އީދު ހުތުބާގައި ބުނީ، މާތް ނަބިއްޔާގެ އިރުޝާދުގައި ވާ ގޮތަށް މުސްލިމުން އުފާ ފާޅުކުރާއިރު އިސްލާމްދީނުގެ އުސޫލްތަކަށް ތަބާވަން ޖެހޭ ކަމަށާއި، އެހެން ދީންތަކުގެ ގޮތްތަށް ކޮޕީ ކުރަން ނުޖެހޭ ކަމަށެވެ.
އަލްހާ އީދު ދުވަހަކީ މީސްތަކުން ﷲ އަށްޓަކައި ގުރުބާން ކުރާ ދުވަސް ކަމަށާއި މި މަތިވެރި އަލްހާ އީދު ދުވަހުގައި މުސްލިމުން ކުރާ ގުރްބާންތައް އާ ކޮށްދެނީ އިބްރާހީމް އަލައިހިއްސަލާމުގެ ޒިކުރާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.
ހުތުބާގައި ވިދާޅުވީ، ގައުމަކަށް ލިބޭ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމެއްގެ އަހުލުވެރިންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށެވެ.
ހައްޖުގެ މަތިވެރި އަޅުކަމުގައި އިއްޔެ އަރަފާތު ބިމުގައި ފެނުނު މަންޒަރަށް އިޝާރާތްކޮށް ހުތުބާގައި ބުނީ އެތައް މިލިއަން މުސްލިމުންނެއް އެއް ފޭރާމެއްގައި އެއް ބިމަކަށް އެއްވިއިރު އިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަގީރެއް މުއްސަނޖެއް، ވެރިއެއް އަދި ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތް ކަމަށެވެ.
މީގެ އިތުރުން، އީދު ހުތުބާގައި ހައްޖު ދުވަހު އަރަފާތުބިމުގައި ފެނިގެންދިޔަ މަތިވެރި މަންޒަރުތައް ހަނދާންކޮށް އިބުރަތް ހާސިލްކުރުމަށްވެސް ގޮވާލައިފައިވެ އެވެ.
ހުތުބާގައި ބުނީ، ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތަކީ އެ ގައުމަކީ އަމަންއަމާންކަން ލިބިފައިވާ ގައުމަކަށްވުން ކަމަށެވެ. އަދި، އެ ގައުމުގެ އަހުލުވެރިންނަކީ އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށްވުން ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ، އިސްލާމްދީނަކީ އިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް މިއަދު ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށެވެ. އެކަން އެންމެ ބޮޑަށް ދޭހަކޮށްދެނީ ފަލަސްތީނުގެ ރަފާހަ އާއި ގާޒާ އާއި އެހެން ބިންތަކަށް ސަހްޔޫނީން ވެރިވެފައި ވިޔަސް މި ބޮޑު އުންމަތަށް އެމީހުން ހިމާޔަތްކުރަން ނުކުޅެދިފައިވުން ކަމަށެވެ. އެހެންވެ، ހިތުބާގައި ވަނީ މިފަދަ މަތިވެރި ދުވަހެއްގައި އުއްމަތް ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށް ވެސް ގޮވައިލި އެވެ.