
އީރާނުގެ ދައުލަތުގެ މީޑިއާ، އައިއާރްއެންއޭއިން ބުނީ، ރައީސްކަމުގެ މަގާމަށް ކުރިމަތި ލުމުގެ ވަގުތު ހަމަވިއިރު، 75 ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށެވެ. ނަމަވެސް، އީރާނުގެ ގާޑިޔަން ކައުންސިލުން ރުހުން ދީފައިވަނީ އެންމެ ހަ ބޭފުޅުންނަށް ކަމަށް އައިއާރްއެންއޭ ރިޕޯޓުކޮށްފައިވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ގާޑިޔަން ކައުންސިލުގެ ރުހުން ލިބިފައިވާ ބޭފުޅުންގެ ތެރޭގައި:
- މިހާރުގެ ދެވަނަ ނައިބު ރައީސް ގާޒީޒަދީހް ހާޝިމީ
- އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފީ
- ނިއުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތަކުގެ ވެރިޔަކަށް ކުރިން ހުންނެވި ސައީދް ޖަލީލީ
- ގާނޫނު ހަދާ މަޖިލީހުގައި އިރުމަތީ އަޒަރްބައިޖާން ސިޓީގެ ވެރިރަށް ތަބްރީޒް ތަމްސީލްކުރައްވާ މެންބަރު މަސްއޫދު ޕެޒެޝްކިއާން
- ކުރީގެ އިންޓީރިއާ މިނިސްޓަރު މުސްތަފާ ޕޫރުމުހައްމަދީ
- ތެހެރާންގެ މޭޔަރު އަލީރިޒާ ޒަކާނީ
ރޫހާނީ ލީޑަރު ކަނޑައަޅައި 12 މެންބަރުންގެ ކޮމިޓީ ނުވަތަ އީރާނުގެ ގާޑިޔަން ކައުންސިލުގެ ރުހުން ނުލިބުނު މަގްބޫލު ބޭފުޅުންގެ ތެރޭގައި:
- އީރާންގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދު
- ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ މަގާމު ތިން ދައުރެއްގައި ފުރިހަމަ ކުރައްވި އަލީ ލަރީޖާނީ
- ކުރީގެ ރައީސް ހަސަން ރޫހާނީގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްގެ މަގާމު ފުރުއްވި އިސްހާގު ޖިހާންގީރީ
- އީރާނުގެ މަރުކަޒީ ބޭންކުގެ ކުރީގެ ގަވަރުނަރު އަބްދުލްނާސިރު ހިއްމަތީ
ރައީސީ އަވަރާހަވުމާ ގުޅިގެން އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ވަނީ ގާނޫނުއަސާސީއާ އެއްގޮތަށް ރައީސްކަމުގެ މަސްއޫލިއްޔަތު ނައިބު ރައީސް މުހައްމަދު މޮހުބަރު ހަވާލުކޮށްފަ އެވެ. އެ ގައުމުގެ ގާނޫނުއަސާސީ އޮންނަ ގޮތުން ނައިބު ރައީސުންނަކީ އިންތިހާބުކުރާ ބައެއް ނޫނެވެ. އަދި އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، ރައީސް ނެތް ހާލަތެއްގައި 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބުކުރަންޖެހެ އެވެ.
އީރާނުގެ ރިޔާސީ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.
އިރާނުގެ ރައީސް ރައިސީ އަވަހާރަވުމާ ގުޅިގެން ބަޣުދާދުގައި ހުންނަ އިރާނު އެމްބަސީގެ ފާރުގައި ރައިސީގެ ޕޯސްޓަރެއް ބަޔަކު ހަރުކުރަނީ. - ފޮޓޯ: އޭއެފްޕީ
އިރާނުގެ ރޫހާނީ ލީޑަރު ހާމަނާއީގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގަ ހުންނެވި ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގަ އެވެ.
ރައިސީއާ އެކު އެ ހެލިކޮޕްޓަރުގައި ދަތުރުކުރެއްވި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އާއި، އުތުރު އަޒަރުބައިޖާނު ޕްރޮވިންސްގެ ގަވަރުނަރު މާލިކު ރަހުމަތީ އަދި ތަބްރީޒުގެ އިމާމު މުހައްމަދު އަލީ އަލްހާޝިމް ވެސް ވަނީ އަވަހަރާވެފަ އެވެ.
މީގެއިތުރުން، އެ ހެލިކޮޕްޓަރުގައި ޕައިލެޓާއި ކޯޕައިލެޓާއި، ކްރޫ ޗީފް އަދި ބޮޑީގާޑު ވެސް ވަނީ މަރުވެފަ އެވެ.