އެމްޓީސީސީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހެޅި އިސްލާހުތައް ހިއްސާދާރުންގެ ތާއީދާ އެކު ފާސްކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި އެ ކުންފުނީގެ ހާއްސަ އާންމު ޖަލްސާ 2024 ގަ އެވެ. އޮންލައިން ޕްލެޓްފޯމް "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި ޖަލްސާގައި އެ ކުންފުނީގެ 47 ހިއްސާދާރުން ބައިވެރިވި އެވެ. އެއީ މުޅިއެކު 5،540،192 ހިއްސާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި އެ ކުންފުންޏަކީ ކުންފުނިތަކުގެ ގާނޫނު ތަސްދީގުކުރި ފަހުން އެ ގާނޫނާ އެއްގޮތް ކުރުމަށްފަހު، ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު ފާސްކުރި ފުރަތަމަ ޕަބްލިކް ލިސްޓަޑް ކުންފުންޏެވެ.
މި ހާއްސަ އާންމު ޖަލްސާގައި އެމްޓީސީސީގެ ހިއްސާދާރުންނަށް 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ކޮންމެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހާ ގޮތަށް ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ޖަލްސާގައި ކުންފުނީގެ ބޯޑުގެ ޗެއާމަން ވަނީ ހިއްސާދާރުންނަށް ހިދުމަތް ކުރުމުގައި ޑިރެކްޓަރުންގެ ބޯޑުންނާއި ކުންފުނީގެ މެނޭޖްމަންޓުން ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން ހިއްސާދާރުންނަށް ދެއްވާފައި ކަމަށް އެމްޓީސީސީން ބުނެ އެވެ.