ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓަށް ބަލާއިރު މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް،
- ޓެކްސް އާމްދަނީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާ ވަނީ ލިބިފައި
- މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 11.2 ބިލިއަން ރުފިޔާ
- މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ލިބިފައިވާ އަދަދު 1.2 ބިލިއަން އިތުރު
ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 15.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 15 ބިލިއަން ރުފިޔާ އެވެ. މި އަހަރު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރާ އަޅާބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. ޖޫން މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް،
- ޓީޖީއެސްޓީގެ ގޮތުގައި 5 ބިލިއަން ރުފިޔާ ލިބިފައިވޭ
- ބީޕީޓީގެ ގޮތުގައި 2.8 ބިލިއަން ލިބުނު
- ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވޭ
- ޖީއެސްޓީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނު
- އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވޭ
ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ޓެކްސް ނޫން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއީ 966.2 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި 3.7 ބިލިއަން ރުފިޔާ ލިބުނެވެ. ޓެކްސް ނޫން ދާއިރާތަކުން މި އަހަރު ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުުރުވި ނަމަވެސް، އެހެނިހެން ޓެކްސްގެ ގޮތުގެ ލިބިފައިވާ އާމްދަނީ ވަނީ 853.6 މިލިއަން ރުފިޔާއިން 149.5 މިލިއަން ރުފިޔާއަށް މި އަހަރު ދަށަށް ގޮސްފަ އެވެ.
ރައްޔިތުންގެ މަޖިލިހުން މި އަހަރަށް ފާސްކޮށްފައި ވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް 13.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި އަހަރު ނިމޭއިރު ދައުލަތަށް 33.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 25.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.