ads
ރައްޔިތުން މަޖިލީހުގެ 20 ވަނަ ދައުރުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: މަޖިލިސް އިދާރާ
މާލީގޮތުން ދިޔަބޮޑުވެ، މަޖިލިސް މެންބަރުން އިތުރުވާ "ވަތް" ހިއްކަނީ..!
ފެހި ގާނޫނުއަސާސީ ވުޖޫދުވީ ފަހުން ލިބޭ އެންމެ ބޮޑު ފަހުރަކީ ތިން ބާރު ވަކިކުވެފައި އޮތްކަމަށް ކަޅާއިހުދުން ފޮތެއްގައި ލިޔެވިފައި އޮތުމެވެ. ނުވަތަ ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއްކަމަށް ބުނާ ބުނުމެވެ. ތެދެކެވެ. ދައުލަތުގެ ތިން ބާރުގެ ތެރޭގައި "ފޮރުވިފައި" އޮތް ހަސަދަ އާއި ނަފުރަތު ދޫކޮށް ގައުމީ އެއްބައިވަންތަކަމުގެ ރޫހެއްގައި ނިކުމެ މަސައްކަތް ފެށިއްޖެ ނަމަ ނަޒާހަތްތެރި މަޖިލިހަކާއި އަދުލުވެރި ފަނޑިޔާރުގެތަކާއި އޯގާތެރި ސަރުކާރެއް އުފަން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

ދައުލަތުގެ ތިން ބާރަށް ގާނޫނު އަސާސީއާ ގާނުނު ތަކުން ޒިންމާތައް މަތިކޮށްފައިވާ ގޮތަށް ބަލާނަމަ މަސްއޫލިއްޔަތުގެ ގޮތުން "ބާރުގަދަ" އީ ގާނޫނު ހަދާ މަޖިލީހެވެ. ސަބަބަކީ ރާއްޖޭގެ ސިޔާސީ ނިޒާމު ރޭވިފައި އޮތް ގޮތުން، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އަނެއް ދެ ބާރު ޒިންމާދާރު ކުރުވަން އޮތް ބާރެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތުތައް އަދާކުރާ ގޮތް ބަލައި ފާރަވެރިވުމަކީ މަޖިލީހުގެ ޒިންމާއެކެވެ. ދައުލަތުގެ އެންމެ އިސް ވެރިން ވެސް މަޖިލީހަށް ހާޒިރުކުރެވޭ ގޮތްތަކެއް ހުރެ އެވެ. މިނިވަން މުއައްސަސާތައް މަޖިލީހަށް ޖަވާބުދާރީ ވާން ޖެހެ އެވެ. އެންމެ މަތީ ކޯޓުތަކުގެ ފަނޑިޔާރުންނަކީ ރައްޔިތުންގެމަޖިލީހުގެ މެންބަރުންގެ ރުހުމާ އެކު އައްޔަން ކުރެވޭ ބައެކެވެ. ފަނޑިޔާރުން މަގާމުން ވަކިކުރުމާއި ނުކުރުމުގެ ބާރު އޮތީ ވެސް ރައްޔިތުންގެ މަޖިލީހަށެވެ. 

އަދި އެއް ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހަކީ، ގާނޫނު އަސާސީގައި ފުރަތަމަ ބަޔާންކުރާ ދައުލަތުގެ ބާރެވެ. ވެރިކަމުގެ ބާރާއި އަދުލު އިންސާފުގެ ބާރުގެ ބާބު އަންނަނީ މަޖިލީހުގެ ބާބަށް ފަހުގަ އެވެ.  

ރައްޔިތުންގެ މަޖިލީހުގެ މައިގަނޑު މަސައްކަތަކީ ދާއިރާގެ ރައްޔިތުންގެ ހިޔާލާއި ވިސްނުމަށް ރިއާޔަތްކޮށްގެން މުޅި މުޖުތަމައުގެ ބޭނުމަށް ގާނޫނު ހެދުމެވެ. ގާނޫނުތައް ފަރުމާކޮށް އެކުލަވައިލާ ފާސްކުރުމެވެ. ގާނޫނު އަސާސީގެ 70 ވަނަ މާއްދަގެ (ހ) ގައި ބަޔާންކުރަނީ ދިވެހިރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމުގަ އެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާން ކުރަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެމަތިން ގާނޫނުއަސާސީ އިސްލާހު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެމަތިން ގާނޫނު ހެދުމާއި، ގާނޫނަށް ބަދަލުގެނައުމާއި، ގާނޫނުތައް ބާތިލު ކުރުމުގެ ބާރު އޮންނަނީ މަޖިލީހަށެވެ. 

ނަމަވެސް ފާއިތުވި ރައްޔިތުންގެ މަޖިލީސްތަކުގެ ތަޖުރިބާތަކަށް ބަލާއިރު އުފެދޭ ބައެއް ސުވާލަކީ ގާނޫނުތައް އެކުލަވައިލުމުގައި މަޖިލީހުން އަދާކުރާ ދައުރަކީ ގާނޫނުއަސާސީ ތަސައްވަރުކުރި ދައުރުތޯ އަދި ކުރީގެ ދައުރުތަކުގައި މަޖިލީހުގެ ތެރެއިން ކުރެވުނު މަސައްކަތަށް އާންމު ރައްޔިތުން އިތުބާރުކުރިތޯ އެވެ.؟ ރަށުތެރޭ ހުރި ހޮޅުއަށިތަކާއި ޔުނިވާސިޓީތަކާއި، ޕާކުތަކާއި މާރުކޭޓުތަކުގެ ތެރެއިން އިވެނީ ރައްޔިތުންގެ ޝަކުވާ އެވެ. އޮއްޓަރު ހުރި ކަމެއް މެންބަރުން ނުކުރެވޭ ވާހަކަ އެވެ. 

އެކަމަކު، މަސް ނިމިގެން ކޮންމެ މެންބަރަކަށް ލައްކައެއް ހާ ރުފިޔާ ޖަމާވެ އެވެ. ފަސް އަހަރުގެ ދައުރެއްގައި އަޑު ވެސް ނީވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބަތިއްބެވެ. ބައެއް މެންބަރުން މަޖިލިސް ތަޅުމުންވެސް ނުފެނެ އެވެ. އަނެއްބައި މެންބަރުން ކުޑަދަށުގައި ވޭޕް ކުރަން ތިބޭ މަންޒަރެވެ. މެންބަރުންގެ އަދަދު ހަމަނުވުމުގެ ސަބަބުން ޖަލްސާތަށް ނުފެށިފަ އެވެ. ހޮވުމަށް ފަހު ރައްޔިތުންނަށް އެ މެންބަރުންގެ އެއްވެސް ހިލަމެއް ނުވާ މެންބަރުން ވެސް ދާއިރާތަކުގެ ރައްޔިތުން ތަޖުރިބާ ކޮށްފި އެވެ. 

އަދި ވަކިން ހާއްސަކޮށް މަޖިލީހުގެ މެންބަރުން އެއް ދައުރުން އަނެއް ދައުރަށް އިތުރުވާ މައްސަލައަކީ ބޮޑުވެއްޖެ ބަހުސެކެވެ. ދާއިރާގެ އާބާދީއާއެކު އިތުރުވާ މެންބަރުނަށް މުސާރަ ދޭން ދައުލަތުގެ ބަޖެޓްގައި އެވަރުގެ ހަކަތައެއް ވެސް ނެތެވެ. ދައުލަތުގެ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ހުރަސް އެޅި ގައުމީ އިގްތިސޯދީ ކާރިސާއެއްގެ މަލަމައްޗެވެ. 

your image18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް އިދާރާ

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވެގެން ދިޔުން ނިމުމަކަށް ގެނައުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ވައުދު ފޮތުގައި ވެސް ހިމަނަ އެވެ. ނަމަވެސް ގާނޫނުއަސާސީގެ 71 ވަނަ މާއްދާ އަދި މިހާތަނަށް އިސްލާހުވެފަ އެއް ނުވެ އެވެ. ފެހި ގާނޫނުއަސީސީ ވުޖޫދަށް އައިސް، 2008 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު ނިމުނީ އެވެ.

ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީ 5000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް ހުންނަން ޖެހެ އެވެ.

އެހެންކަމުން، ކޮންމެ މަޖިލީހެއްގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅެނީ މި އިދާރީ ދާއިރާތަކާއި މީހުންގެ އާބާދީ އަށް ބެލުމަށް ފަހު އެވެ. ގާނޫނުއަސާސީގައި ބަޔާންކުރާ މެންބަރުންގެ ޖުމްލަ އަދަދު ގުނާނެ ހަމައަކީ އެއީ އެވެ. އަދި އިދާރީ ދާއިރާތައް ގާނޫނުއަސާސީގައި މާނަކުރަނީ، އިދާރީ ގޮތުން ރާއްޖޭގެ ރަށްރަށް އަތޮޅުތަކުގެ މައްޗަށް ބެހިގެންވާ ގޮތެވެ. މިސާލަކަށް ހުވަދު އަތޮޅު ނުވަތަ ތިލަންދުމަތީ ދެކުނު ބުރި އެވެ.

މިފަހުން ދައުރު ހަމަވި 19 ވަނަ މަޖިލީހުގައި ވެސް އެކި ފަހަރު މަތިން މެންބަރުންގެ އަދަދު ކަނޑައެޅުމަށް އިސްލާހު ހުށަހެޅުނެވެ. ނަމަވެސް މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް އޮތް އެމްޑީޕީގެ ތާއީދު އެވަގުތު އެކަމަށް ނުލިބިގެން އެންމެ ފަހުން މަޖިލީހަށް ވެއްދި އިސްލާހު ވެސް އެމްޑީޕީން ބޭނުންނުވެގެން ބޭރުކޮށްލީ އެވެ. އެ އިސްލާހުތައް ބޭރު ކުރިނަމަވެސް، މެންބަރުންގެ އަދަދު މަދުކުރުމަށް ތާއީދު ކުރާކަން މީގެ ކުރިން އެޕާޓީން ހާމަކޮށްފައިވެ އެވެ.

your image19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: މަޖިލިސް އިދާރާ

ގާނޫނޫއަސާސީ އެކުލަވާލި އިރު، އެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ކުރީގެ ރައީސް ނަޝީދުގެ ތާއީދާއެކު 19 ވަނަ މަޖިލީހަށް ހުށަހެޅުއްވި އެވެ. އަދި މިނޫންވެސް އިހުގެ ގިނަ މެންބަރުން ވަނީ ތަފާތު އިސްލާހުތަށް މަޖިލީހަށް ހުށައެޅުއްވާ މަޖިލިސް މެންބަރުން އިތުރުވުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކުރީގެ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު ވަނީ 17، 18 އަދި 19 ވަނަ މަޖިލީހުގައި ވެސް މެންބަރުން އިތުރުނުވާ ގޮތް އިސްލާހު ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެކަމަށް ތާއީދު ނެތުމާ އެކު އެކަން އާމިރު އަށް ވެސް ވެފައެއް ނުވެ އެވެ. 

އިސްލާހު ހުށަހަޅާ ސަބަބެއްގެ ގޮތުގައި ގާސިމް ވިދާޅުވެފައި ވަނީ، މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ބޭއްވި މަޖިލީހުގެ ތިން އިންތިހާބުގައި ވެސް ކޮންމެ ފަހަރަކު ވެސް މެންބަރުން އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް، ކޮންމެ ފަހަރަކު މިގޮތަށް މެންބަރުން އިތުރުވުމަކީ ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބެނުންވާ ވަރަށް ވުރެ މާ ގިނަ އަދަދެއްގެ މެންބަރުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިގްތިސާދީ ގޮތުންނާ އަދި އެ ނޫން ވެސް ގޮތް ގޮތުން ގޮންޖެހުންތައް މިކަމުގައި ކުރިމަތިވާނެތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅައި ގާނޫނުއަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީ" އެ ބިލު ހުށަހެޅުއްވީ ސަބަބުގައި ގާސިމް ބަޔާންކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި އެދުވަހު ހުންނެވި ނަޝީދު ވަނީ މި އިސްލާހަށް ތާއީދުކުރައްވައި އެއީ "މުހިންމު އިސްލާހެއް" ކަމަށް ވިދާޅުވެފަ އެވެ.

"މަޖިލިސް އެކުލެވިގެންވާ ގޮތާ އަދި މަޖިލީހުގެ ދައުރާ ބެހޭ ގޮތުން ވެސް ވިސްނުން ވަރަށް ބޭނުންތެރި،" ގާސިމްގެ އިސްލާހަށް ތާއިދު ކުރައްވާ ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

2014ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އާ ގާނޫނު އަސާސީގެ ދަށުން، އިންތިހާބީ ދާއިރާތައް 77 އިން 85 އަށް އިތުރުކުރުމަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބެވެ. އަދި 2019ގެ އިންތިހާބުގައި އިންތިހާބީ ދާއިރާތައް 87 އަށް ވަނީ އިތުރުވެފަ އެވެ. މިފަހުން ހުވައިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 93 އެކެވެ. ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެންބަރުންގެ ވޯޓު ލިބިގެންނެވެ. މަޖިލީހުގެ ޖުމްލަ 79 މެންބަރުންނާއެކު ސަރުކާރު ހިންގާ ޕީއެންސީއަށް ފުރިހަމަ ބާރު މަޖިލީހުގައި އޮތްއިރު، މި އަދަދަކީ ސަރުކާރުން ބޭނުންވާ ގޮތަށް ގާނޫނު އަސާސީވެސް ބަދަލުކުރެވޭނެ ވަރުގެ މެޖޯރިޓީއެކެވެ. 

your image20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: މަޖިލިސް އިދާރާ

20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި ސަރުކާރުން 37 ބިލެއް ހުށަހަޅާނެ ކަމަށް ސަރުކާރުން މަޖިލީހަށް އަންގާފައިވާއިރު، އޭގެ ތެރޭގައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތަކެއް ވެސް ހިމެނެ އެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު އިތުރު ނުވާނެ ގޮތަސް ހިފެހެއްޓުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާލެވޭ ގޮތް ބަދަލުކުރުން ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މިކަމުގެ ތަފްސީލުތަށް މަޖިލީހުން އަދި ހާމައެއް ނުކުރެ އެވެ. މެންބަރުން ތަޅުމަށް އިތުރުނުވުމަށް ކެޕްކުރަން ސަރުކާރުން ހިތްވަރު ދޭ "އަދަދެއް" އަދި ސާފެއް ނުވެއެވެ.

20 ވަނަ މަޖިލީސް ތަމްސީލުކުރައްވާ މެންބަރަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މަޖިލިސް މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް މިހާރަށް ވުރެ މަޖިލިސް އަދަދު ކުޑަކޮށްލުމަށް ވެސް މެންބަރުންގެ ރޫހު އެބަހުރި ކަމަށެވެ.

ކޮންމެ ބައެއް ވެރިކަމަށް އަންނައިރު އިވެނީ ދަރަނި ބޮޑު ވާހަކަ، ހަރަދު ކުޑަ ކުރާ ވާހަކަ ހަރަދުތައް ދެކޮޅު ޖައްސަން ކުރާ ހަމައެކަނި ކަމަކަށް ފެންނަނީ ސިވިލް ސާރވިސްގެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ލިމިޓް ކުރުން އެކަނި. މަޖިލީހާއި ކައުންސިލް ތަކަށް މެންބަރުން އިތުރުކޮށްގެން ގައުމަށް ވީ ފައިދާއެއް ނެތް! އެންމެ ކުރިން އޮތް ގޮތަށް ކޮންމެ އިދާރީ ދާއިރާ އަކަށް 2 މެންބަރުން ވެސް އައްޔަން ކުރެވިދާނެ! ކައުންސިލަކަށް ވެސް ރައީސަކާއެކު 2 މެންބަރުން ފުދޭނެ" އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލުކޮށް ޕާޓީތަކަށް ދައުލަތުން ނަގާ ބޮޑު ފައިސާގަނޑު ހުއްޓުވަން 20 ވަނަ މަޖިލީހުން މަސައްކަތް ކުރާނެ ކަމަށާއި ޢެއް އަހަރުން އަނެއް އަހަރަށް ދަރަނި ބަޖެޓް ހަދައިގެންތިބެ ފައިސާ ޗާޕްކުރާކަށް ރައްޔިތުން މިއަދު ބޭނުމެއް ނުވާ ކަމަށެވެ. ސަރުކާރާއި ރައްޔިތުން ބޭނުންވާ ގޮތަށް މަޖިލީހާއި ޖޭއެއްސީވެސް ރިޕޯމް ކުރާނީ 20 ވަނަ މަޖިލީހުން ކަމަށެވެ. މި މަޖިލީހަކީ ރައީސް އެ ވިދާޅުވާފަދަ ރައްޔިތުންނަށް މަންފާ ހުރި ގިނަ ކަންތައްތަކެއް ނިންމާނޭ މަޖިލީހަކަށް ވެގެން ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އަދި މަޖިލީހުގެ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ވަރަށް އަވަހަށް މި މައުލޫމާތުގެ ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ދަށުން ނެއްޓި، މިނިވަން ގާނޫނީ ބާރާއިއެކު މަޖިލިސް ހިނގައި ގަންނަންވީ ވަގުތު މިހާރު މިއޮތީ ޖެހިފައި އެވެ. ގައުމުގެ ހިންގުމުގެ އޮނިގަނޑުގައި ހުރި ބާ ފިލާތަަށް ބަދަލުކުރަން ވެއްޖެ އެވެ. މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ވުޖޫދުވީ ފަހުން ނިމުނު ތިން މަޖިލީހުން ފެނިފައި ނުވާފަދަ "އިސްލާހީ އެޖެންޑާ" އެއް ރައްޔިތުންނަށް ވިއްކުމުގެ ބަހުސް ފަށަން ވެއްޖެ އެވެ. ސިޔާސީ ކޮންމެ ލޮލަކުން ބެލި ނަމަވެސް، ގާނޫނު ހަދާ މަޖިލިސްތަކަކީ އެއްވެސް ބައެއްގެ ފައިދަށުވެ، ހުއްޓިފައި އޮންނަން ވާނެ ތަނެއް ނޫންކަން ތަހުޒީބު ޑިމޮކްރެޓިކް މުޖުތަމައުތަކުން އެދަނީ ދައްކަމުންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަދަކަމަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މަޖިލިސް ތަޅުމަށް އަލުން އަބުރާ އިތުބާރު ހޯދުމެވެ. މުޅި ދައުލަތުގެ ކަރާމާތާއި ގަދަރަށް އުނިކަން ނާންނަފަދަ ގޮތަކަށް ދައުލަތުގެ ތިން ބާރާމެދު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އަބަދުމެ އޮންނަންވާނެ އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިސްއަށެވެ. އެމައްޗަށް ދިވެހިން އަމަލުކުރަން ޖެހޭ ގާނޫނުތައް ލިޔެ ފާސްކުރާ މަޖިލީހަށެވެ.

މަޖިލީހުގައި ދައްކާ ވާހަކައަކާ ގުޅިގެން ސަރުކާރުގެ އޮފީހަކަށް މެންބަރަކު ހާޒިރުކޮށް ސުވާލެއް ކޮށް ތަހުގީގެއް ނުހިންގޭނެ ނޫންތޯ އެވެ. މެންބަރަކު މަޖިލީހުގައި ދެއްކި ވާހަކައަކާ ގުޅިގެން އަދި ދިން ވޯޓަކާއި ގުޅިގެން ކޯޓެއްގައި އޭނާގެ މައްޗަށް ޝަރީއަތެއް ވެސް ނުހިންގޭނެ ނޫންތޯ އެވެ. އަވަހަށް ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސިޔާސީ މުވައްޒަފުންނާއި ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކޮށް، މާލީގޮތުން ދައުލަތުގެ ބަޖެޓަށް ދިޔަ ބޮޑުވަމުންދާ މަޖިލިސް މެންބަރުން އިތުރުވާ "ވަތް" ހިއްކުމަށް ގާނޫނު އަސާސީއާ ގާނޫނުތައް ބަދަލުކުރުމުގެ މަސައްކަތް ފަށާށެވެ. 

ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ބަލާއިރު ފެންނަ މަންޒަރަކީ މަޖިލީހުގެ މެންބަރުންގެ އަދަދާއި ސިޔާސީ މަގާމުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ތަނެވެ. ދުނިޔޭގެ އެންމެ އާބާދި ބޮޑު ޗައިނާ އަދި އިންޑިއާގެ އާބާދީއާ އަޅާބަލާއިރު އެ ގައުމުތަކުގައި ވެސް ތިބީ މަދު މަޖިލިސް މެމްބަރުންނެވެ. މެންބަރަކަށް ވެވެނީ އެތައް މިލިއަން މީހުންގެ ތާއީދެއް ހޯދައިގެންނެވެ. ނަމަވެސް ފަސް ލައްކަ މީހުން ކިރިޔާ ހަމަވާ މި ރާއްޖޭގެ މަޖިލީހުގެ މެމްބަރުން ވުމަށް 300 ވޯޓުން ފުދެ އެވެ. ނަތީޖާއަކީ މުޅި ނިޒާމު އޮޅުން ބޮޅުންވެ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ މިހާރު އެވަނީ ހަވަރަށް ދެވިފައި އެވެ. 20 ވަނަ މަޖިލީހާމެދު ރައްޔިތުންގެ އުންމީދުތައް ފަނޑުވުމުގެ ކުރިން މާލީ ގޮތުން ދިޔަބޮޑުވެ، މަޖިލިސް މެންބަރުން އިތުރުވާ "ވަތް" ހިއްކަން ފަށަންވީ އެވެ! 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް