ރައީސް މުއިއްޒު މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާއަށް ކުރެއްވި ދަތުރު ނިންމާލުމުގެ ކުރިން އެގައުމުގައި ހުންނަވާ ދައުލަތުގެ މީޑިއާއަށްް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިންޑިއާއަށް ވަޑައިގެންނެވުނީތީ އުފާކުރައްވާކަމަށެވެ. އަދި މި ދަތުރަކީ ދިވެހި ރާއްޖޭއާ މި ސަރަހައްދަށްވެސް ވަރަށް ކާމިޔާބު ދަތުރެއްކަމަށެވެ. މި ދަތުރުގައި ބައްދަލުވުންތަކެއް ބޭއްވުނީތީ އެކަމާއި އުފާކުރައްވާކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ ތެރެއިން އިތުރު ކަންކަން ފަހިވެގެންދާނެކަމަށެވެ.
މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް އެވެ.
ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން އާންމު ގޮތެއްގައި ވެރިކަމުގެ ކުރީކޮޅު އިންޑިއާއަށް ރަސްމީ ދަތުރު ކުރެއްވި ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ދަތުރެއް ރައީސް މުއިއްޒު ކުރައްވާފައި ނުވެ އެވެ. މިއީ އެމަނިކުފާނު އިންޑިއާއަށް ރަސްމީ ހައިސިއްޔަތެއްގައި ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.