އެގައުމުގެ ފުލުހުންނާ ހަވާލާދީ ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުން މިކަން ހިނގާފައި ވަނީ ރަޝިޔާގެ ރަޒާން ސަރަހައްދުގައި ހުންނަ ޔެލަޓްމާ ނަމަކަށް ކިޔާ އަވަށެއްގައެވެ. މި ހިސާބުގަނޑު ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ލޮކްޑައުންކޮށްފައެވެ.
ފަސް މީހުން މަރާލި މައްސަލަ ތަހުގީގުކުރާ މީހުން ބުނިގޮތުގައި މި ފިރިހެން މީހާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ފަސް މީހުން ވާހަކަ ދައްކާތީ ބެލްކަނީގައި ހުރެ އެކަމާ އޭނާ ޝަކުވާކުރުމުން ދެބައި މީހުންގެ މެދުގައި ޒުވާބެއް ފެށުނެވެ. އެއާއެކު ފިރިހެން މީހާ ހަންޓިން ރައިފަލް އެއް ނަގާ އެމީހުން ގަޔަށް ބަޑިޖަހަން ފެށިކަމަށެވެ.
ފަސް މީހުންގެ ތެރޭ ހިމެނެނީ ހަތަރު ފިރިހެނަކާއި އަންހެނެކެވެ. މި އެންމެންނަށް ވެސް ލިބުނު އަނިޔާތަކުގައި ވަނީ ވަގުތުން މަރުވެފައެވެ.
މި ހަމަލާދިން މީހާ ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.