ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރީން މިއަދު ލޯކަލް ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި، ކައުންސިލުތަކާއި އެހެނިހެން ފަރާތްތަކުން އިންތިޒާމުކޮށްގެން އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ އިންތައް ބަޔާންކޮށްދީފައިވެ އެވެ.
އަދި އެ އިންތައް ފަހަނައަޅައި ނުދާނެހެން ހަރަކާތްތައް އިންތިޒާމުކުރަން އެ މިނިސްޓަރީން އިލްތިމާސްކުރި އެވެ.
އީދުގެ ކުޅިވަރުތައް ރާވާ ހިންގާއިރު ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ އެއްވަނަ މާއްދާގައިވާ ގޮތަށް އެކަން ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ސާކިއުލާގައި އިތުރަށް ބުނެފައިވަނީ އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދާއިރު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބުނާ ފަދައިން ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ސިފަކޮށްދޭ މަންޒަރު ނުވަތަ ލިޔުން އެކުލެވޭ އެއްވެސް އެއްޗެއް ބޭނުން ނުކުރުމާއި އަދި އިސްލާމް ދީން ފިޔަވާ އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ނުގެންގުޅުމާއި އެފަދަ ކަންކަމަށް މަގުފަހި ނުވާނެހެން އީދުގެ ހަރަކާތްތައް ހިންގުމަށްވެސް ވެސް އަންގާފަ އެވެ.
އީދު ތެރޭ އެންމެ ފޯރީގައި ހަރަކާތްތައް ބާއްވަނީ ރަށްރަށުގަ އެވެ. ހަފުތާއެއްހައި ދުވަހަށް ދެމިގެންދާ ހަރަކާތްތަކުގެ ތެރޭގައި ސްޓޭޖު ޝޯތަކާއި، ފެންކުޅި ކުޅުމާއި ކުލަޖެހުމުގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައް ހިމެނެ އެވެ. މަދުން ނަމަވެސް ދީނާ ހިލާފު ބައެއް ކަންކަން ފެންނަމުންދާތީ އެފަދަ ކަންކަމަށް ޖާގަ ނުދެއްވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސްކުރައްވަ އެވެ.