ads
ރާއްޖެއަށް އެތެރެކުރި މުދާތަކެއް ނެރެނީ: ޖުލައި އެކަކުން ފެށިގެން އިންޑިއާ ކުންފުންޏަކުން އައްޑޫއަށް މޭވާ އާއި ތަރުކާރީ ގެންނަން ވަނީ ނިންމާފައި - ފޮޓޯ:އެމްޕީއެލް
ޖުލައި 1 ފެށިގެން އިންޑިއާ ކުންފުންޏަކުން އައްޑޫއަށް މޭވާ އާއި ތަރުކާރީ ގެންނަނީ
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިންޑިއާ ކުންފުންޏަކުން އައްޑޫ ސިޓީއަށް މޭވާ އާއި ތަރުކާރީ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އައްޑޫއަށް ދާއިމީ ގޮތެއްގައި ޕެރިޝަބުލް ކާގޯ ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް ކުރަމުން އަންނަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބުލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖަނަލް ޕޯޓު (އެޗްއާރުޕީ) އިން ކުރި މަސައްކަތް ކާމިޔާބުވެ، ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ހިދުމަތް ލިބެން ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

ވަޖީހު ވިދާޅުވީ މި ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށް އެންމެ ގިނައިން ޕެރިޝަބުލް ކާގޯ ގެންނަ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކަމަށެވެ. މީގެ ކުރިން މި ހިދުމަތް ދެވެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، ހިދުމަތް ދެވެނީ އަހަރުގެ ވަކި ދުވަސްތަކެއްގައި ކަމަށް ވަޖީހު ވިދާޅުވި އެވެ. ވަޖީހު ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން އަހަރުގެ ގިނަ ދުވަސްތަކެއްގައި އައްޑޫ ސިޓީއަށް ބޭނުންވާ މިފަދަ މުދާ ގެންދަން ޖެހެނީ މާލޭން ކަމުގަ އެވެ.

ވަޖީހު ފާހަގަކުރެއްވި ގޮތުގައި މިފަހަރު ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ދަގަނޑު ބޯޓު ފަހަރުގައި ކަމަށް ވާތީ، މުޅި އަހަރުގެ ހުރިހާ ދުވަސްތަކެއްގައި ވެސް މެދުކެނޑުމެއް ނެތި، މި ހިދުމަތް ލިބެމުން ދާނެ ކަމުގަ އެވެ.

އާންމު ގޮތެއްގައި މި ބޯޓު ފަހަރުން ގެންދާނީ ބިސް، ފިޔާ، އަލުވި، ތަރުކާރީގެ އެހެން ބާވަތްތަކާ އަދި މޭވާގެ ބާވަތްތައް ކަމަށް ވަޖީހު ވިދާޅުވި އެވެ. ވަޖީހު ވިދާޅުވީ އައްޑޫގެ ރައްޔިތުން، އިންޑިއާއިން ގެންދަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި ޖެނެރަލް ކާގޯގެ ބާވަތްތައް ވެސް މީގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

މި ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާއި 15 ދުވަހަކާ ދެމެދުގެ މުއްދަތެއްގައި ކާގޯ ބޯޓެއް އައްޑޫސިޓީއަށް ދާ ގޮތަށް ކަމަށް ވަޖީހު ފާހަގަކުރެއްވި އެވެ.

މި ކަމާ ގުޅޭގޮތުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ހަސަން ޝިފާން "ސީއެންއެމް" އަށް ވިދާޅުވެފައި ވަނީ އެމްޕީއެލް އާއި އެޗްއާރުޕީ މެދުވެރިވެ ފަށާ މި ދަތުރުތަކަކީ އިންޑިއާއިން އައްޑޫއަށް ސީދާ ކުރެވޭ ދަތުރުތަކަކަށްވާއިރު، މި ދަތުރުތަކަކީ ދާއިމީކޮށް ކުރެވޭ ދަތުރުތަކަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ. މިހާރަށް ކޮންމެ 10 ދުވަހަކާއި 15 ދުވަހަކާ ދެމެދު ދަތުރުތައް ކުރަން ރާވާފައި ވީނަމަވެސް، ޑިމާންޑާ އެއްވަރަށް ދަތުރުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުން ވެސް އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ ސިޓީއަށް ކާގޯގެ ހިދުމަތް ފެށި އެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް