ކަންތައް ލުއިކޮށްދެއްވާފައިވާތީ ލަންކާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން މިނިސްޓަރު ވަނީ ލަންކާގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ސެންޓަރަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ސޯސަންވިލާގައި ގާއިމުކޮށްފައިވާ މޯލްޑިވްސް ސެންޓަރަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ދެމުން ގެންދާ ތަނެއްކަން ފާހަގަކުރައްވައި، މޯލްޑިވްސް ސެންޓަރުން ހިދުމަތް ލިބިގަންނަ ކުދިންގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ހިމެނޭތީ އެ ތަނުގައި އެ ކުދިންނަށް އެކަށީގެންވާ މހައުލެއް ގާއިމު ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދާކަން ފާހަގަކުރެއްވި އެވެ.
އަދި ހައިކޮމިޝަނަރ މަސްއޫދު އިމާދު މިހާރު މަގާމާ ހަވާލުވެވަޑައިގެން، ހައިކޮމިޝަނުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތަކާއި ހައިކޮމިޝަނާއި ދިވެހި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރައްވައި ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ޒަމީރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ބައެއް މަޝްވަރާތައް ބޭއްވުމަށް ކުރައްވާ ދަތުރެކެވެ. މިއީ ޒަމީރު ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ.