ads
ޖަޕާނުގެ ޓްރެވެލް އެޖެންޓުންގެ ވެބިނާއެއްގައި އެމްއެމްޕީއާރުސީން ވަނީ ރާއްޖެ އިޝްތިހާރުކޮށްފައި - ފޮޓޯ:އެމްއެމްޕީއާރުސީ
ޖަޕާނުގެ ޓްރެވެލް އެޖެންޓުންގެ ވެބިނާއެއްގައި ރާއްޖެ އިޝްތިހާރުކޮށްފި
ޖަޕާނުގެ ޓްރެވަލް އެޖެންޓުންގެ ވެބިނާއެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރާއްޖެ އިޝްތިހާރުކޮށްފި އެވެ.
Advertisement

އެމްއެމްޕީއާރުސީން ބުނީ ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (ޖާޓާ) ގެ ސެލްއެއް ކަމަށްވާ ޖަޕާން އައުޓްބައުންޑް ޓޫރިޒަމް ކައުންސިލް (ޖޭއޯޓީސީ) އިން ބާއްވާ ސިލްސިލާ ވެބިނާތަކުގައި ރާއްޖޭގެ އެންމެފަހުގެ ޕްރޮމޯޝަންތަކާއި އަޕްޑޭޓްތައް ދައްކާލާފައިވާ ކަމަށެވެ.

ހަތަރު ވެބިނާގެ މި ސިލްސިލާގެ މަގުސަދަކީ ފަތުރުވެރިކަމުގެ އެކި މަންޒިލްތައް ޖަޕާނުގެ ދަތުރުފަތުރުގެ ވިޔަފާރިއަށް ޕްރޮމޯޓް ކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނެފައި ވަނީ 'ޑެސްޓިނޭޝަން މޯލްޑިވްސް' އިން މި ސިލްސިލާގެ ފުރަތަމަ ސެޝަންގައި މެއި މަހުގެ 30 އަދި 31 ވަނަ ދުވަހު ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެފަހުގެ މައުލޫމާތާއި ދަތުރުފަތުރުގެ ގައިޑްލައިންތައް ހުށަހަޅައި، ވެބިނާގައި ބައިވެރިވި ޖަޕާނުގެ ދަތުރުފަތުރުގެ ސިނާއަތުގެ މަންދޫބުންނަށް އެ ފަރާތްތަކުގެ ޕްރޮޑަކްޓް ޕޯޓްފޯލިއޯ ފުޅާކުރުމަށް އިންސްޕަޔާކޮށްފައިވާ ކަމަށެވެ.

ޖޭއޯޓީސީގެ މަސައްކަތަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޓްރެވަލް އެންޑް ޓޫރިޒަމް މިނިސްޓްރީތަކާއި ޑީއެމްއޯތަކާ އެކު ޖާޓާގެ މުވާސަލާތާއި އެއްބާރުލުން ހަރުދަނާކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ވެބިނާ ސީރީޒަކީ މި މަގުސަދު ހާސިލުކުރުމަށް ނެގި އެއް އިސްނެގުން ކަމަށާއި ހިލޭ ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި ވެބިނާގައި ޖަޕާނުގެ ދަތުރުފަތުރުގެ ސިނާއަތުގައި ހަރަކާތްތެރިވާ މަންދޫބުންނާއި މީޑިއާއިން 300 ފަރާތް ބައިވެރިވެފައިވާ ކަމުގަ އެވެ. ފަންސަވީސް މިނެޓުގެ މި ސެޝަން ބާއްވާފައި ވަނީ ޒޫމްގަ އެވެ.

ޖޭއޯޓީސީން ކުރިއަށް ގެންދިޔަ މި ވެބިނާތަކަކީ މި ސަރަހައްދުގެ އެހެން މަންޒިލްތަކާ އެކު މައުލޫމާތު ހިއްސާކުރުމާއި ޓްރެވަލް ޕްރޮފެޝަނަލުންނަށް އެންމެފަހުގެ ހަބަރުތައް ދީ، ޕޮޒިޓިވް މީޑިއާ ކަވަރޭޖް އުފެއްދުމުގެ ޕްލެޓްފޯމެކެވެ. މި ހަރަކާތުގައި ވިޒިޓް މޯލްޑިވްސްގެ އަމާޒަކަށްވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް ހަރުދަނާކުރުމާ އަދި ޓްރޭޑް ޕާޓްނަރުންނާ އިތުރަށް ގުޅުން ބަދަހިކޮށް ދެމެހެއްޓުން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އެމްއެމްޕީއާރުސީން ބުނީ ޖަޕާނު މާކެޓުގެ މުހިންމުކަމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބެމުންދާ ގިނަގުނަ ކާމިޔާބީތަކަށް އަލިއަޅުވާލުމަކީ ވެސް ވެބިނާގައި ބައިވެރިވުމުގެ އަމާޒެއް ކަމަށެވެ.

ކޮވިޑް-19 ގެ ފަހުން ޖަޕާނުން ރާއްޖެ އަންނަ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކޮށް އެމްއެމްޕީއާރުސީން ބުނެފައި ވަނީ މި ޓްރެންޑް ފުރިހަމައަށް ބޭނުން ކުރުމަށް އެ ކޯޕަރޭޝަނުން ގިނަ ސްޓްރެޓެޖީތައް ތަންފީޒު ކުރަމުންދާ ކަމަށެވެ. މި ސްޓްރެޓެޖީތަކުގެ ތެރޭގައި ޖަޕާނުގެ ބޮޑެތި ސިޓީތަކުގައި އެންބިއަންޓް އައުޓްޑޯ އިޝްތިހާރު ކުރުމާއި ޖަޕާނު ބަހުން ސޯޝަލް މީޑިއާގައި ހިންގާ ކެމްޕެއިންތަކުގައި އެ ބަހުން ވާހަކަ ދައްކާ މުވައްޒަފުންނާއި ސެލެބްރިޓީސް ބޭނުން ކުރުން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ކަންކަމުގެ އިތުރުން ޖަޕާނުގައި 'ހައި-އެންޑް ޑެސްޓިނޭޝަނެއް' ގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމާއި ރާއްޖޭގެ އެކިއެކި އުފެއްދުންތަކާއި ތަޖުރިބާތަކަށް ވަކިވަކިން ފޯކަސްކޮށްގެން އިޝްތިހާރު ކުރުމާއި ޕްރޮމޯޓްކުރުން ވެސް ހިމެނޭ ކަމުގަ އެވެ.

މި ސްޓްރެޓެޖީތަކާ އެއްގޮތަށް ޖަޕާނުގައި ބާއްވާ ޓްރެވަލް އެކްސްޕޯ ޖަޕާން (ޓީއީޖޭ) 2024 ގައި އެމްއެމްޕީއާރުސީން ބައިވެރިވެ، ރާއްޖޭގެ ހިތްގައިމުކަން އެ މާކެޓުގެ ފަތުރުވެރިންނަށް ދައްކާލުމަށް ވަނީ ރާވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް