ads
ރައީސް މުޢިއްޒު އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާ ބައްދަލު ކުރެއްވުން - ފޮޓޯ/ ރައީސް އޮފީސް
ރައީސް، އިންޑިއާގެ ރައީސާ މުރްމޫއާ ބައްދަލުކުރައްވައިފި
ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫއާ ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ރައީސް ޑރ. މުއިއްޒާއި މުރްމޫއާ ބައްދަލު ކުރެއްވީ މިއަދެވެ. މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ރިޔާސީ ގަނޑުވަރު, ރާޝްތުރަޕަތީ ބަވަންގައެވެ. 

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ތަރައްގީއަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން، ދެ ރައީސުން ވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒާއި ސަރުކާރުގެ މަތީ މަންފީގެ ވަފުދެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިންޑިއާއަށް ވަޑައިގަތީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތިންވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވި އެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވީ ވެސް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމުގެ ވައުދާއެކު އެވެ.

އިންޑިއާގެ ބަދަލުގައި ރައީސް މުއިއްޒު ދަނީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރު ވެސް ކުރެއްވީ ޗައިނާއަށެވެ. އެ ދަތުރަށްފަހު ރައީސް ވަނީ އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ދީފަ އެވެ.

ނަމަވެސް, ރައީސް އިންޑިއާއަށް ވަޑައިގަތުމާ އެކު ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ފިލައި ގުޅުން ބަދަހި ކުރުމަށް މިހާރު ވަނީ ފުރުސަތުތަކެއް ފަހިވެފަ އެވެ. 

އެގޮތުން އެހެން ގައުމުތަކުގެ އިސްވެރީންނާ މޯދީ ބައްދަލު ކުރެއްވި ނަމަވެސް، މުޅި ދަތުރުފުޅުގެ ތެރެއިން ފެންނަނީ މޯދީ އާއި ރައީސް މުއިއްޒު ވަރަށް އަރިހުގައިި ތިއްބަވާ މަންޒަރެވެ.

މޯދީ ވެސް ވަނީ މިއީ ގުޅުން ބަދަހިކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. އަދި އެކުގައި ކުރިއަށް ދިއުމަށް ބޭނުންވާކަމަށް ދެ ގައުމުގެ ވެރިން ވެސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް