ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައި ވަނީ 775 މިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސަރުކާރަށް ލިބިފައި ވަނީ މި އަހަރަށް ޑިވިޑެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުގެ 30 އިންސައްތަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑް ގޮތުގައި ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކުރި އަދަދަށް މިދިޔަ އަހަރު ނިމުނުއިރު ލިބިފައެއް ނުވެ އެވެ. ކުންފުނިތަކުގެ ފައިދާއިން މިދިޔަ އަހަރު 710 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ބަޖެޓުގައި ކަނޑައެޅި އަދަދަށް ވުރެ 35 އިންސައްތަ ދަށް އަދަދެކެވެ.
ކުންފުނިތަކަށް ދައުލަތުން ކުރަން ޖެހޭ ހަރަދާ އަޅާބަލާއިރު ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބެނީ ކުޑަ އަދަދެކެވެ. މީގެ ކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގަވާއިދާ އެއްގޮތަށް ޑިވިޑެންޑް ދެމުން އަންނަނީ ވަރަށް މަދު ކުންފުންޏަކުން ކަމުގަ އެވެ.
އެސްއޯއީގެ ގޮތުގައި 30 ކުންފުންޏެއް ސަރުކާރުން ހިންގަމުން އަންނައިރު އޭގެ ތެރެއިން ފައިދާ ވަނީ 50 އިންސައްތަ ކުންފުނިންނެވެ. އެސްއޯއީތައް ހިންގުމަށް ބިލިއަނެއްހާ ރުފިޔާ މިހާތަނަށް ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ.