ދުނިޔޭގެ ކުޑަކުދިން މަރާ ލިސްޓުގައި ހިމެނޭ ގައުމުތަކާއި ޖަމާއަތްތަކުގެ ތެރޭގައި އަފްގާނިސްތާން، ކޮންގޯ، މާލީ، މިޔަންމާ، ސޯމާލިއާ، ސޫދާން، ޔަމަން، ސޫރިއާ އަދި އަލްގައިދާ، ދާއިޝް، އަލްޝަބާބް އަދި ބޮކޯ ހަރާމް ހިމެނެއެވެ.
ގާޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 37,131އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެ އެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ އޮފީހުން ހުށަހަޅާ އަހަރީ ރިޕޯޓަކާއި އެޓޭޗްކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ކުޑަކުދިންގެ ހައްގުތަކާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިސްރާއީލު "ލިސްޓް އޮފް ޝޭމް" އަށް އިތުރުކޮށްފައިވާ ކަމަށެވެ.
އދ.ގެ އާންމު މަޖިލީހާއި ސަލާމަތީ މަޖިލީހާއި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސިޖޭ) އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށްވެސް އެ ރިޕޯޓު ފޮނުވާނެ އެވެ.
7 އޮކްޓޯބަރު 2023، ގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން، ޔޫރަޕުގެ ގިނަ ގައުމުތަކުން އަންނަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ވެސް ބަލައިގަންނަމުންނެވެ. އަދި ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، ގަސްދުގައި މީހުން ހާލުގައި ޖައްސައި، ގަސްދުގައި މީހުން މެރުން، ހަނގުރާމައެއްގެ ތެރެއިން މަދަނީން މެރުން އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް އައިސީޖޭގެ ޕްރޮސެކިއުޓަރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ އިސްރާއީލުގެ ބާރާއި ނުފޫޒު ދުނިޔޭގައި ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށް މުހައްލިލުން ދެކެއެވެ.
އިސްރާއީލުގެ ފައުޖުތަކުން ދޭ ހަމަލާތަކުގެ ސަބަބުން ގާޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވެފައިވާއިރު، ގާޒާގައި ތިބި ފަލަސްތީނުގެ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުކަމުގެ ހާލަތު އިންތިހާއަށް ކުރިމަތިވެދާނެ ކަމަށް ވެސް އދ އިން ވަނީ ބުނެފަ އެވެ.
ނަމަވެސް، ގާޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ އިސްރާއީލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ބޮޑު ޖަރީމާ ހުއްޓުމަކަށް ގެނައުމުގެ އެއްވެސް ވިސްނުމެއް އިސްރާއީލުން ނުގެންގުޅެ އެވެ. ހަނގުރާމައަށް އަށް މަސް ދުވަސްވެފައިވާއިރު، ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.