އާސަންދައިން ބުނީ ތައިލޭންޑާއި ޔޫއޭއީ ހޮސްޕިޓަލްތަކަށް ހިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންކަމަށެވެ.
ފުރަތަމަ އިސްކަންދެނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން
ތައިލޭންޑް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފާ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނާ "އެއް (ޢާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ ފަރާތްތަކަށްކަމަށެވެ.
އާސަންދައިން ބުނީ މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުޞޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނާ" އަކަށްވުން އެ ޤައުމުތަކުގެ ޤާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތަކަށްކަމަށެވެ.
އާސަންދަ ސްކީމަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެކަމަށްވެސް އާސަންދައިން ބުނެއެވެ.
ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ހާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފާ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެއެވެ.
އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހަޅާނީ މިހާރުވެސް ހިދުމަތަށްއެދޭ ގޮތަށް ކަމަށްވެސް އާސަންދައިން ބުނެއެވެ.
އެގޮތުން އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އާސަންދައިން ބުނެއެވެ.