ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ދެ ބިލިއަން ރުފިޔާއަށް
މުހައްމަދު އަތީފް
06 ޖޫން 2024 - 10:50:38
ދައުލަތުގެ ބަޖެޓުން ތަރައްގީގެ މަޝްރޫއުތަކަށް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ ދެ ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން:
- މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
- މި އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައި ވަނީ 2.1 ބިލިއަން ރުފިޔާ
- މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.7 ބިލިއަން ރުފިޔާ މަދު އަދަދެއް
ތަފާސް ހިސާބުތަކުން ދައްކާގޮތުން ޕީއެސްއައިޕީން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ބިން ހިއްކުމަށާއި ބޯހިޔާވަހިކަމުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގެ މަޝްރޫއުުތަކަށެވެ.
މެއި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ:
- ބިން ހިއްކުމުގެ މަޝްރޫއުތަކަށް - 541.6 މިލިއަން ރުފިޔާ
- ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް - 323.2 މިލިއަން ރުފިޔާ
- ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކުރުމުގެ މަޝްރޫއުތަކަށް - 179.9 މިލިއަން ރުފިޔާ
- މަގު ހެދުމުގެ މަޝްރޫއުތަކަށް - 174.9 މިލިއަން ރުފިޔާ
- ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް - 172.5 މިލިއަން ރުފިޔާ
މި އަހަރު ޕީއެސްއައިޕީ ބަޖެޓު ބެހިފައިވާ މައިގަނޑު ދާއިރާތަކަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކުރަން ހަމަޖެހިފައި ވަނީ ދަތުރުފަތުރާ ގުޅުންހުރި ކަންކަމަށެވެ.
އެ ކަންކަމަށް ޖުމްލަ 3.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ރަށްރަށުގެ އެއާޕޯޓުތައް ތަރައްގީ ކުރުމަށް 1.5 ބިލިއަން ރުފިޔާ، ބްރިޖް މަޝްރޫއަށް 863.6 މިލިއަން ރުފިޔާގެ އިތުރުން ޕޯޓު ތަރައްގީ ކުރަން 533.3 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް