މާލޭގެ ގެސްޓްހައުސްއެއްގައި ނޭޕާލް މީހަކު ރަހީނުކުރި މައްސަލާގައި ބަންދުގެ މުއްދަތު އިތުރު ކުރި ދެ މީހުންނަކީ ބަންގްލަދޭޝް ދެ މީހުންނެވެ. ދެ މީހުންގެ ތެރެއިން ޝަމީމް މިއާ ކިޔާ ބަންގްލަދޭޝް މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖެހީ މިއަދުއެވެ. އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަނެއް މީހާވެސް ހުރީ ހައްޔަރުކޮށްފަ އެވެ.
ނޭޕާލު މީހާ ރަހީނުކޮށްގެން ގެންގުޅެފައިވަނީ މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގަ އެވެ. އޭނާ ސަލާމަތް ކުރިއިރު އެއްވެސް ހާނީއްކައެއްވެފައިނުވާ ކަމަށް ފުލުހުން އޭރު ބުންޏެވެ.
މި މައްސަލައިގައި ކުރީގެ ބަންދު އަމުރުން އެނގޭ ގޮތުގައި ނޭޕާލް މީހާ ރަހީނުކޮށް ބަންދުކޮށްފައި ހުރި ކޮޓަރީގެ ޑަބަލް ތަޅުދަނޑި އޭނާގެ އަތުން ވަނީ ފެނިފަ އެވެ. އޭނާ އަކީ އެ ކޮޓަރި ހުރި ގެސްޓްހައުސްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި ނަމަވެސް މިކަމުގައި އޭނާގެ ގުޅުމެއް ނެތް ކަމަށް ޝަމީމް މިއާގެ ވަކީލް ކޯޓުގައި ބުނެފައިވެ އެވެ.
ނޭޕާލް މީހާއާ އޭނާ ބަންދުކޮށްގެން ގެންގުޅުނު މީހުންނާމެދު ޖެހުނީ ފައިސާގެ މައްސަލަތަކެއް ކަމަށް ފުލުހުން ކުރީން ބުނެފައިވެ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް މީހާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެކެވެ. އޭނާ ފިލައިފާނެ ކަމަށް ބެލެވުމަކީ އޭނާ ބަންދު ކުރި ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.