ads
ޖަރުމަންގެ ކޯޗު
ޕްރެޝަރު އެބައޮތް، އެކަމަކު އަހަރުމެން ތައްޔާރު: ޖަރުމަން ކޯޗު
އަމިއްލަ ގައުމުގައި ހޯސްޓްކުރާ މުބާރާތަކަށްވުމުން މުޅި ޓީމަށް އެކަމުގެ ޕްރެޝަރު އެބައޮތް ކަމަށާއި އެހެންނަމަވެސް މުބާރާތަށް ތައްޔާރު ކަމަށް ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ، ޔޫރޯ، ޖަރުމަންވިލާތުގައި މިރޭ ފަށާނީ ޖަރުމަނާ ސްކޮޓްލަންޑްގެ މެޗުންނެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 12 ޖަހާއިރުއެވެ. 

އަމިއްލަ ގައުމުގައި މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނައިރު، ޖަރުމަނުންވަނީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ޖަރުމަންގެ ސަޕޯޓަރުންގެ އުއްމީދަކީ އަމިއްލަ ގައުމުގައި މުބާރާތް ކާމިޔާބުކުރުމެވެ. އެކަމަކު މިދިޔަ ތިން ޔޫރޯގައިވެސް އެކަށީގެންވާ ފެންވަރުގެ ކުޅުމެއް ޖަރުމަނަށް ދެއްކިފައި ނުވާތީ އެކާމިޔާބީއާ ހަމައަށް ދެވިދާނެތޯ ސުވާލު އުފެދެއެވެ.

ޖަރުމަންގެ ކޯޗު،  ޖޫލިއަން ނާގަލްސްމަން ބުނީ، ރަނގަޅު ފޯމެއްގައި ޓީމު އޮތަސް، ޓީމު އޮތީ ޕްރެޝަރުގައި ކަމަށެވެ. އަދި އެ ޕްރެޝަރުގެ ފައިދާ ނަގަން ސްކޮޓްލަންޑުން މަސައްކަތް ކުރާނެ ކަމަށް ނާގަލްސްމަން ބުންޏެވެ.

ޖަރުމަނަށް އޮތް ހިތްހަމަ ޖެހުމަކީ ތާރީހަށް ބަލާއިރު މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމުތަކުގެ ތެރޭގައި ހިމެނިފައި އޮތް އޮތުމެވެ. އެޓީމުން ވަނީ މުބާރާތުގެ ތަށި ތިން ފަހަރު އުފުލާލާފަ އެވެ. ޖަރުމަނާ އެކު ސްޕޭނުންވެސް ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. 

މި މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ ބަޔާން މިއުނިކްގެ ދަނޑު، އެލިއަންޒް އެރީނާ ގައެވެ. ޖުމުލަ 24 ޓީމު ވާދަކުރާ މި މުބާރާތުގައި ގަދަ 16 އަށް ދަތުރުކުރާނި ކޮންމެ ގްރޫޕެއްގައި އެއްވަނަ އަދި ދެވަނައިގައި ހިމެނޭ ޓީމެވެ. މީގެއިތުރުން ގްރޫޕުގެ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމުވެސް ގަދަ 16 އަށް ދަތުރުކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް