މި ޕްރޮޖެކްޓަށް ޖުމްލަ 64.8 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފައިވެ އެވެ. އޭގެ ތެރެއިން 12 މިލިއަން ޑޮލަރު، އިންޑިއަން އޯޝަން ކޮމިޝަނަށް ކަނޑައަޅާފައިވާއިރު، ރާއްޖެ އަށް ކަނޑައެޅީ 52.8 މިލިއަން ޑޮލަރުކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް އިން މޯލްޑިވްސް" މިއަދު އިފްތިތާހުކޮށްފައިވާއިރު އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ފިޝަރީސް މިނިސްޓްރީން އިތުރަށް ބުނީ ރާއްޖެއަށް ކަނޑައަޅާފައިވާ ބަޖެޓްގެ 50 ޕަސަންޓަކީ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އެއްޗެއްކަމަށެވެ. އަދި ބާކީ 50 ޕަސަންޓަކީ ލޯނު އެހީކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން މި މަޝްރޫއުގެ މުއްދަތަކީ 9 އޯގަސްޓް 2023 އިން 31 ޑިސެންބަރު 2030 ގެ ނިޔަލަށް، ހަތް އަހަރު ދުވަސްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
ޕްރޮޖެކްޓުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- މަސްވެރިކަމާއި ދަނޑުވެރިކަން އަދި އަކުއަކަލްޗާ ދާއިރާއިން މީހުން ބިނާކުރުން. މީގެ ތެރޭގައި ދިގުމުއްދަތާއި ކުރު މުއްދަތުގެ ތަމްރީން ހިމެނޭ. ދިގު މުއްދަތުގެ ތަމްރީނުގެ ގޮތުގައި 3 ޕީ.އެޗް.ޑީ ޕްރޮގްރާމް، 22 މާސްޓާޒް ޕްރޮގްރާމް، 15 ބެޗެލަރޒް ޕްރޮގްރާމް ހިމެނޭ
- މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި ގުޅިގެން ބެޗެލާ އޮފް އެޕްލައިޑް ސައިންސް އެންޑް ބިޒްނަސް ގްރެޖުއޭޓް އެޑިއުކޭޝަން ޕްރޮގްރާމެއް އެކުލަވާލާ ހިންގުން
- މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ރިވިއުކުރުމާއި އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދިއުން
- މަސްވެރިކަމުގެ ސައިންޓިފިކް ރިސާޗްތައް ކުރުން
- ހިމާޔަތް ކުރެވިފައިވާ 5 ސަރަޙައްދެއްގައި މޮނިޓަރ ކުރުމަށް ރާޑާ ސިސްޓަމް ހަރުކުރުން
- ކަނދުފަތި އެޅުން
- މަސްވެރިކަމާ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒް ކޮށްގެން މެޗިން ގްރާންޓް ސްކީމެއް ތައާރަފް ކުރުން
- ރާއްޖެ އެތެރެކުރާ ދިރޭސޫފާސޫފި ރައްކާތެރިކަމާއެކު ކަރަންޓީން ކުރެވޭނެ ފެސިލިޓީތަކާއި ލެބޯރެޓަރީ ތައް އިންޓަރނޭޝަނަލް އެއަރޕޯރޓްސް ތަކުގައި ގާއިމް ކުރުން
- ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތެއް ޤާއިމް ކުރުމަށްޓަކާ ރާއްޖޭގައި އާލާ ކުރެވޭނެ "ސްޕީޝީސް" ތައް ހޯދާ ރިސާޗް ކުރުން
ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ، ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގެ މަސްވެރި ސިނާއަތުގައި ހިންގަމުން އަންނަ އެންމެ ބޮޑު ޕްރޮޖެކްޓްކަމަށެވެ.