ads
މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލާ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނީ: މިދިޔަ އަހަރު އެ ކުންފުންޏަށް 3.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވޭ - ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީއަށް މިދިޔަ އަހަރު 3.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް
މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

އެމްޓީސީސީގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިއީ އެ ކުންފުނީގެ ތާރީހުގައި މިހާތަނަށް އަހަރެއްގެ މައްޗަށް ލިބުނު އެންމެ ބޮޑު އާމްދަނީ އެވެ.

  • 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާ
  • މިދިޔަ އަހަރު 3.2 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވޭ
  • މިއީ 2022 ވަނަ އަހަރާ އަހަރާ އަޅާބަލާއިރު 30 އިންސައްތައިގެ އިތުރުވުމެއް

އެމްޓީސީސީއަށް 2019 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ އަދި 2020 ވަނަ އަހަރު އާމްދަނީއަށް 1.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޖެހިގެން އައި 2021 ވަނަ ލިބިފައި ވަނީ 1.9 ބިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ ރިޕޯޓުން ދައްކާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވެފައި ވަނީ އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުތަކުގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. އެގޮތުން ކޮންސްޓްރަކްޝަން އަދި ޑްރެޖިން މަޝްރޫއުތަކުން 2.7 ބިލިއަން ރުފިޔާ ލިބުނުއިރު، ވިޔަފާރިތަކުން 284 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ. ދަތުރުފަތުރުގެ ހިދުމަތުން 145 މިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން އާމްދަނީގެ ގޮތުގައި 21 މިލިއަން ރުފިޔާ ލިބުނެވެ.

އެމްޓީސީސީގެ ހިންގުމުގެ ހަރަދަށް 2022 ވަނަ އަހަރު 95 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މިދިޔަ އަހަރު އެކަމަށް 162 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ 61 އިންސައްތައިގެ އިތުރުވުމެކެވެ. ޓެކްސްއަށް ކެނޑުމަށް ފަހު 2023 ވަނަ އަހަރު އެމްޓީސީސީއަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ 97 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ފައިދާގެ ގޮތުގައި 196 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެމްޓީސީސީގެ އަހަރީ ރިޕޯޓުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް