"އަމިއްލަ އިހްތިޔާރުން ބޭރުން ހިނގާ ކަންކަން ކޮންޓްރޯލްކުރުމުގެ ބާރެއް އަހަރުމެންނަށް ލިބިގެން ނުވޭ..! އެހެންވީމައި، އެއްވެސް އިންސާނަކީ އަބަދު ހިތްވަރުގަދަ މީހެއްގެ ގޮތުގައި ހުރުން ލާޒިމެއް ނޫން.. މާޔޫސްވެ ނާއުއްމީދުވާ ވަގުތުގައި ރޯލާފައި، މާދަމާއާއި ކުރިމަތިލައި ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުން ނޫން ގޮތެއް ނޯވޭ.... ފިރިހެނުންނަށްވުރެން އަންހެނުންގެ ހިއްވަރާއި އަޒުމު ވަރުގަދަ ވާނެ.. އެއީ ދެކޮޅުހެދެން ނެތް ހަގީގަތެއް.. އަހަރެންގެ ދިރިއުޅުމުގައި އެންމެ މުހިއްމު ދެ އަންހެނުންނަކީ އަހަރެންގެ ފަހުރާއި އުފާވެރިކަން..! އަބަދުވެސް އިތުބާރު ކުރާނަން..!!" މުންޝިރު މަސައއްކަތްކުރީ ވެވުނު އެހީތެރިކަމެއް ފޯރުކޮށްދިނުމަށެވެ.
"އިންސާނެއްގެ ހިތަށް ދުވަހަކުވެސް ތަސައްވުރު ނުކުރެވޭނެ މިންވަރަށް ވޭން އުފުލަމުން އެދަނީ.. އަހަރެން ކިހިނެއް އަލީޒީއަށް އެހީވާނީ؟ ކޮން ކަމެއް ކޮށްދެވޭނީ؟ އެހީއެއްވާނެ ގޮތެއްވެސް ނުވިސްނޭ! ހިތްހަމަޖައްސާލަދިނުމަށް ބުނެލާނެ ބަހެއްވެސް އަހަންނަށް ނުވިސްނޭ.. އަލީޒީއަށްވުރެން ހިތްވަރުގަދަ އަންހެނަކާއި ދުވަހަކުވެސް ދިމާވާނެހެން ހިޔެއް ނުވޭ.."
އަލީޒީއާއި އައިޝާއާއި ދެމެދު ހިއްސާކުރެވިފައިވާ ހިއްދަތި ސަފްހާތަކުން މިންވަރެއް މުންޝިރާއި ހިއްސާކުރި އެވެ.
ވާހަކައިގެ ތެރެއިން އައިޝާއަށް ނިދުނުއިރެއް މުންޝިރަށްވެސް ނޭގެ އެވެ. ހަބަރެއް ނުވުމުން ހިނިތުންވެފައި ފޯނުގެ ސްކްރީންއަށް ބަލައިލި އެވެ. އެއާއެކު މުންޝިރުވެސް ނިދިކޮޅެއްގެ އިންތިޒާރުގައި ކޮޓަރިއަށް މިސްރާބުޖެހި އެވެ.
................
މެންދަމުން އަލިވެ ތިނެއް ޖެހީރުވެސް އަލީޒީގެ ލޮލަކަށް ނިންޖެއްނަ އެވެ. ދުނިޔެއާއިމެދު ވިސްނާ ފިކުރުކޮށްލުމަށް އިރުކޮޅެއް ހޭދަކުރި އެވެ. ދުވަސްތަކާއި މަސްތައް އަދި ދިގުދެމިގެންވީ އަހަރުތައް އެއީ މާޒީ އެވެ. ފަހަތަށް ބެލުމެއްނެތި ކިތަންމެ ބާރަށް ކުރިއަށް ފިޔަވަޅު އެޅިޔަސް، ތަގުދީރުގެ ލިޔުމާއި ދެކޮޅަށް އެންމެ ނޭވާއެއްވެސް ބޭރެއް ނުވާނެ އެވެ. ވިސްނިވަރަކަށް ހިޔާލްތައް މަސްހުނިވެ، ބޮނޑިވަނީ އެވެ. އަރާމު ނިންޖަކުން ނިދާލާފައިވާ ލޯބިވާ ދަރިފުޅަށް އަލީޒީ ބަލައިލި އެވެ. ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކަށް އެދަރިފުޅު ތައްޔާރުކުރުމަކީ އަލީޒީގެ ޒިންމާއެކެވެ. އެކަމަށް ހިތާއި ނަފުސު ތައްޔާރެވެ.
ބޮނޑިވަމުންދިޔަ ހިޔާލްތަކުގެ ސަބަބުން ހިތްހަމަޖެހުމެއް ނުލިބުނެވެ. އެނދުން ތެދުވެ މަސައްކަތައިގެން ޝާމިލްވުމަށް ނިންމީ އެއީ އަލީޒީގެ އާދައަކަށް ވެފައިވާތީ އެވެ.
މާ ޖަހަން ފަށާފައިވާ ވައިލެޓްކުލައިގެ ފޮތިގަނޑު ހިފައިގެން އަލީޒީ އިށީނެވެ. ފަށުވި ބަރަނީގެ ހުރިހައި ކުލައެއް ހިމަނާފައިވާ ބަރަނިފޮށި ކައިރިކޮށްލާފައި އޭނާގެ މަސައްކަތް ފެށި އެވެ.
ފަންކާގެ މަޑުމަޑު ވަޔާއި ކޮޓަރީގެ ފަނޑުއަލިކަމުގެ ސަބަބުން އަލީޒީގެ މަސައްކަތަށް ކުޑަވެސް ބުރުލެއް ނާރަ އެވެ. މަސައްކަތުގެ ދުވެލި އަވަސްކޮށްލުމާއެކު ބައްޕަގެ ލޮބުވެތި ހަނދާންތަކުން އަލީޒީގެ ކަރުނަވަޅު ތެންމާލި އެވެ. ހިތައް އަރަމުން ދިޔަ އެވެ!
'ލޯބިވާ ބައްޕާ އެވެ. އެދުވަހު އަހަރެން އެ ހާލަތަށް ދޫކޮށްލާފައި ބައްޕަ ފުރަގަސްދިން ވަގުތުން ފެށިގެން މި ވަގުތާއި ހަމައަށްވެސް ދިރިމިއުޅެނީ ބައްޕައާއެކު ހޭދަކުރެވިފައިވާ އުފާވެރި އަދި މުހިއްމު ވަގުތުތަކުގެ ހަނދާންތަކާއެކު އެވެ. އެއީ އުފާވެރި ވަގުތުތަކެކެވެ. އަގުހުރި ހަނދާންތަކެވެ. ކޮންމެ ކާމިޔާބަކާއި ކޮންމެ ކުރިއެރުމެއް ގުޅިފައިވަނީ ބައްޕަގެ ނަސޭހަތާއި މަސައއްކަތުގެ ހަނދާންތަކާ އެވެ. ލޮލުން ވެއްޓޭ ކޮންމެ ކަރުނައެއް ގުޅިފައިވަނީ ބައްޕަގެ އޯގާތެރި ފިރުމުންތަކާ އެވެ. ލޮލުން އޮހޮރޭ ކޮންމެ ކަރުނައެއް ހާމަކޮށްދެނީ އަހަރެންދެކެ ބައްޕަވީ ލޯތްބެވެ. އެކަމަކު އެންމެ ބޭނުންވި ވަގުތުގައި އިސްޖަހައިލާފައި ބައްޕަ ފުރަގަސްދިން މަންޒަރުން މުޅި ދުނިޔެ ފުނޑުފުނޑުވި އެވެ. އެ ހަނދާންތަކުން މި ދަރިފުޅުގެ ހިތް ދުވަހަކުވެސް މިންޖުވުމެއް ނެތެވެ. ބައްޕާއެވެ! މި ދަރިފުޅު ކުށެށް ނުކުރަމެވެ. ބައްޕަކުރި އިތުބާރަށް ދުވަހަކުވެސް ހިޔާނާތްތެރި ނުވަމެވެ. ހިތުގެ ކޮންމެ ވިންދެއް ގޮވަމުން ދަނީ އަހަރެންގެ ކުށެށް ނެތްކަމަށް ބައްޕައަށް ވިސްނައިދިނުމަށެވެ. ނަމަވެސް ނަސީބުގައި އެވަރުގެ އުފަލެއްވެސް ނެތެވެ. މި ދަރިފުޅުގެ އަޑުއަހާލަން އެދުވަހު ބައްޕަ ވަގުތެއް ނުދިނެވެ. އެދުވަހުގެ ރިހުން މި ހަށިގަނޑުގައި ވިންދު ހުރިހައި ހިނދަކު ފަނޑުނުވާނެއެވެ. މުޅިއުމުރުގައިވެސް މި ދަރިފުޅުގެ މައުސޫމުކަން ހާމަކޮށްލުމުގެ ފުރުސަތެއް ތަގްދީރުގައި ލިޔެވިފައެއް ނެތެވެ. ބަލިކަށި މިހިތަށް ދުވަހަކުވެސް ހަމަޖެހުމެއް ލިބުމެއް ނެތީ ހެއްޔެވެ؟ މިވަރުގެ ހިތްދަތި ވޭނެއްގައި މުޅި އުމުރު ހޭދަކުރާން މިޖެހުނީ ކީއްވެ ހެއްޔެވެ؟ އިންސާފު ލިބުމެއްނެތީ، މިއީ އަންހެން ދަރިއަކަށްވާތީ ހެއްޔެވެ؟ ލޯބިވާ ބައްޕާއެވެ! މި ދަރިފުޅަށް ނޭގިނަމަވެސް ކުށެށް ކުރެވިފައިވާނަމަ މައާފުކުރާށެވެ! ދުވަހަކު އެނބުރި ނަޔަސް، މިދަރިފުޅުގެ ހަމައެކަނި އެދުމަކީ ބައްޕަގެ ހެޔޮ ދުއާ އެވެ. ނިމުމެއް ނެތް އޯގާތެރިކަމެވެ. މި ދުނިޔެއިން އިންސާފު ލިބުމެއް ނެތަސް، ސުވަރުގެއިން ބައްދަލުވާނެކަމުގެ އުއްމީދު އަބަދުވެސް ކުރާނަމެވެ. ކޮންމެ ނަމާދަކަށްފަހު މައިންބަފައިންނަށް ހެޔޮދުއާ ކުރާނަމެވެ. ހާއްސަކޮށް ލޯބިވާ ބައްޕައަށެވެ. ބައްޕަގެ ތަރުބިއްޔަތާއި ދެއްވި ފިލާވަޅު އަބަދުވެސް ދަމަހައްޓާނަމެވެ.'
ލޯ މަރައިލާފައި ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ވޭންދެނިވި ވިހައިގެ އަސަރުތައް ހަށިގަނޑުން ނިކުމެ، އަލީޒީއަށް އަމާންކަމެއް ދޭތޯ އެވެ. ނަމަވެސް އެއީ ލިބުމެއް ނެތް އަރާމެއްކަމަށް ނިންމުން ނޫންގޮތެއް ނެތެވެ.
ފަތިސްނަމާދުން ފައިބައިގެން އައިޝާ އަންނާނެކަން ޔަގީންވާތީ އަލީޒީ ގަޑިއަށް ބަލައިލި އެވެ. ބަންގިގޮވުމާއި ދާދި ގާތްވެފައިވާތީ މާޖެހުމުގެ މަސައްކަތް އެވަގުތަށް އަލީޒީ ނިންމާލި އެވެ. ވުލޫކޮށްލައިގެން އައިސް ކިޔަވަންފެށި އެވެ.
..............
ގޯތިތެރޭގައިވާ ބިޔަ ބޮޑެތި ގަސްތަކުގައި އެކި ރާގުރާގަށް އަޑު ލައްވަމުންދިޔަ ވާލާއި ކޮވެލީގެ ހިތްގައިމު އަޑަށް އިތުރު ފުރިހަމަކަމެއް ލިބުނީ، އެ މިއުޒިކުގައި ކުދި ދޫނިތައް ބައިވެރިވެ އިންސާނުންގެ ހިތްތަކަށް ފަތިހުގެ އުފާވެރި ހަބަރު ގެނެސްދިނުމުންނެވެ. ކޮވެލީގެ ތޫލި އަޑުގެ ވާދަވެރިކަމުގައި ކުކުޅު ހާ ބައިވެރިވުމުން އެސްފިޔަތަކުގެ ހަރަކާތް، ދުވަހުގެ ފެށުމުގައި ގުޅުވާލުމަށްވުރެން ބޮޑު ހިތްހަމަޖެހުމެއް ނުލިބެ އެވެ.
މުޅިން އާ ދުވަހަކަށް ދުނިޔެއަށް ނޭވާލުވުމުގެ ނަސީބު މިންވަރުކުރެއްވި ކަމަށްޓަކައި ﷲގެ ކިބަފުޅަށް ހަމްދާއި ޝުކުރުކުރަމުން ދުނިޔަވީ ވާޖިބުތަކާއިގެން ދުވަސް ފެށުމަށް އަލީޒީވެސް އަޒުމު ކަނޑައެޅި އެވެ.
ދާދި ގާތުގައި ބޮޑިވެލައިގެން އޮތް ދަރިފުޅަށް ބަލައިލަމުން ހިނިތުންވެ، އެ ދަރިފުޅުގެ ފުރިހަމަ ސިއްހަތާއި ހެޔޮރަހްމަތަށް އެދި ދުއާކުރި އެވެ. ދަރިފުޅުގެ ނިއްކުރީގައި ތުންފަތް ޖައްސާލަމުން ކޮލުގައި ފިރުމާލާފައި ފަރުވާތެރިކަމާއެކު އުފުލާލި އެވެ.
އަދި މަޑުމަޑުން އަޔާންގެ އެނދަށްލާފައި އަލީޒީގެ ހަށިގަނޑު ސީދާ ކޮށްލި އެވެ.
ނިދަން އޮވެވުނުގޮތުން ގައިގެ އެތަށް މިތަނުގައި ރިއްސާކަން އިހްސާސްވި އެވެ. ހަށިގަނޑަށް ލުޔެއް ލިބިދާނެކަމަށް ބަލާފައި ކޮންމެވެސް ވަރަކަށް ލުއި ކަސްރަތުތަކެއް ކޮށްލި އެވެ. ދެން ވަނީ ފާހާނާއަށެވެ. ތާޒާވެލައިގެން ނިކުތްއިރުވެސް ބަންގިއެއް ނުގޮވަ އެވެ. އިވެމުންދިޔަ ފަތިހުގެ ހިތްގައިމު ތަރާނާގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ޝައުގުވެރިކަން އުފެދުމުން އަލީޒީގެ މޫނުން ލުއި ހިނިތުންވުމެއް ފެނިލި އެވެ.
ބަނބުކެޔޮގަހުގައި އެލުވާފައި ހުރި އުނދޯލީގައި އަލީޒީ އިށީނެވެ. އޭރުވެސް ފަތިހުގެ ގޮވެލީގެ އަޑު މަޑެއް ނުވެ އެވެ.
ފާއިތުވި ދުވަސްތަކުގެ ނުރައްކާތެރި އެތައް ހާދިސާއެއް އަލީޒީގެ ލޯމަތީން ސިފަވި އެވެ. އެރަށުގައި ހޭދަކުރެވުނު މާޒީއާއިމެދު ވިސްނާލަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. ހަތްއަހަރެއްހައި ދުވަސް ފާއިތުވެގެންދިޔައީ އެތައް ފިލާވަޅެއް ދުނިޔެއިން އަލީޒީއަށް ލިބިދީފަ އެވެ. ބައްޕަގެ ހަނދާންތަކަށް ފަނޑުކަމެއް ދުވަހަކުވެސް ނާންނާނެ އެވެ. ނަމަވެސް ކުށެއްނެތް ކަމެއްގައި އަލީޒީއަށް މައާފު ނުދިން ސަބަބާއިމެދުގައި ފިކުރުކުރުމުން ސިކުނޑީގެ މިސްރާބު ބަދަލެއް ނުކުރެވެ އެވެ. މަންމަގެ ރަހުމުކުޑަ ބަސްތަކާއި މަލާމާތާއި ނިކަމެތިކުރިކުރުން، ހިތުގައި ފަނޑުވުމެއް ނެތެވެ. މަންމައާއި ބައްޕަގެ ފަހްރެއްކަމުގައި ވުމަށް އަބަދުވެސް ހިތުގައި އޮތް ދަރިފުޅުގެ ނިމުމަކީ އެދެމީހުންނަށް ދުނިޔެވީ ލަދަކަށްވުން ކަމުގައި މަންމަ ގަބޫލުކުރިކުރުމަކީ އަލީޒީއަށް ލިބުނު އެންމެ ބޮޑު ހިތްދަތިކަމެވެ. ދުވަހަކުވެސް ލޯކުރިމައްޗަށް ނައުމަށް މަންމަ އެދުނުއެދުން އަލީޒީ ފުރިހަމަކޮށްދެވޭތޯ ބަލާނެ އެވެ.
އަދި ގާތުގައި ހުރެގެން ދެވުނު ލަދުވެތިކަމުގެ ބަދަލުގައި، ދުރުގައި ހުރެގެން އެ މަންމަ ފަހުރުވެރިވާފަދަ ހިތްވަރުގަދަ ދަރިއަކަށް ވެވޭތޯ އަބަދުވެސް މަސައްކަތްކުރާނެ އެވެ. ދުއާއަކީ ބައްޕަ ސުވަރުގޭގެ އަމާންކަމުގައި ލެއްވުމެވެ. މަންމަގގެ ހުރިހައި އުފަލެއް މަންމައަށް މިންވަރުކޮށްދެއްވުމެވެ.
ނަމަވެސް އަލީޒީގެ ހައްގުތަކަށް މަންމަވީ ބޭއިންސާފާއިމެދު އަލީޒީ ނިންމާނީ ކޮން ގޮތެއް ހެއްޔެވެ؟
މަންމަ އުޅެމުން އެގެންދަނީ ބައްޕަގެ މުދަލުގަ އެވެ. އޭގެ ހައްގުވެރިޔަކީ މަންމައާއި މަންމަގެ ލޯބިވެރިޔާ އަކްމަލް އާއި އޭނާގެ ފިރިހެންދަރިފުޅު ކަމަށްވަންޏާއި އަލީޒީއަކީ ކާކު ހެއްޔެވެ؟ އަލީޒީއާއި އޭނާގެ ދަރިފުޅުގެ ހައްގެއް އެމުދަލުގައި ނުވާނެ ހެއްޔެވެ؟ އަލީޒީގެ ދަރިފުޅުގެ ނަސީބުގައިވަނީ މި ކުޑަކުޑަ އުފާވެރި އާއިލާއާއި، މި ދިރިއުޅުން ހެއްޔެވެ؟ އެ ދަރިފުޅަށް ހައްގުވާ ވިންވަރު އަލީޒީގެ މަސައްކަތުން ހޯދައިދެވިދާނެ ހެއްޔެވެ؟
ފުންނޭވާއަކާއެކު ހެއްލާ އުނދޯލީގައި އަލީޒީ ހަމަޖެހިލި އެވެ. އަޔާންގެ ތައުލީމާއި ކުރިމަގަށްޓަކައި އަލީޒީ ހާސިލްކުރަންޖެހޭ އެތައް ލަނޑުދަނޑިއެއް ކުރިމަތީގައިވެ އެވެ. އެއީ ޒިންމާ އެވެ. އަލީޒީގެ ދުނިޔެ އެވެ. ދިރިހުރުމުގެ މަގްސަދެވެ. މަންމައެއްގެ ފުރިހަމަ ވާޖިބު، އެންމެ ފަހުނޭވާއަށްވެސް އަދާކުރުމަކީ އޭނާގެ ލަނޑުދަނޑި އެވެ. އެކަން ހާސިލްކުރުމަށް ކުރާންޖެހުނު ކޮންމެ ކަމެއްގައި އަލީޒީ ސާބިތުވާނެ އެވެ. މިއަދު އަލީޒީއަކީ އެކަނިވެރިއެއް ނޫނެވެ. ޒިންމާއަދާކުރާންޖެހޭ ލޯބިލޯބި ކުޑަކުޑަ އާއިލާއެއް އެބައޮތެވެ. އައިޝާގެ ހާލަތާމެދުގައި ފިކުރު ހިންގާލެވުމުން އަލީޒީއަށް ދެ ލޯ މަރައިލެވުނެވެ.
ތިމާގެކަމަކީ ލޭގެ ގުޅުމާއި ގާތްތިމާގެކަން ނޫންކަން މިއަދު އަލީޒީ ގަބޫލުކުރަން ދުނިޔެ މަޖުބޫރުކޮށްފި އެވެ. އަލީޒީގެ ސަބަބުން އައިޝާ އުފުލަންޖެހިފައިވާ ތަކުލީފާއި ނަގަންޖެހިފައިވާ ބަރުބޮޑު ޒިންމާއަކީ އެއްބަނޑު އެއްބަފާ ކޮއްކޮއަކު ނުވަތަ ދައްތައަކުވެސް ހެޔޮހިތުން މިޒަމާނުގައި އުފުލަފާނެފަދަ ކަންތައްތަކެއް ނޫނެވެ. ޝުކުރުއަދާކުރާން ފަށައިފިނަމަ އިރުއަރައއިގެން ގޮސް އޮއްސުމާއި ހަމައަށްވެސް އެލިސްޓް ކިޔައި ނުނިމޭނެ އެވެ.
ހެޔޮވަރު ވަރަކަށް އުނދޯލި ހެއްލައިލަމުން އަލީޒީ ދެ ލޯމަރައިލި އެވެ. ބައްޕަގެ ދުރުވިސްނޭ ހެޔޮބަސްތަކުން ފިލާވަޅެއް އަލީޒީގެ ސިކުނޑީގައި ތާޒާވި އެވެ.
"ހަގީގީ ހަމަޖެހުމާއި އުފަލަކީ ކޮބައިކަން ކޮންމެވެސް ދުވަހަކުން ދަރިފުޅަށް ވިސްނޭނެ.. އެ ހިތްހަމަޖެހުމަކީ ދަރިފުޅު އަދާކުރާ ވަޒީފާއެއްގެ ސަބަބުން ނުވަތަ ހާސިލްކުރާ މަތީ ޑިގްރީއަކުން ނޫނީ ހަޔާތަށް އިހްތިޔާރުކުރާ ބައިވެރިއެއްގެ ސަބަބުން ހާސިލްވާނެ އެއްޗެއް ނޫން.. އުފަލަކީ ދަރިފުޅުގެ މާޒީގައި އެކުއުޅުނު ނުވަތަ ދިމާވި ބައެއްގެ ފަރާތުން ލިބިގަތް ނަމޫނނާއެއްގެ ސަބަބުން ލިބޭ އެއްޗެއްވެސް ނޫން.. އެއީ އެހެން މީހުންނަށްޓަކައި ދަރިފުޅު ކޮށްދޭ ކަންތައްތަކަކުން ނުވަތަ ވެދޭ އެހީތެރިކަމެއްގެ ސަބަބުން އިހްސާސްވާނެ އެއްޗެއްވެސް ނޫން.. ކޮންމެވެސް ދުވަހަކުން، ދަރިފުޅުގެ ހިތްހަމަޖެހުން، ދަރިފުޅު އަމިއްލައަށް އިހްސާސްކުރާނެ! އެކަންކަމާމެދު އެދުވަހަކުން ފުންކޮށް ދަރިފުޅު ވިސްނާނެ..! މަގުދައްކާނެ މީހަކު އަތްފޯރާފަށުގައި ނެތްނަމަ، ދުނިޔޭގައި އޮތް އުއްމީދާއިމެދު ވިސްނާފައި އަމިއްލަ ހިތުގެ އަޑު އަހާލާ..! އެ ހިތް އިހްތިޔާރުކުރާ މަންޒޒިލަށް، ހިތުގެ މިސްރާބު ދަތުރު ފަށާ...! އަމާން ބަނދަރަކަށް ދެވެންދެން ހިތްވަރުކުރާތި...! ދިރިއުޅުން ދަތުރުކުރާނީ ކުރިއަށް.. ފަހަތަށް ބެލުމަކީ ހަޔާތުގައި އިހްތިޔާރު ކުރެވެން އޮތް މަގެއް ނޫން...!! ތިމާގެ މަންޒިލާއި މަގުސަދު އަމިއްލައަށް ދެނެގަންނަންވާނީ ދުނިޔެއިން ލިބިދިން ފިލާވަޅުން އިބްރަތް ހާސިލްކުރަމުން.. އަމިއްލަ ނަފުސުގެ އިތުބާރާއި އަމިއްލަ ނަފުސުދެކެ ލޯބިވެގެންނޫނީ ދިރިއުޅުމާއި ކުރިމަތި ނުލެވޭނެ..! ތިމާގެ އުފަލާއި ހިތްހަމަޖެހުމާއި ކުރިމަގު ބައްޓަންކުރާނީ ތިމާ އަމިއްލައަށް.. އެހެންމީހުންގެ ނަޒަރިއްޔާތުން ދުނިޔެ ދެކެން މަސައްކަތްކުރާހާ ހިނދަކު، ހިތްހަމަޖެހުމެއް ނުލިބޭނެ..! ތިބާގެ އުފަލާ ހިތްހަމަޖެހުމަކީ ތިބާ..! ވަށައިގެންވާ މާހައުލަކީ ތިބާއަށް ރައްކާތެރި މާހައުލަކަށް ހެދޭނީ ބުއްދިވެރި ސިކުނޑިއަކުން ފިކުރުކޮށްގެން...! ކޮންމެ ކޮޅިގަނޑަކަށްފަހު އަމާންކަމާއި ކުރިމަތިލާނީ އެތައް އިބްރަތެއް ހާސިލްކުރަމުން..! ދަރިފުޅުގެ ސިކުނޑި ނުތަނަވަސްވެ، ހިޔާލްތައް ބޮނޑިވެއްޖެނަމަ، ހިތުގެ އަޑު އަހާލާ..! ސާފު ހިތަކުން ދައްކާ މަގު ދުވަހަކުވެސް ކަސިޔާރުވެގެން ނުދާނެ..!"
ލޯކުރިމަތީން ބައްޕަ ފެނުނު ފަދަ އެވެ. މޭގެ ވާތްފަރާތުގައި އަތް އަޅައި ފިއްތައިލެވުނެވެ. ހިތުގެ ތެޅުމެއް ވާކަން އިހްސާސްކޮށްލާން ބޭނުންވީ އެވެ. އެއް އަރިއަކަށް ހުރަސްކޮށްލާފައިވާ ދިގު އިސްތަށިގަނޑުގައި އަލީޒީ ފިރުމާލީ މާޒީގެ ތެރެއަށް ފީނާލަމުންނެވެ.
މަޑުމަޑު ކްރީމްކުލައިގެ ސޯފާގައި ބައްޕަ އިށީންދެ އިންއިރު، ބައްޕަގެ އުނގުގައި އަލީޒީ ބޯއަޅައިގެނން އޮވެ އެދުވަހު ވިސްނި އެވެ. ފަށުވި އިސްތަށިގަނޑުގައި ލޯތްބާއެކު ބައްޕަ ފިރުމަމުން ދިޔަ އެވެ. ދުނިޔޭގެ ފިލާވަޅުތައް މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބިދިނުމަކީ މަތިވެރި ނިއުމަތެއްކަން މިއަދު އަލީޒީއަށް އިހްސާސްކުރެވެ އެވެ. މާޒީގެ ބިރަށްޓަކައި އަލީޒީގެ ފުރާނަ ކިތަންމެ ފަހަރަކު ނުރައްކަލަކަށް ވައްޓާލެވުނެވެ. އަމިއްލަ ނަފުސުގެ ޔަގީންކަމެއް ނެތުމުން، ހިތުގެ ބިރުވެރިކަން އެހެން މީހަކާ ހިއްސާކުރާނެ ހިތްވަރު ހޯދަން ޖެހިލުންވި އެވެ. މީހަކު ބުނެފާނެ އެއްޗަކަށް މާޒީގެ ސަފްހާތަކުން ހިރަފުސް ފޮޅާލަން އަލީޒީ ބިރުގަތެވެ. ފާއިތުވި ހަތްއަހަރެއްހައި ދުވަހު އަލީޒީ ހޭދަކުރީ، ބިރުވެރިކަމާއި ޖެހިލުންވުމާއި ރިހުމާއި ވޭނާއި، ނަފުސާނީ ބިރުވެރިކަމުގެ ތެރޭގަ އެވެ.
އަމިއްލަ ސިކުނޑީގައި އުފެދޭ ސުވާލުތަކަށް އަލީޒީ ޖަވާބު ބޭނުމެވެ! އެސުވާލުތައް ހިއްސާކުރެވޭނެ މީހަކު ނެތުމަށްވުރެން ބޮޑު ހާސްކަމެއްވެސް ނެތެވެ. ނަމަވެސް މި ސުވާލުތައް ދުރަކަށް ނުދިޔަ އެވެ.
މިގޮތުގައި މުޅި ހަޔާތް ވެއަތުކުރާނީ ހެއްޔެވެ؟ ނުވަތަ ޖެހިލުންވުމާއި ބިރު އެއްފަރާތްކޮށްފައި މެދުހަށި ސީދާކޮށް ދަތްދޮޅި އުފުލާލާނީ ހެއްޔެވެ؟ މުސްތަގުބަލް ކާމިޔާބުކުރުމަށްޓަކައި މަގުކޮށައި އަމާންކުރާނީ ހެއްޔެވެ؟ ޔަގީންވަނީ ހަމައެންމެ ކަމެކެވެ. އެއީ އަޔާންއަށްޓަކައި އަލީޒީ ނުވާނެ ގުރުބާނީއެއް ނުވަތަ ތަހަންމަލް ނުކުރެވޭނެ ގޮންޖެހުމެއް ކުރިމަތި ނުވާނެ އެވެ. ދެން އޮތީ މުސްތަގުބަލެވެ. ފަހަތަށް ބެލުން ނިމުނީ އެވެ. މާޒީއަކީ ތާރީހެވެ. އެއިން ކޮންމެ ދުވަހަކީ ފިލާވަޅެކެވެ. ކޮންމެ ފިލާވަޅަކީ ތަޖުރިބާ އެވެ. ހިތްވަރު ހޯދާނީ އެ ސަފްހާތަކުންނެވެ.
އަމިއްލަ ފުރާނަ ގެންދެވުންއެދި ކުރެވުނު ދުއާތަށް ހިތައް އެރުމުން މުޅި ގައިން ހީބިހިނެގި އެވެ. ނަމަވެސް އެއީ އިއްޔެ އެވެ. ނުވަތަ މާޒީ އެވެ!
-ނުނިމޭ-