ads
އެސްޓީއޯ ހެޑް އޮފީސް: އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 818 މިލިއަން ރުފިޔާ ވަނީ ލިބިފައި - ފޮޓޯ:އެސްޓީއޯ
އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ، މިއީ ރިކޯޑެއް
މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 818 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން ޓެކުހަށް ކެނޑުމަށްފަހު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ ލިބުނުއިރު، 2022 ވަނަ އަހަރު ލިބިފައި ވަނީ 728 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާއަކީ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. މިއީ އެސްޓީއޯގެ ތާރީހުގައި ވެސް ރެކޯޑް އަދަދެކެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ އިތުރުވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯއިން ބުނެފައި ވަނީ އެ ކުންފުނިން ކުރަމުން އަންނަ ވިޔަފާރިތައް ހަރުދަނާ ކުރެވި، ޖުމްލަ ފައިދާ އިތުރު ކުރެވިފައިވުމުން ކަމަށެވެ. އެ ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕުގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމުން އެ ގްރޫޕުގެ ފައިދާ އިތުރުވެ، 1.1 ބިލިއަނަށް އަރާފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެ ކުންފުނިން ބުނީ މިއީ ވެސް ރެކޯޑް އަދަދެއް ކަމަށެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އޭގެ ކުރީ އަހަރު ލިބުނީ 18.2 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު އާމްދަނީއަކީ 2022 ވަނަ އަހަރާ އަޅާބަލާއިރު 10 އިންސައްތަ ދަށް އަދަދެކެވެ.

އެސްޓީއޯއިން ބުނީ 2023 ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ އެކު، އެ ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށް ކުރުމުން ކަމަށެވެ. އެހެންނަމަވެސް ފާއިތުވި އަހަރު އެ ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވުމާ އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަޅުވުމާ އެކު، ޖުމްލަ ފައިދާގެ ގޮތުގައި ތިން ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

"މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދައްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދަށްކުރުމުން. އެހެންނަމަވެސް ފާއިތުވި އަހަރު މި ކުންފުނިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު އިތުރުވުމާއިއެކު، އަދި ކުންފުނިން ކުރާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަގަނޅުވުމާއިއެކު، ޖުމްލަފައިދާގެ ގޮތުގައިވަނީ 3 ބިލިއަން ރުފިޔާ ލިބިފައި," އެސްޓީއޯއިން ބުނެފައިވެ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި 2023 ވަނަ އަހަރު އެ ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާ އެކު، ކުންފުނީގެ ހިންގުމުގެ ފައިދާ ވެސް ވަނީ އިތުރުވެފައި ކަމުގަ އެވެ. މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނުއިރު، 2022 ވަނަ އަހަރު ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް