ads
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު ޝަކީލް: ދޮގު ތުހުމަތުތައް ކުރަނީ ކޮރަޕްޝަނަަށް ދެކޮޅު ހަދާތީ ކަމަށް ވިދާޅުވި - ފޮޓޯ:ހައްޖު ކޯޕަރޭޝަން
ދޮގު ތުހުމަތުތައް ކުރަނީ ކޮރަޕްޝަނަށް ދެކޮޅު ހަދާތީ: ޝަކީލް
އޭނާ އާ މެދު ދޮގު ތުހުމަތުތައް ކުރަނީ ކޮރަޕްޝަނަަށް ދެކޮޅު ހަދާތީ ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
Advertisement

ހައްޖުގެ އަޅުކަން ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން ޝަކީލް "ސީއެންއެމް" އަށް ވިދާޅުވީ އޭނާއާ އަދި ހައްޖު ކޯޕަރޭޝަނުގެ މެނޭޖްމަންޓަށް އެކި ކަހަލަ ތުހުމަތުތައް ކުރަނީ ކޮރަޕްޝަނަަށް ދެކޮޅު ހަދާތީ ކަމަށެވެ.

ހައްޖު އަޅުކަން ފުރިހަމަ ކުރެވިފައިވާކަން ފާހަގަކޮށް މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި މުހައްމަދު ނިޒާމް ބުނީ ޖުމްލަ ގޮތެއްގައި ހައްޖު ކޯޕަރޭޝަނުގެ މުވައްޒަފުންނާއި އެހީތެރިންގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށެވެ. އޭނާ ބުނި ގޮތުގައި ބައެއް ފަހަރު މެނޭޖްމަންޓުގެ ފަރާތުން ބޮޑެތި ބްލަންޑަސް އަޅާފައިވާ ކަމަށާއި ބައެއް ފަހަރު ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލުމުގެ ސަބަބުން ހާޖީންގެ ވަގުތާއި ހަކަތަ ބޭކާރުވިކަން ފާހަގަ ކުރެވުނު ކަމުގަ އެވެ.

މިފަދަ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަމާއި ތަޖުރިބާހުރި އަދި ކޮރަޕްޝަނުގެ ތުހުމަތު ނުކުރެވޭނެފަދަ ފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރެވޭނެ އާ މެނޭޖްމަންޓެއް ހައްޖު ކޯޕަރޭޝަނަށް ބޭނުންވާ ކަމަށް ނިޒާމް ބުނެ އެވެ. ހައްޖުގެ ކަންކަން ކޯޕަރޭޝަނުން އިންތިޒާމުކޮށްފައިވާ ގޮތަށް ފާޑުކިޔައި ނިޒާމު ބުނެފައި ވަނީ ފާހަގަކުރެވުނު މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅަން އޭނާ ގަސްތުކުރާ ކަމަށެވެ.

"ހައްޖުވެރިން އަތުން ނެގި ފައިސާ އާއި އެއްވަރުގެ ހިދުމަތެއް ނުދެވުނީ މުތޮއްވިފާ ގުޅިގެން ކޮރަޕްޝަނުގެ އަމަލު ހިންގާފައިވާތީ ކަމަށް ތުހުމަތު ކުރެވޭ. މިކަން ތަހުގީގު ކުރުމަށް އޭސީސީއަށް ހުށަހަޅަން ގަސްތުކުރަން. އަދި ލާއިންސާނީ ގޮތެއްގައި ހާޖީންނާ މެދު ކަންކަން ކޮށްފައިވާތީ އެ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް މަޖުލީހަށާއި އެޗްއާރްސީއެމްއަށް ހުށަހަޅަން ގަސްތުކުރަން،" ނިޒާމުގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އަންނަ އަހަރަށް ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އޭނާގެ ޕޯސްޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ނިޒާމް އެފަދަ ވާހަކަތަކެއް ދައްކާފައި ވަނީ އެދުނު ކަންތައް ފުރިހަމަ ނުކޮށްދިނުމުން ކަމަށެވެ. އެގޮތުން ނިޒާމުގެ ބައްޕަ ހައްޖަށް ކިއު ތަރުތީބުން ދިއުމަށް މި އަހަރު ލިބުނު ފުރުސަތުގައި ބައްޕައަށް އެހީތެރިވުމަށް ހައްޖު ކޯޕަރޭޝަނުގެ އެހީތެރިންގެ ގޮތުގައި އޭނާ އާއި އަންހެނުންނަށް ބައިވެރިވުމުގެ ފުރުސަތަކަށް އެދުނު ކަމަށް ޝަކީލް ވިދާޅުވި އެވެ. ޝަކީލް ވިދާޅުވެފައި ވަނީ އެފަދަ ފުރުސަތެއް އުސޫލުން ބޭރުން ދެވެން ނެތް ކަމަށް ނިޒާމަށް އެންގި ކަމަށެވެ.

"ހައްޖު ކޯޕަރޭޝަނުގެ އެހީތެރިންނަކީ ހުރިހާ ހައްޖުވެރިންނަށް ހިދުމަތް ކުރުމަށް އަންނަ ބަޔަކަށްވާއިރު، ވަކި މީހަކަށް އެހީތެރިވާން އަތުވެއްޖެ ނަމަ ހިދުމަތް ކޮމްޕްރޮމައިޒްވާނެ،" ޝަކީލް ވިދާޅުވި އެވެ.

your imageދިވެހި ހައްޖުވެރިން: ޝަކީލް ވިދާޅުވީ ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާ އެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ދެވުނު ކަމަށް - ފޮޓޯ:ހައްޖު ކޯޕަރޭޝަން

ޝަކީލް ވިދާޅުވި ގޮތުގައި ހައްޖު ކޯޕަރޭޝަނުން އިއުލާނުކުރި ބިޑަކަށް ނިޒާމް ކުރިމަތިލުމަށް އޭނާ އާ މުއާމަލާތު ކުރި ކަމުގަ އެވެ. އެހެންނަމަވެސް އެއީ އޯޕަން ބިޑެއްކަން ފާހަގަކޮށް އެކަމާ އޭނާ ދެކޮޅު ހައްދަވާފައިވާ ކަމަށް ޝަކީލް ވިދާޅުވި އެވެ.

"ނިޒާމުގެ ބައްޕަގެ ބަދަލުގައި މި އަހަރު ހައްޖަށް އައިސް ހުރެ ހައްޖު ކޯޕަރޭޝަނުގެ މެނޭޖްމަންޓަށް އެކި ކަހަލަ ތުހުމަތުތައް ކުރަމުންދާއިރު އަޅުގަނޑު އެދެނީ ނިޒާމް އަވަހަށް ތައުބާވެ، ހަގީގަތާ ހިލާފު ވާހަކަ ދެއްކި ކަމަށް ޓަކައި ރައްޔިތުންގެ ކިބައިން މާފަށް އެދެން،" ހަގީގަތް ހާމަކުރުމަށް ނިޒާމް ފޮނުވި މެސެޖުތަކުގެ ސްކްރީން ޝޮޓް އޭނާގެ އަތުގައި ހުރިކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވި އެވެ.

ޝަކީލް ވަނީ ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާ އެކު، ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރޭގައި 1،150 ދިވެހި ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް މިއަދު ވިދާޅުވެފަ އެވެ.

ފަހުގެ ތާރީހެއްގައި ސައުދީ އަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގު އޮޅި ގެއްލިގެން ރިޕޯޓް ކުރި 100 އަށް ވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަނުގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހޯދައިގެން ގެނެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. ޝަކީލް ފާހަގަކުރެއްވި ގޮތުގައި ސިއްހީ ‏ބޮޑު މައްސަލައެއް ކުރިމަތި ނުވެ، ތަބީއީ މަރަކުން ނިޔާވި އެންމެ ހައްޖުވެރިއެއް ފިޔަވާ އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާ ރައްކާތެރިކަމާ އެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވުނު ކަމުގަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް