ads
ޓެކްސް ނުދައްކައިގެން 285 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކޮށް، 90.3 މިލިއަން ރުފިޔާ ވަނީ ހޯދާފައި - ފޮޓޯ:މީރާ
285 އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ މީރާއިން ހޯދައިފި
މިދިޔަ އަހަރުގެ ތެރޭގައި ޓެކްސް ނުދައްކައިގެން 285 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކޮށް، 90.3 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މީރާއިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 90.3 މިލިއަން ރުފިޔާ އެ އޮތޯރިޓީއަށް ހޯދިފައި ވަނީ ޓެކްސް ދައްކަމުން ނުދާތީ ނޯޓިސް ފޮނުވުމުން ވެސް ފައިސާ ނުދެއްކި 285 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކޮށްގެންނެވެ.

މިދިޔަ އަހަރު މީރާއިން ޓެކްސް ނުދައްކާތީ 17،054 ފަރާތެއްގެ މައްޗަށް ފިޔަވަޅު އެޅި އެވެ. އެ ފިޔަވަޅުތަކާ އެކު ޓެކްސްގެ ގޮތުގައި ނުދައްކާހުރި ފައިސާއިން 3.9 ބިލިއަން ރުފިޔާ ވަނީ ރިކަވާކޮށްފަ އެވެ. ޓެކްސް ނުދައްކާ 10،013 ފަރާތަކަށް ޓެކްސް ދައްކަން އިންޒާރުގެ ނޯޓިސް ފޮނުވައިގެން 2.2 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 6،234 ފަރާތަކުން އަމިއްލައަށް އިސްނަގައިގެން ޓެކުހުގެ ގޮތުގައި ނުދައްކާހުރި 1.4 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޓެކްސް ނުދައްކާ 473 ފަރާތެއްގެ ނަން އާންމުކޮށްގެން 259.5 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ކުރި މުއާމަލާތްތަކުން 32 ފަރާތަކުން ނުދައްކާހުރި 3.4 މިލިއަން ރުފިޔާ މީރާއިން ހޯދި އެވެ. އޭގެ އިތުރުން ގާނޫނީ ފިޔަވަޅު އަޅައިގެން ޓެކްސް ނުދައްކާ 20 ފަރާތަކުން 335،429 ރުފިޔާ ރިކަވާކޮށްފައިވެ އެވެ.

ޓެކްސްގެ ނުދައްކާ ފަރާތްތަކުގެ ތެރެއިން 795 ފަރާތަކަށް ފައިސާ ބަހާލައިގެން ދެއްކުމަށް މުޅިން އަލަށް މިދިޔަ އަހަރު ވަނީ ފުރުސަތު ދީފަ އެވެ. އެ އޮތޯރިޓީން ބުނީ އެ ފަރާތްތަކުން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 1.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެ ފައިސާގެ ތެރެއިން މީރާއަށް ލިބިފައި ވަނީ 3.92 މިލިއަން ރުފިޔާ އެވެ.

މީރާއިން ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދިން ފަރާތްތަކުން މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ 3،123 ފަރާތަކުން ދެއްކި ފައިސާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް