ads
ރައްޔިތުން މަޖިލީހުގެ 20 ވަނަ ދައުރުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ:މަޖިލިސް)
އީދު ބަންދަށް ފަހު މަޖިލީސް އަލުން މަސައްކަތަކަށް
އީދު ބަންދަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.
Advertisement

އީދު ބަންދަށް، އާ މަޖިލިސް މެދު ކަނޑާލިއިރު، މަޖިލީސް އީދު ޗުއްޓީއަށް ދިޔައީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ހިމެނޭ ތިން ވަޒީރުންނަށް ރުހުން ދިނުމަށްފަހު އެވެ. ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލީ، ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އާ މަޖިލީހުން ތިން ވަޒީރުންނަށް ރުހުން ދިނުމަށް ފަހު ކުރު ޗުއްޓީއަކަށް ދިޔައިރު، ހުވައި ކުރުމަށާއި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާއަށް ފަހު 20 ވަނަ މަޖިލީހުން މިހާތަނަށް ބާއްވާފައިވަނީ ތިން ޖަލްސާއެވެ. ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

އާ މަޖިލީހުން ބޭއްވި ތިން ޖަލްސާގައި ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ އިތުރުން، މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކު ކަނޑައެޅުމާއި، ކްލެމެންސީ ބޯޑަށް މަޖިލީހުން މެންބަރަކު ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން ކުރީ މަޖިލީހުން މި މަޖިލީހަށް ވާރުތަވެފައިވާ މައްސަލަތަކުގެ ތެރެއިން ބިމާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ބޭރުކޮށްލުމާއި ތިން ގާނޫނަކަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. މަޖިލީހުގައި ހިނގަމުންދާ ތިން ގާނޫނެއްގެ މަޝްވަރާތަކަކީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތާއި، ސޮވްރިން ޑިވެލޮޕްމެންޓް ފަންޑްގެ ބިލުގެ މަސައްކަތާއި، އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތެވެ. މީގެ ތެރެއިން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މާދަމާގެ ޖަލްސާއަށްވަނީ އެޖެންޑާކޮށްފަ އެވެ.

ސޮވްރިން ޑިވެލޮޕްމެންޓް ފަންޑްގެ ބިލު އަދި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކާ ގުޅޭ ބިލް އޮތީ މިހާރު ފުރަތަމަ ކިޔުން އިއްވައި، ތަޅުމަށް ހުށަހެޅުމުގެ މަރުހަލާ ގައެވެ. އިމިގްރޭޝަން ގާނޫނަށް ހުށަހެޅުނު އިސްލާހުގެ މަސައްކަތް މިހާރު އޮތީ 241 ކޮމިޓީ ގައެވެ. އެއީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅޭ އިސްލާހެވެ. މަޖިލީސް އީދު ޗުއްޓީއަށް ދިޔައީ މި ދައުރުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުންވެސް ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މިހާރު މެންބަރުން ކަނޑައަޅައި ކޮމިޓީތަކުގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން މަޖިލީހުގައި ތިއްބަވަ އެވެ. ސަރުކާރަށް ތާއިދުކުރާ މެންބަރުންނާ އެކު އެ އަދަދު 79 އަށް އަރަ އެވެ. ރިޔާސަތު ނުހިމަނާ އެއީ 78 އެވެ. އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްވާ ނުވަ ދެ މެންބަރަކު މަޖިލީހުގައި ތިއްބަވަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް