
ހުދުދޮންވެލީގެ ސާލެއްފަދަ އޮމާން ގޮނޑުދޮށުގައި މުންޝިރު އިނީ ހިޔާލްގެ ތެރެއަށް ގެއްލިފަ އެވެ. ޑައިވްދަތުރުތައް ނިންމާލާފައި އައިގޮތަށް އެއިނީ ފުއްޓަރުގަ އެވެ. ތަރުތީބުން އަމުނަމުންދާ ފައްޗެއްފަދައިން ބަރިބަރިއަށް ބީއްސަމުންދިޔަ ކުދި ރާޅުތަކަށް އޭނާގެ ނަޒަރު ހުއްޓިފައިވެ އެވެ. ކުޑަވަރެއްގެ މަގޫދަނޑިބުރިއެއް ރާޅާއެކު އެއްގަމަށް އަރުވާފައި އަނެއްކާވެސް ޖެހިގެން އަންނަ ރާޅާއިއެކު އޭތި އޮޔަށް ދަމައިގަނެ އެވެ. ބަދަލުވުމެއްނެތި އެއް މަންޒަރެއް ތަކުރާރުވަމުން ދިއަޔަސް، ކޮންމެ ރާޅެއްގެ ހަރަކާތް ތަފާތެވެ. ނަމަވެސް އެ ރާޅުތަކުގެ ތެރެއިން އެކިވަރުވަރަށް ފޮނުލައި ބިންދަމުންދާ ކުދި ރާޅުގެތެރޭގައި އެ ދަނޑިބުރި ހައްޔަރުވެފައިވަނީ އެއިގެ ކޮންޓްރޯލެއް ނެތް މިންވަރަށެވެ.
ގުދުރަތުގެ ހިތްގައިމު މަންޒަރުތަކުންވެސް ހަމަޖެހުމެއް ނުލިބުނެވެ. ހިތުގެ ނުތަނަވަސްކަމެއް އޭނާއާ ވަތްކެއް ނުވި އެވެ. އަޔާންގެ ހާލުއަހްވާލު އަހާލަންވެސް މިއަދު ހަނދާން ނެތުނީ އެވެ. ގޭތެރޭގައި ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން މުންޝިރަށް ޔަގީނެވެ. އަލީޒީގެ ފޯނު އޮންނަނީ ނިވާލާފަ އެވެ.
އައިޝާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނު ކަނޑާލެވުނީތީ ސިކުނޑިއަށް އުނދަގޫވި އެވެ. އެއްފައި ދަމައިލައިގެން އަނެއްފައިގެ ކަކޫ ލަންބާލައިގެން، ފުރަގަހުން ވެލިގަނޑުގައި ދެއަތް ވިއްދާލައިގެން މުންޝިރުއިނީ އެމަންޒަރު ފެންނަމީހަކު ސުވާލު ނުކުރާފަދަ ގޮތަކަށް ނޫނެވެ. ކުއްލިޔަކަށް ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި މަޑުމަޑުނން ޖަހާލީމަ އެވެ.
"ކޮޔާ، ހަތަރު އުދަރެސް ފެނުޖެހުނީތަ؟ ހުރިހައި ލޯތަކަށް ފިލައިގެން ރަށުގެ ފުއްޓަރު ފަރާތަށް އައިސް ތިޔައިންނަނީ ކޮންކަމަކާ؟" ހުސޭނުބެގެ އަޑާއެކު މުންޝިރުގެ ހިޔާލީ ދުނިޔެއިން ނިކުންނާން ޖެހުނީ އެވެ.
ޖަވާބުގައި އެއްޗެއް ބުނާން ފަސޭހަ ނުވީ ސީދާ އައިޝާ ނުވަތަ ގެއާއި ގުޅުންހުރި ކަމަކަށް ވާތީ އެވެ. މުންޝިރް ނިންމީ ހިނިތުންވުމަކުން ޖަވާބުދިނުން އެންމެ ރަގަޅުވާނެކަމަށެވެ. ބުނާނެ ވަކިއެއްޗެއް ސިކުނޑީގައިވެސް ނެތީ އެވެ.
...........
އިރުކޮޅެއް ތެރޭގައި އިރު އޮއްސޭނެ އެވެ. އައިޝާގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. އަލީޒީ އަދިވެސް ނުތެދުވެ އެވެ. ވަރަށް އާދޭސްކޮށްގެން ކިރުތައްޓެއް ދެވިއްޖެ އެވެ. އެވަގުތުވެސް އައިޝާގެ މޫނަށް އަލީޒީ ބަލައިނުލި އެވެ.
ދޭތެރެ ދޭތެރެއިން އަޔާން ހޭލަ އެވެ. ވެކްސިންގެ އުނދަގުލެއްވާތީ މާބޮޑަށް ރޮއެ ނުހަދަ އެވެ. ހޭލާކޮންމެ ފަހަރަކު އައިޝާއާއެކު އެސޮރު ގެންގުޅެލުމަށްފަހު، ނެޕީ ބަދަލުކޮށްލާފައި، އަޔާން ތާޒާކޮށްލާފައި ބޭއްވުމުން އަލީޒީގެ ވާޖިބު އޭނާ އަދާކުރެ އެވެ. އައިޝާއާއި ދިމާއަށް ބަލައިލާން ބޭނުންނުވާތީ ލޯ ނުހުޅުވާ އޮންނަނީކަން އައިޝާއަށް އެނގެން، ވަކި ޖޖާދޫއެއް ހަދާކަން އޭނާ ނުޖެހެ އެވެ. ހިތްވަރުކޮއްފައި އަލީޒީއާ ކުރިމަތިލުން ނޫންގޮތެއް އައިޝާއަށް ނެތެވެ.
...........
"އަނބިންނާއި މައްސަލަ ޖެހުމަކީ އާންމު ކަމެއް.. ދިރިއުޅުމަކަށް ބަލާއިރު އެކޮއިމެންގެ ކައިވެންޏަށް އަދި މާގިނަދުވަހެއް ނުވޭ.. ހުސޭނުބެއާއި ދައިތައާއި ދެމީހުންގެ ކައިވެންޏަށް ފަންސަވީސް އަހަރުވެއްޖެ.. ދުވަހަކުވެސް ދެމީހުން ދެބަސްވެތިބެ ނުނިދަން.. އޭގެ މާނައަކީ އަހަރުމެން ދެމީހުންގެ ދޭތެރޭގައި މައްސަލަ ނުޖެހޭވާހަކައެއް ނޫން.. ވަރަށް މައްސަލަޖެހޭ! ލައްކަ މައްސަލަޖެހޭނެތާ ދޯ، އަހަރުމެން ކައިވެނިކުރީ އަހަރެންގެ މައިންބަފައިންގެ ނުރުހުމުގަ.. އޭރު އަހަރުމެން އާއިލާއަކީ ރަށުގެ ނިސްބަތުން ތަނަވަސް ބައެއް.. އެކަމަކު ދައިތައަކީ ރަށުގެ އެންމެ ނިކަމެތީން ތެރެއިން ގުނާލެވޭ އާއިލާއެއްގެ ކުއްޖެއް.." ހުސޭނުބޭގެ ޅަދުވަސް ހުޅުވާލި އެވެ.
"ކިތަންމެ ނިކަމެއްޗަސް، އަހަރުމެން ރަށުގައި ނުހުންނާނެ އޭރު ދައިތަވަރުގެ ބުރުސޫރަ ރީތި އަންހެން ކުއްޖެއް.. އެ ރީތިކަން މިއަދުވެސް އަހަރެންގެ ގުނަވަންތަކުގަ ވިންދުޖަހުވާލާ.." ފަޚުރުވެރިކަމާއެކު ހުސޭނުބެ ބުންޏެވެ.
ހުސޭނުބެގެ ފަހު ޖުމުލައާއެކު މުންޝިރުގެ ހިނިގަނޑު ފަޅައިގެން ގޮސް، ހިތުގެ ނުތަނަވަސްކަންވެސް ހަނދާން ނެތިއްޖެ އެވެ.
ފިލާވަޅެއް ނަގައިދޭ ފަދައިން ހުސޭނުބެ އޭނާގެ ޅަދުވަހުގެ ސަފުހާތަކުން މުންޝިރަށް ކިޔައިދެމުން ދިޔަ އެވެ.
"ތިޔާ ވަރަށް ކޮއެ ހޭކަށެށް ނުވާނެނޫންތަ..! ހުސޭނުބެ މިބުނީ ދޮގެއް ނޫން.. އަހަރުދެކޮޅު ދައިތަ ވިހާންޖެހުނީ ސަބަބެއް އޮތިމާ ނޫންތަ؟" ލާނެއް ގޮތަކަށް ހިނިއައިސްފައި މުންޝިރާ ދިމާއަށް ހުސޭނުބެ ބަލައިލި އެވެ.
"އެދުވަހުވީ ލޯބި މިއަދުވެސް ހަދީޖާއަށްޓަކައި ހުސޭނުބެ ހިތުގައި އޮވޭ..! އެވަރު އަންހެނެއް އަހަންނަށް ދުވަހަކުވެސް ނުލިބޭނެ.. ހަތް ކުދީން ބަލަމުން އަހަރެންގެ އާއިލާ ބަލަހައްޓަމުން އަހަރެންގެ ހުރިހާ ކަމެއްކުރަނީ ހަދީޖާ އެކަނިމައި އެކަނި.. މަސައްކަތް ބުރަވެގެން ނޫނީ އުފުލަންޖެހޭ ޒިންމާތައް ގިނަވެގެން، އަދިއަދަށްވެސް ޝަކުވާއެއް ނުކުރޭ.." ފިރިޔަކު އަންބބަކަށް ތައުރީފުކުރާން ވަކި އުމުރެއް ނޯންނާނެކަން މިއަދު މުންޝިރް ގަބޫލުކޮށްފި އެވެ.
"މައިންބަފައިން ނިޔާވެ، އަހަރެންގެ ގެއަކީ ހަދީޖާއާއި އަހަރެންގެ ތަނަކަށް ބަދަލުވުމުންވެސް އެނާގެ މިޒާޖަށް ބަދަލުނައުމަކީ އަހަރެންގެ ހިތުގައި ހަދީޖާއަށް އޮތް ލޯބި އެތައް ގުނައެއް ގަދަރުބޮޑުވެގެންދިޔަ ސަބަބެއް.." ހުސޭނުބެ ލޮލލުން ވެއްޓުނު ކަރުނަ ތިކި އެނާ ފޮހެލީ ފަހުރުވެރިކަމާއެކު އެވެ. އެތައް އަހަރަކުން ފެށިގެން ސަރުދާރެއްގެ މަގާމުގައި ރިސޯޓްގައި އެހުންނަނީވެސް ހުސޭނުބޭގެ އަހްލާގުގެ ސަބަބުންނެވެ. އޭނާއަށް އިހްތިރާމްނުކުރާ މީހަކު އޭނާވަށައިގެން ނޫޅެ އެވެ.
"އަހަރެން މިވާހަކަ މިދެއްކީ ކީއްވެކަން އެނގިއްޖެދޯ" ވިސްނައިދޭފަދަ ގޮތަކަށް މުންޝިރުގެ ކޮނޑުގައި ޖަހާލަމުން ހުސޭނުބެ އަހައިލި އެވެ. މުންޝިރްގެ ޖަވާބު ލިބުނީ އޭނާގެ ބޮލުގެ އިޝާރާތުންނެވެ.
އަތުން ވެލިކޮޅެއް ނަގައި އެ ވެލިކޮޅު އަތުގެ ތެރެއިން ފުރޭނިގެންދާން ހުސޭނުބެ ދޫކޮށްލި އެވެ. މުންޝިރަށް ބުނާނެ އެއްޗެއް ނޭގުނީ އޭނާގެ ޝަކުވާ އޮތީ އަލީޒީއަށް ނުވަތަ އައިޝާއަށް ކަން ނިންމާން ނޭގޭތީ އެވެ. ނުވަތަ މާދަމާ ހެނދުނު ހަގީގަތުގައިވެސް ރަށަށް ދާނީތޯ ނުވަތަ ނޫންތޯ ނިންމާން ނޭގުނީތީ އެވެ. އައިޝާއާއި ވާހަކަ ދެއްކިގެން ނޫނީ މުންޝިރަށް ހަމަޖެހުމެއް ނުލިބޭނެ އެވެ.
އޮއްސެމުންދިޔަ އިރުގެ ރަންދޯދީތަކުން މުޅި ޖައްވު އުޖާލާ ވެއްޖެ އެވެ. ގިލަންވެރި ހިތަކައިގެން، އެއާއިމެދު ވިސްނާ އާޝޯހްވާން އިނުމަކުން ދުނިޔެއިން ހާސިލްވާނެ ހަމައެކައްޗެއްވެސް ނޯންނާނެކަން މުންޝިރަށް ވިސްނެއެވެ.
...............
އެނދުގެ މަގަތުގައި އިށީނދެފައި އައިޝާ ބަލައިލީ ލޯބިކޮށް މަންމަގެ އަތު ތެރޭގައި ބޮނޑިވެލައިގެން އޮތް އަޔާން އަށެވެ. މަންމައާއި އެދަރިފުޅާއި ގުޅިފައިވަނީ ކޮންފަދަ ބާރުގަދަ އިހްސާސަކުންކަން އެހެންމީހަކު އައިޝާއަށް ބުނެދޭކަށް ނުޖެހެ އެވެ. މިއަދުގެ ހާދިސާ އެހުރިހައި ކަމަކަށް ހެއްކެއްގެ ގޮތުގައި ފުދެ އެވެ. މަންމަ އުފުލަމުންދިޔަ ވޭނުގެ ޚަބަރު އެދަރިފުޅަށް އިހްސާސްވިއެވެ. ތުއްތުދަރިފުޅުގެ ފާޅުވެގެންވީ އެ އިޝާރާތް ދެނެގަންނާން ނޭގުނީ އައިޝާއަށެވެ. ﷲގެ ކުޅަދުންވަންތަ ކަމާ އެވެ!
"އައްސަލާމް އަލައިކުމް.." ބޭރު ދޮރުގައި ޖަހާލާފައި ސަލާމް ގޮވައިލިއަޑު އިވުމުން ދެމީހުންނަށް ދޮރރާއި ދިމާއަށް ބަލައިލެވުނީ އެކުއެކީގަ އެވެ. އެމީހަކު އެތެރެއަށް ވަނުމުގެ ކުރީން އެއީ ކާކުތޯ ބެލުމަށް އައިޝާ އަވަސްވި އެވެ.
"ޝިޔާނާއްތާ...! ކަމަކުތަ..؟ މިވަގުތު އަލީޒީ އޮތީ ކުޑަމީހާއަށް ޖައްސައިގެން.." ޝިޔާނާއްތަގެ އަތުގގައި އޮތް ބޮޑު ރަތްކޮތަޅަށް އައިޝާ ބަލައިލި އެވެ.
"އެމަންޖެ ގާތުގައި ބުނެފައި އޮންނާނީ ދައްތަގެ ކުޑަ ތިންކުދިންނަށް ހެދުން ފަހައިދޭން.. ބުނި ކޮންމެވެސް ގަޑިއެއްގައި ފޮތިކޮޅު ގެނެސްދޭށޭ... އެކުދިންގެ މިންވެސް އެމަންޖެ އަތުގައި އޮންނާނެ.." އަތުގައި އޮތް ބޮޑު ފޮތިކޮތަޅު އައިޝާއއަށް ދިއްކޮށްލަމުން ޝިޔާނާއްތަ ވާހަކަދެއްކި އެވެ.
"އެހެންމީހަކު ފަހައިދިނަސް އެކުދިންނަށް ކަމަކު ނުދޭ.. އަދި ދައްތަގެ މެދަށް ހުންނަ މަންޖެ މާކަންތައް ބޮޑުކުރާނެ.. ރެޑީމޭޑް އެއްޗެއް ގަތަސް، އެއިގެ ފައްޗެއް ޖަހާއިލަން ނަމަވެސް އަލީޒީއަތަށް ނުގެނެސް ނުފުދޭނެ... އައިޝާ އެކޮއެ... އަދި މިއޮތީ ދައްތަ އެމަންޖެއަށް ގެނައި ކޮތަޅެއް.. މިއީ މުރަގަތޮޅި ކޮޅަކާއި، ބަށިކޮޅަކާއި އަދި ދެތިން ތޮރާ... މިއީ ހަމަ ގޭގައި ދައްތަ ހައްދާ އެއްޗެހި.. ދުވަހަކުވެސް ދައްތައަށް ފަހައިދޭ އެއްޗަކަށް އަގެއް ނުކިޔާނެ.. ދެން ކޮންމެސް އެއްޗެއް ދީފައއި މިކަހަލަ ހަދިޔާއެއް ދޭތެރެއަކުން ދައްތައަށް މި ދިއްކޮށްލެވެނީ.." އެކުވެރި މިޒާޖުގެ ޝިޔާނާއްތައަކީވެސް އަލީޒީއަށް ހެޔޮ، އަދި އޯގާތެރި އަވަށްޓެރިއެކެވެ.
"އެސޮރު ނިންދަވާފައި އަލީޒީ ތެދުވީމައި މީތި ހަވާލުކޮށްލާނަން އިނގޭ.. މި ހަދިޔާއަށް ޝިޔާނާއްތައަށށް ވަރަށް ޝުކުރިއްޔާ... ބުނާނަން ޝިޔާނާއްތަ ނިކަން ލޯބިން ގެނެސްދިން ހަދިޔާއެކޭ މިއީ.. މި ހެދުންތައް ފަހައި ނިންމާލިހާ އަވަހަކަށް އަހަރެން ގުޅާލާނަން އިނގޭ... ވަރަށް ހެޔޮ ދުއާ... މިގަޑީގައި ދެން އެތެރެއަށް ޖެހިލާނަން" ޝިޔާނާއްތަގެ ކޮނޑުގައި ފިރުމާލާފައި އައިޝާ ވާހަކަދެއްކި އެވެ.
..............
އަލީޒީގެ ދިރިއުޅުމުގެ ހަގީގަތަކީ، އޭނާއަކީ އަޅާލާނެ ހަމަ އެކަކުވެސް ނެތް ޔަތީމެއް ކަމަށް އޭނާ ނިންމާފައިވުމެވެ. ނަމަވެސް ތުއްތު އަޔާން އޭނާގެ މަންމަގެ ކަރުނައާއި ވޭންތައް ދެނެގަތްފި އެވެ. މަންމަގެ ހިތްދަތި އިހްސާސް އެދަރިފުޅު އުފުލައިފި އެވެ. ބައްޕައެއްގެ އެހީތެރިކަން އެދަރިފުޅަށް ބޭނުންވާކަން ނުވަތަ ނޫންކަން ނިންމާނީ އައިޝާ ނޫންކަން އޭނާ ގަބޫލުކުރެ އެވެ. ދެމައިންނާއެކު މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އައިޝާއަށް އެނގުނީ އެކަކު އަނެކަކަށްޓަކައި ކޮންމެފަދަ ތޫފާނަކާވެސް މި ދެމައިން ކުރިމަތި ލައިފާނެކަމެވެ. އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާއިން އައިޝާއަށް ނުކުރެވުނު ހުރިހާ ހިތްވަރެއް އަޔާންގެ ފަރާތުން ފެންނާނެކަމަށް އައިޝާ ނިންމި އެވެ.
މަޑުމަޑުން އަލީޒީގެ ބުރަކަށީގައި އައިޝާ ފިރުމާލި އެވެ. އަނެއް އަތުން ބޮލުގެ އިސްތަށިގަނޑު ތަރުތީބު ކޮށްލި އެވެ. ނުހަނު އޯގާތެރިކަމާއެކު އެވެ.
ދެންއޮތީ އައިޝާ އާއި އަލީޒީގެ ކުރިމަތިލުމެވެ. އެއަށްފަހު މުންޝިރާއި އައިޝާގެ ކުރިމަތިލުމެވެ. މިވަގުތު ފަހަތަށް ޖެހޭކަށް އައިޝާ ބޭނުމެއް ނޫނެވެ. އަޔާންއަށް ޓަކަ އެވެ. އަދި އަލީޒީއާއި އައިޝާއަށްޓަކައިވެސް މެ އެވެ.
އަލީޒީއާއި ވާހަކަދައްކަން ފަށާނެ މިސްރާބެއް އައިޝާ ޖެހުނީ ވިސްނާށެވެ. ރަގަޅު ވަގުތެއް ލިބޭނެ ސިކުންތެއްގެ އިންތިޒާރުގައި ވަގުތު ބޭކާރުކުރާން އޭނާ ބޭނުމެއް ނުވި އެވެ. އަލީޒީގެ ހަޔާތުން އޭނާއަށް ލިބިފައިވާ މަދު މައުލޫމާތުގެ ބޭނުން މިވަގުތު އައިޝާ ހިފާނެ އެވެ.
ފައިސާވެރި ބައްޕަގެ "ޕްރިންސެސް"އެއް ފަދައިން މުއްސަނދި ދިރިއުޅުމެއް އުޅުނު ކިޔަމަންތެރި އަންހެން ކުއްޖަކު ގެދޮރު ނެތި ދުނިޔޭގައި އެކަނިވުމުން ކުރާނެ އިހްސާސް އައިޝާއަށް ވަޒަންނުކުރެވިދާނެ އެވެ. ނަމަވެސް އެކަނިވެރިކަމާއި މުޖުތަމައުގެ މަލާމާތާއި ފުރައްސާރައާއި އަދި ލޯބިވާ މީހުން ވަކިވެދިއުމުން ކުރާނެ ހުރިހާ އަސަރެއް އައިޝާގެ ނާރުތަކުގައި އަދިވެސް ތާޒާ އެވެ. ތަފާތަކީ އިޙްސާސްތަކުގައި މާސްކް އަޅުވައި، އެ ރިހުން ދުނިޔޭގެ ލޯތަކަށް އައިޝާ ފަރުދާކޮށްފައިވާކަމެވެ.
"ކަނާއަތުން ވާތަށްވެސް އިތުބާރުކުރާން ހެޔޮނުވާނެކަމަށް، އަހަރެން ވަރަށް ކުޑައިރުއްސުރެން މާމަ ބުނެދިން... މިސާލުގެ ގޮތުގައި ވަރަށްގިނަ ސަބަބުތަކާއި ވަރަށް ގިނަ ހާދިސާތައްވެސް ބުނެދިން.. އޭގެ ނަތީޖާއަކީ އިތުބާރުގެ ނުރައްކަލަށްވުރެން ބޮޑަށް ސިކުނޑީގައި ހަރުލާފައި އޮތް އެހެން ހިޔާލެއް ނެތުން.... އެއްވެސް އިންސާނަކަށް އަހަރެން އިތުބާރުކުރުމާއި މީސްމީހުންނާ މާބޮޑަށް ގާތްކޮށް އުޅުމަކީ މާމަ ރުހޭކަމެއް ނޫން.. މާމަ އެންމެ ލޯބިވި އިންސާނާ މާމައަށް ބޭވަފާތެރިވެ، މާމަގެ ކޮއްކޮއާއި ކައިވެނިކުރުން ވެގެންދިޔައީ، އެކަމުގެ އަސަރު މާމަގެ އިތުރުން އަދި އަހަރެންގެ ދިރިއުޅުމުގައިވެސް އުފުލާން ޖެހުނު ނުރައްކާތެރި ތަކުލީފަކަށް.."
އައިޝާގެ އަޑުގައި ހުރި އަސަރުތައް ތަރުޖަމާކުރުމުގައި މިފަހަރު އަލީޒީ ފެއިލްވި އެވެ. އެކުވެރިޔާއަށް އައި ބަދަލު އެނގުނުކަމުގައި ވިޔަސް އައިޝާ އަޅައެއް ނުލި އެވެ. އަލީޒީގެ ހިތުގައި އޮތް ބިރުވެރިކަން އެކަހެރިކުރުމަށް މިއަށްވުރެން މޮޅު ފަންޑިތައެއް އައިޝާއަށް ނުވިސްނުނީ އެވެ.
"މާމަގެ ތަޖުރިބާއަށް ބަލާފައި އަހަރެންގެ މަންމަ އުޅެން ޖެހުނީ އުނދަގޫ ދިރިއުޅުމެއް.. ރައްޓެހީން ހޯދުމުގެ އިހްތިޔާރުވެސް މަންމައަށް ދީފައި ނުވާނެކަމަށް މާމަ ބުނި.. މަނާކޮށްފައި އޮތަސް، ސިއްރުން ރައްޓެހިންނާއި ވާހަކަދެއްކުމާއި ފިރިހެން ކުދިންނާއިއެކު ގާތްގުޅުންތައް، މަންމަ ކުރިއަށް ގެންދިޔަ.... މާމަގެ ނުރުހުމުގައި ސިއްރުން މަންމަ ކުރަމުންގެންދިޔަ ކަންކަމުގެ ނަތީޖާއަކީ "އަހަރެން'!" އައިޝާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. ނުރޯން ހިތްވަރުކުރާކަން ފާޅުކޮށް އެގެ އެވެ.
"މަންމަގެ ބަނޑު ބޮޑުކަން ރަށު މީހުންނަށް ނޭގެނީސް މަންމަގެ ކައިވެނިކުރުވާން މާމަ ބޭނުންވި.. ކިތަންމެ ވަރަކަށްވެސް އެކައިވެންޏަށް މަންމަ ނުގަބޫލުކަމަށް މާމަ ބުނި.. އެތައް އުނދަގުލަކުން މަންމަ ރުއްސައިގެން މާމަ، މަންމަގެ ކައިވެނިކުރުވީ އަހަރެންގެ ބައްޕައާ.... އެހެންމީހުންގެ ދުލުން، އެއީ ދޮންބައްޕަ..
-ނުނިމޭ-